ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އިއްޔެ އެރުވި، ދިވެހި ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި ހަސަން ސާބިރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ސާބިރު އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
"ހަސަން ސާބިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާ، ޖުލައި 29، 2025 ވާ އަންގާރަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި،" ރައީސް އޮފީހުން ބުންޏެވެ.
ސާބިރު، 73، އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެނގިފައިވާ ގޮތުގައި ސާބިރު ގެންދެވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންނެވެ.
ސާބިރުގެ ޖަނާޒާ ބޭއްވުމަށް ސަރުކާރުން ނިންމާފައި ވަނީ ރަސްމީ އިއްޒަތުގަ އެވެ. ސާބިރުގެ މޫނުދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގަ އެވެ. ކަށު ނަމާދު އޮންނާނީ އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

އެމަނިކުފާނު ސަރުކާރުގެ ވަޒީފާއަކަށް އެންމެ ފުރަތަމަ ވެންނެވީ ފެބްރުއަރީ 7، 1973، ގަ އެވެ. އޭގެ ފަހުން، ފަތުރުވެރިކަމުގެ ދާއިރާ އާއި ފިޝަރީޒް އަދި ދަނޑުވެރިކަމުގެ ދާއިރާއިން ސާބިރު ވަނީ ގައުމަށް ހިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓުގައި 1993 ވަނަ އަހަރު ފިޝަރީޒް މިނިސްޓަރުގެ ގޮތުގައި އަދި 1998 ވަނަ އަހަރު ޓުއަރިޒަމް މިނިސްޓަރުގެ ގޮތުގައި ހިމެނުއްވި އެވެ. އޭގެ ފަހުން 2003 ވަނަ އަހަރު އިއުލާނު ކުރެއްވި ކެބިނެޓުގައި ވެސް ޓުއަރިޒަމް މިނިސްޓަރަކަށް ހަމަޖެއްސެވީ ސާބިރެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިން ގިނަ ކުރަން އެކި ގޮތްގޮތުން ސާބިރު މަސައްކަތްކޮށްދެއްވި އެވެ. އެގޮތުން، "ސަނީ ސައިޑް އޮފް ލައިފް" މޮޓޯ މުޅި ދުނިޔެއަށް އިސްތިހާރު ކުރުމުގައި އެމަނިކުފާނުގެ ރޯލު ބޮޑެވެ. އަދި ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު ގިނަ ކުރެއްވުމަށް ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި އެވެ.
ސާބިރު ވަނީ 2000 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ އއ. އަތޮޅުގެ މެންބަރުކަން ކުރައްވައިފަ އެވެ. ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގައި ވެސް ސާބިރު ބައިވެރިވެވަޑައިގަތެވެ.
ސާބިރު ވަނީ ހާރިޖީ ދާއިރާގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުގެކަމުގެ މަގާމާއި ސިންގަޕޫރު ސަފީރުކަމުގެ މަގާމާއި ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާ ސަފީރު ކަމުގެ މަގާމާއި ޖަޕާނު ސަފީރުކަމުގެ މަގާމުގައި އަދާ ކުރެއްވި އެވެ.
ދިވެހިރާއްޖެއަށް 2004 ވަނަ އަހަރު ސުނާމީއެއް އެރުމުން، ރާއްޖެއަށް ކޮންމެހެން ބޭނުންވި ބޭރުގެ އެހީ ހޯއްދެވުމަށް ސާބިރު އިސް ދައުރެއް އަދާ ކުރެއްވި އެވެ. އަދި ސިންގަޕޫރުގައި 2008 ވަނަ އަހަރު އަވަހާރަވި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ހަށިކޮޅު މާލެ ގެނައުމުގައި ވެސް ސާބިރު އެހީތެރިވެދެއްވި އެވެ.














