ލަވައަކާއެކު މުއިއްޒުގެ ފަރާތުން މޯދީއަށް އެއާޕޯޓުގައި ހޫނު މަރުހަބާއެއް

ރައީސް މުއިއްޒާއި މޯދީ: ބޮޑުވަޒީރަށް ރަސްމީކޮށް މަރުހަބާ ކިޔުން އޮންނާނީ މިއަދު މެންދުރު ފަހު ވެރި ރަށް މާލޭގައި -- ފޮޓޯ: ސްކްރީން ގްރޭބް

ރައީސް މުއިއްޒާއި މޯދީ: ބޮޑުވަޒީރަށް ރަސްމީކޮށް މަރުހަބާ ކިޔުން އޮންނާނީ މިއަދު މެންދުރު ފަހު ވެރި ރަށް މާލޭގައި -- ފޮޓޯ: ސްކްރީން ގްރޭބް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ދިވެހިރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ހާއްސަކޮށްފައިވާ ލަވަޔަކާއެކު ރައީސް މުހައްމަދު މުއިއްޒު ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ދިވެހިރާއްޖެގެ 60 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ވަޑައިގަތުމުން އެމަނިކުފާނަށް އެއާޕޯޓުގެ ރަންވޭގައި މަރުހަބާ ދެންނެވީ މުއިއްޒެވެ.

އެއަށްފަހު މޯދީއަށް ހާއްސަކޮށްފައިވާ ލަވައެއް މަޖީދިއްޔާ ސްކޫލް ދަރިވަރުންގެ ނެށުމަކާއެކު ހުށަހަޅައިދިނެވެ. އެ ލަވައިގައި އިންޑިއާއަކީ ދިވެހިރާއްޖެއަށް "ދީލަތި، ވަފާތެރި" ގައުމެއް ކަމަށް ފާހަގަ ކުރެއްވި އެވެ.

މޯދީއަށް މަރުހަބާ ދެންނެވުމަށް ދިވެހިރާއްޖޭގައި ދިރިއުޅޭ ބައެއް އިންޑިއާ ދަރިވަރުން އެއާޕޯޓަށް ދިޔަ އެވެ. މޯދީ ވަނީ އެމީހުންނާ ސަލާމްކޮށް ވާހަކަ ދައްކަވައިފަ އެވެ.

ބޮޑުވަޒީރު މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން މިއަދު މެންދުރު ފަހު ވެރި ރަށް މާލޭގައި އޮންނާނެ އެވެ. އޭގެ ފަހުން ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތަކެއް ކުރިއަށްގެންދާނެ އެވެ. އަދި މުހިންމު އެއްބަސްވުންތަކެއްގައި ވެސް ސޮއި ކުރައްވާނެ އެވެ.

މުއިއްޒާއި މޯދީއާ ދެމެދު ކުރާ މަޝްވަރާތަކުގައި، މެރިޓައިމްގެ ދާއިރާއިން ގުޅުން ބަދަހި ކުރަން އޮކްޓޯބަރު، 2024، ގައި ދެ ގައުމުން ސޮއި ކުރި އެއްބަސްވުން ތަންފީޒުވަމުންދާ މިންވަރު ބެލުން ހިމެނެ އެވެ.

މޯދީގެ ދަތުރުގައި އެމަނިކުފާނު ރާއްޖޭގެ ސިޔާސީ ލީޑަރުންނާ ވެސް ބައްދަލު ކުރައްވާނެ އެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ހިމެނެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ ވެސް މޯދީ ބައްދަލު ކުރައްވާނެ އެވެ. އެ ބައްދަލުވުންތައް ބާއްވާނީ ވަކިވަކިންނެވެ.

މިއީ ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ތިން ވަނަ ޒިޔާރަތެވެ. މީގެ ކުރިން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު މޯދީ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މޯދީ އަކީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ ގައުމެއްގެ ފުރަތަމަ ވެރިޔާއަށެވެ.

އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާއިރު އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ނަމުގައި ކުރެއްވެވި ހުތުރު ކެމްޕެއިނަކަށް ފަހު އެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ޗައިނާއާއެކު ވަރަށް ގުޅުން ބަދަހި ކުރެއްވި އެވެ.

ޖެނުއަރީ 13، 2024، ގައި ޗައިނާއަށް ކުރެއްވި ދަތުރަކަށްފަހު ހުޅުލޭގައި ހުންނަވައި، އިންޑިއާގެ ނަން ވިދާޅުވުނުވެ ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ބުލީ ކުރާ ގައުމެއް ކަމަށެވެ.

"ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ކަލޭމެންނަށް އަހަރުމެން ބުލީ ކުރުމުގެ ހައްގެއް ނުލިބޭ،" އެ ދުވަހު ރައީސް ވިދާޅުވި އެވެ.

އިންޑިއާއިން ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވައި، ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުނު ކަމަށް ވެސް ރައީސް މުއިއްޒު އެ ދުވަހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުންނެއް އެއްވެސްވަރަކަށް ނުފޫޒެއް ނުފޯރުވާ. ކުރީގައި، ދާދިފަހަކާ ޖެހެންދެން ފެނުނީ، މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ، އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައިވެސް އިށީނދެވެނީ، ވަކި ބައެއްގެ ހުއްދަ ހޯދައިގެންކަން،" ރައީސް ވިދާޅުވެފައިވެ އެވެ.

ރާއްޖެއިން ފަހުން އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން ރައީސް މުއިއްޒުއަށް މަޖުބޫރުވެވަޑައިގަތީ ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުންނެވެ. އޭގެ ފަހުން އިންޑިއާއިން ވަނީ ރާއްޖެއިން ދައްކަންޖެހޭ ލޯނެއް ރޯލްއޯވާކޮށްދީ، 800 މިލިއަން ޑޮލަރުގެ އަގު ހުރި ކަރަންސީ ސްވޮޕެއް ހަމަޖައްސައިދީފަ އެވެ.

ގުޅުން ނޯމަލައިޒް ކުރުމުގެ މުގާބިލުގައި ރާއްޖެއިން އެއްބަސްވީ އުތުރުތިލަފަޅުގައި އިންޑިއާއިން އަޅާ އަސްކަރީ ބަނދަރުގެ މަސައްކަތް އަވަސް ކުރުމަށާއި ލ. އަތޮޅުގައި ޓްރާންސްޝިޕްމަންޓު ބަނދަރެއް އެޅުމުގެ މަސައްކަތް އިންޑިއާއަށް ދިނުމަށާއި މެރިޓައިމް ދާއިރާއިން ގުޅުން ބަދަހި ކުރުމަށެވެ.

އިންޑިއާ-މޯލްޑިވްސް ވިޝަން ޑޮކިއުމެންޓުގެ ނަމުގައި ތައްޔާރު ކުރި، ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށްގެންދާނެ ގޮތުގެ އެއްބަސްވުމެއްގައި ވެސް ރާއްޖެއިން ސޮއި ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox