ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މިރޭ ކުރިއަށް ގެންދަން ނިންމާފައިވާ ޑްރޯން ޝޯ އާއި ހަވާގެ ކުޅިވަރު ބަލަން ނުކުތް މީހުން މާލޭގެ ކެފޭތަކާއެކު މުޅި ބޭރުމަގު ފުރާލައިފި އެވެ.
އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި ތިލަފުށްޓާއި ގިރާވަރުފަޅު ހިމެނޭ ކަނޑުގެ ބޮޑު ސަރަހައްދު ވަށައިގެން 19 ދިމާލަކުން ހަ މިނެޓު ވަންދެން ހަވާ އަރުވަން ވަނީ ނިންމައިފަ އެވެ. އަަދި އޭގެ ކުރިން ތަފާތު މަންޒަރުތައް ފެންނަ ޑްރޯން ޝޯއެއް ބޭއްވުމަށް ވެސް ވަނީ ތައްޔާރުވެފަ އެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ކުލަގަދަކޮށް ބަޑިބޭހުގެ ކުޅިވަރު ކުޅޭ ފަހަރެވެ. މީގެ ކުރިން އެންމެ ވަރުގަދައަށް ރާއްޖޭގައި ހަވާ އެރުވީ ސިނަމާލެ ބްރިޖު ހުޅުވުމާ ގުޅިގެންނެވެ.
އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ މުނާސަބަތުގައި ހަވާ އަރުވަން ނިންމާފައި މީގެ ކުރިން އޮތީ މިރޭ 8:30 ހާއިރުން ފެށިގެންނެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ ހަވާ އަރުވަން އޮތް ގަޑި މިހާރު ވަނީ ފަސްކޮށްފަ އެވެ. ހަވާ އަރުވާނެ ކަމަށް މިހާރު ލަފާ ކުރެވޭ ވަގުތަކީ މިރޭ 9:40 އެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވައި އެއްކޮށް ބޭނުން ކުރަން ފެށުމުން އެއާޕޯޓުން އަހަރަކު ހިދުމަތް ދެވޭ ފަސިންޖަރުންގެ އަދަދު 7.5 މިލިއަން ފަސިންޖަރުންނަށް އިތުރުވާނެ އެވެ. އަދި މިހާރަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފުރާ މީހުންނަށް ދެވޭނެ މަގު ފަހި ވެގެން ދާނެ އެވެ.

ގާތްގަނޑަކަށް ނުވަ އަހަރުން ނިންމި މި ޓާމިނަލަކީ، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އެކްސްޕޭންޝަން ޕްރޮޖެކްޓުގެ އެންމެ ފަހު މަސައްކަތެވެ. މުޅި މި ޕްރޮޖެކްޓަށް 812 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު، މިއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ އަގު ބޮޑު ޕްރޮޖެކްޓެކެވެ.












