ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް އަނބުރާ ގެންދިޔުމަށް ގިނަ ކައުންސިލްތަކާއި އިދިކޮޅު އެމްޑީޕީން ގޮވާލާފައި ވަނިކޮށް، އެ ހިޔާލުތަކަށް ބެލުމެއް ނެތި ލާމަރުކަޒީ ކޮމިޓީއިން ރޭ ބިލް ފާސްކުރި އެވެ.
ކައުންސިލްތަކާއި އެމްޑީޕީން ބުނެފައި ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުށަހެޅި މި ބިލަކީ ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފު ބިލެއް ކަމަށެވެ. އަވަސް އަރުވާލައިގެން މި ބިލް ފާސްކުރަން ކޮމިޓީ ރިޕޯޓު މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މި ބިލު ފާސްކުރަން ވޯޓު ދިނީ ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނެވެ. އެއީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން، އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ޝިފާޒް، ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުالله ޝިހާބު އަދި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ.
އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ކޮމިޓީގައި އިންނަވާ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ. ގިނަ އަދަދެއްގެ ކައުންސިލްތަކުގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް އަންނަނީ މި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލަމުންނެވެ.
ގާނޫނުގެ ދަށުން މިނިވަންކަމާއެކު ކައުންސިލުތަކަށް މިހާރު ވިޔަފާރި ކުރެވުނު ނަމަވެސް ބިލުގައި ވަނީ އެކަމަށް ހުރަސްތަކެއް ކުރިމަތި ކުރަން ހުށަހަޅައިފަ އެވެ. އެގޮތުން، ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ކައުންސިލުން ރަށްރަށުގެ ބިން ކުއްޔަށް ދޫކުރުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ އެވެ.
ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.
އޭގެ އިތުރުން، ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.
ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން އިސްލާހެއް ގެނައީ މި އަހަރުގެ މެއި މަހު އެވެ.
ކައުންސިލްތައް މި ހުއްޓުވަން މަސައްކަތް ސަރުކާރުން މިކުރަނީ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށެވެ.
ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބުގައި ވީ ވައުދާ އެއްގޮތަށް އަމަލު ނުކުރާތީ އާއި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ، އަދި ޑޮލަރު ވެސް 20ރ. އަށް އުފުލި، މުދަލާއި ހިދުމަތުގެ އަގު ބޮޑުވެފައިވާތީ އަދި ހިންގުމުގައި ދޯހަޅިކަން ހުރުމުން ރައީސް މުއިއްޒުގެ ސަރުކާރާމެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުން އިތުރުވެ، ތާއިދު ދަނީ ކުޑަވަމުންނެވެ.
މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް މިހާތަނަށް ގެނައި އިސްލާހުތައް
ފުރަތަމަ އިސްލާހު (މާޗް 26، 2024)
- މި އިސްލާހުގައި ބަޔާންކޮށްފައި ވަނީ ލޯކަލް ކައުންސިލެއް ސިޓީއަކަށް ބަދަލުވުމުގެ ބައެއް އުސޫލުތަކެވެ. ކައުންސިލެއް ސިޓީއަކަށް ބަދަލު ކުރަން ހުށަހަޅާއިރު، ކައުންސިލެއްގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، އެ ކައުންސިލެއްގެ އުމުރުގައި ސިޓީއަކަށް ބަދަލުނުވެވޭނެ ކަމަށް މި އިސްލާހުގައި ބުނެފައިވެ އެވެ.
ދެ ވަނަ އިސްލާހު (އޯގަސްޓް 18، 2024)
- މި އިސްލާހުގައި ބުނަނީ، ކައުންސިލެއްގެ އުމުރުން ބާކީ އެއް އަހަރު އޮއްވައި، ކައުންސިލުގެ ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ އިންތިހާބެއް ބޭއްވުން ލާޒިމު ނޫން ކަމަށެވެ. ހަމަ އެގޮތަށް ކައުންސިލް މެންބަރެއްގެ ގޮނޑި ހުސްވާއިރު ވެސް ކައުންސިލުގެ އުމުރުން ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ ބައި-އިލެކްޝަނެއް ބޭއްވުން ލާޒިމު ނޫން ކަމަށް މި އިސްލާހުގައި ބުނެ އެވެ. އޭގެ އިތުރުން، ސިޓީ ކައުންސިލެއްގެ ގޮނޑި ހުސްވާއިރު ވެސް އެ ކައުންސިލެއްގެ އުމުރގެ ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ އިންތިހާބު ބާއްވަން ނުޖެހޭނެ ކަމަށް މި އިސްލާހުގައި ބުނެފައިވެ އެވެ.
ތިން ވަނަ އިސްލާހު (ސެޕްޓެމްބަރު 18، 2024)
- މި އިސްލާހުގައި ބަޔާންކޮށްފައި ވަނީ ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އާއި ތަރައްގީގެ ޕްލޭން އާއި އައިލެންޑް ޑިވެލޮޕްމަންޓް ޕްލޭން އެކަށައަޅާނެ އުސޫލުތަކެވެ.
ހަތަރު ވަނަ އިސްލާހު (ފެބްރުއަރީ 19، 2025)
- މި އިސްލާހުގައި ބަޔާންކޮށްފައި ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް އުޖޫރު ދިނުމާއި ރޯދަމަހުގެ އެލަވަންސް ދިނުމުގެ އުސޫލެވެ. އަދި އެ ކޮމިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
ފަސް ވަނަ އިސްލާހު (މެއި 19، 2025)
- މިއީ މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ދެ ވަނަ އިސްލާހު ބަދަލު ކުރަން ގެނައި އިސްލާހެކެވެ. މި އިސްލާހުގައި ބުނެފައި ވަނީ ކައުންސިލެއްގެ އުމުރުން ބާކީ 548 ދުވަސް އޮއްވައި އެ ކައުންސިލެއްގެ ރައީސް ނުވަތަ މެންބަރެއްހެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމަށް އިންތިހާބެއް ބާއްވަން ނުޖެހޭ ކަމަށެވެ.
އަދަދު ސްކްރީން
މިއަދުގެ މޫސުން
- ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ. އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ
- ވައިޖެހޭނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލަށް. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލަށް. ވިލާގަނޑުގައި 45 މޭލަށް.
- ކަނޑުތައް ގަދަވާނެ.
- ރާޅުގެ އުސްމިން ހުރީ 3 ފޫޓާއި 7 ފޫޓާ ދެމެދު.
ނަމާދު ވަގުތު
- ފަތިސް 04:47
- އިރުއަރާ 06:02
- މެންދުރު 12:16
- އަޞްރު 15:33
- މަޣްރިބް 18:22
- ޢިޝާ 19:37












