ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު މަނީ ލޯންޑާކޮށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުސް އޮފީހަށް ހުށަހެޅިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސުޖާއުގެ މައްސަލަތަކެއް ތަހުގީގު ކުރީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނީ އެ ރިޕޯޓު ސޯޝަލް މީޑިއާއަށް އިއްޔެ ލީކުކޮށްލުމުންނެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް ތަހުގީގު ކުރަން ފެށި ތާރީހެއް އަދި މިހާތަނަށް އެޅި އެއްވެސް ފިޔަވަޅެއް ބުނެފައެއް ނުވެ އެވެ.
ސުޖާއުގެ މައްސަލަ އެމްއެމްއޭ އިން ބަލަން ފެށީ ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަވާލުކުރި ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) އިން އެ މަސައްކަތް ސަބް ކޮންޓްރެކްޓް ކުރި ތިން ކުންފުންޏަށް ފައިސާ ދޫކުރުމުގެ މުއާމަލާތަށް ފަހު އެވެ.
ކަމާގުޅުން ހުރި އިދާރާތަކުގައި މަސައްކަތް ކުރާ މި ރިޕޯޓުގެ މައުލޫމާތު އެނގޭ މީހުން ވަނީ މިއީ ސައްހަ ރިޕޯޓެއްކަން "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ.

ނޮވެމްބަރު 17، 2023، ގައި މުއިއްޒު ހުވާ ކުރުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރިއަށްގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ބެލުމުގެ ދަށުންނެވެ. މަޖިލީހުން އެ މަސައްކަތް 22.9 މިލިއަން ރުފިޔާއަށް ހަވާލުކުރީ ސިވެކްއާ އެވެ.
ސިވެކްއާ އެ މަސައްކަތް ހަވާލުކުރީ ފަސް މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ހަރަދުވާތީ ޓެންޑާ މަރުހަލާއަށް ނުގޮސް ހަވާލު ކުރުމަށެވެ. ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޓެންޑާއަށް ނުލައި މަސައްކަތް ހަވާލު ކުރެވެ އެވެ. ސިވެކްގައި ސަރުކާރުގެ 10 ޕަސެންޓް ހިއްސާ އޮވެ އެވެ.
ދެ ޓްރާންސެކްޝަނެއް މެދުވެރިކޮށް ސިވެކަށް މުޅި ޖުމަލަ އަދަދު ޖަމާވީ ޑިސެމްބަރު 10، 2023، ގަ އެވެ. ސިވެކަށް ޖަމާވީ ފައިސާގެ ތެރެއިން 19.7 މިލިއަން ރުފިޔާ ޖަމާކުރީ ތިން ކުންފުންޏަކަށެވެ.
އެއީ އޮފިޝަލް އިވެންޓްސް، ޑީޖީ ހޯލްޑިންސް އަދި ކުއިކް ޝުއާ އެވެ. އޮފިޝަލް އިވެންޓްސްއަށް 13 މިލިއަން، ޑީޖީ ހޯލްޑިންސްއަށް ހަތަރު މިލިއަން އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ސިވެކުން ޖަމާކުރި އެވެ.
ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސްއަށް ސިވެކުން ޖަމާކުރި 13.1 މިލިއަން ރުފިޔާގެ ތެރެއިން އަށް މިލިއަން ރުފިޔާ ހޭދަކުރީ ދެ ހިއްސާދާރުންނަށް ލަގްޒަރީ އެޕާޓްމަންޓް ގަންނަން ކަމަށް އެފްއައިޔޫގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ކުންފުނީގެ ދެވަނަ ހިއްސާދާރަކީ ޕީއެސްއެމް ބޯޑުގައި ހިމެނޭ އަހްމަދު އަދުހަމް އެވެ. އަދި ޖުމުލަ އަދަދުގެ 14.46 ޕަސެންޓް ފައިސާ ޖަމާކުރީ ކުންފުނީގެ އެއް ހިއްސާދާރު ޝުޖާއުގެ އެކައުންޓަށެވެ.
އޮފިޝަލް އިވެންޓްސްގެ 50 ޕަސެންޓް ހިއްސާ އޮންނަނީ ޝުޖާއުގެ ނަން މަތީގަ އެވެ. އޭރު އޭނާ ހުންނެވީ މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ދާއިރާގެ މެންބަރުގެ މަގާމާއި ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގަ އެވެ. ކުއިކް ޝުއާ ރަޖިސްޓްރީ ކޮށްފައިވަނީ ޝުޖާއުއާ ދެބެންގެދެދަރި ކޮއްކޮއެއް ކަމަށްވާ މުހައްމަދު ނާފިޒުގެ ނަންމަތީގަ އެވެ. އޭނާއަކީ މި ސަރުކާރުގެ ޔޫތު މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރަކެވެ.
އެ ރިޕޯޓުގައިވާ ގޮތުން ނޮވެމްބަރު 2، 2022، އިން ފެށިގެން ނޮވެމްބަރު 7، 2023، އާ ދެމެދު ކުއިކް ޝުއާއަށް މާލެ ސިޓީ ކައުންސިލުން 10.5 މިލިއަން ރުފިޔާ އެކި މަސައްކަތުގެ އަގުގެ ގޮތުގައި ދީފައިވެ އެވެ. އޭރު މޭޔަރަކަށް ހުންނެވީ މުއިއްޒު އެވެ.
މުއިއްޒު ވެރިކަމަށް އައުމަށް ފަހު ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކުންފުނިތަކުން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސް ކުންފުންޏަށް ފައިސާ ޖަމާކޮށްފައިވެ އެވެ. އެފްއައިޔޫގެ ރިޕޯޓުން އެނގޭ ގޮތުގައި 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް ސަރުކާރުގެ އެކި ކުންފުނިތަކުން ޖަމާކޮށްފައިވެ އެވެ. މީގެ ތެރެއިން ގިނަ މުއަމަލާތްތައް ހިނގާފައި ހުރީ ޑިސެމްބަރު 2023 އާއި ޖެނުއަރީ 2024 އާ ދެމެދު އެވެ.
އެ ކުންފުނިތަކުގެ ތެރޭގައި އެޗްޑީސީ، ވެމްކޯ، ސްޓެލްކޯ އަދި އެމްއޭސީއެލް ހިމެނެ އެވެ. ބެލެވޭ ގޮތުގައި މިއީ ތަފާތު އިވެންޓްތައް ބޭއްވުމަށް އިވެންޓް މެނޭޖަރެއްގެ ގޮތުގައި އެ ކުންފުންޏަށް ދޫކޮށްފައިވާ ފައިސާ އެވެ. އޮފިޝަލް އިވެންޓްސްއަކީ ރާއްޖޭގައި އިވެންޓް މެނޭޖު ކުރުމުގެ ހިދުމަތް ދޭ އެންމެ ވަރުގަދަ އެއް ކުންފުންޏެވެ.
މި މުއަމަލާތްތައް "ފަށަލަކޮށް" އެ ފައިސާ އެކި ގޮތްގޮތަށް ދައުރުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެއީ އިތުރަށް ތަހުގީގު ކުރަން އެ ރިޕޯޓުގައި ލަފާދީފައިވެ އެވެ. މި ރިޕޯޓުގައި ސިވެކްގެ އިސްވެރިންނަށް ވެސް ތުހުމަތުތަކެއް އަމާޒުވާއިރު އެ މައްސަލަތައް ބަލަމުންދާ ކަމެއް މިހާތަނަށް އެނގިފައި ނުވެ އެވެ.











