ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަ ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ބޮޑުވަޒީރުގެ މި ދަތުރަކީ ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. މި ދަތުރުގައި މޯދީ އާއި މުއިއްޒާ ދެމެދު ރަސްމީ މަޝްވަރާތަކެއް ކުރިއަށްގެންދާނެ އެވެ.
އެނގިފައިވާ ގޮތުގައި މުއިއްޒުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ މޯދީ ބައްދަލު ކުރައްވާނެ އެވެ. އެ ހުރިހާ ބައްދަލުވުންތަކެއް ވެސް ކުރިއަށް ގެންދާނީ ވަކިވަކިންނެވެ.
މުއިއްޒާއި މޯދީއާ ދެމެދު ކުރާ މަޝްވަރާތަކުގައި، މެރިޓައިމްގެ ދާއިރާއިން ގުޅުން ބަދަހި ކުރަން އޮކްޓޯބަރު، 2024، ގައި ދެ ގައުމުން ސޮއި ކުރި އެއްބަސްވުން ތަންފީޒުވަމުންދާ މިންވަރު ބެލުން ހިމެނެ އެވެ.
އޭގެ އިތުރުން، ދެ ގައުމު ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތައް މޯދީ އިފުތިތާހުކޮށްދެއްވާނެ އެވެ. އޭގެ ތެރޭގައި ގެދޮރުވެރިޔާ ފްލެޓުތައް އިފުތިތާހު ކުރުން ހިމެނެ އެވެ.

މިއީ ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ތިން ވަނަ ޒިޔާރަތެވެ. މީގެ ކުރިން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު މޯދީ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މޯދީ އަކީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ ގައުމެއްގެ ފުރަތަމަ ވެރިޔާއަށެވެ.

އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާއިރު އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ނަމުގައި ކުރެއްވެވި ހުތުރު ކެމްޕެއިނަކަށް ފަހު އެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ޗައިނާއާއެކު ވަރަށް ގުޅުން ބަދަހި ކުރެއްވި އެވެ.
ޖެނުއަރީ 13، 2024، ގައި ޗައިނާއަށް ކުރެއްވި ދަތުރަކަށްފަހު ހުޅުލޭގައި ހުންނަވައި، އިންޑިއާގެ ނަން ވިދާޅުވުނުވެ ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ބުލީ ކުރާ ގައުމެއް ކަމަށެވެ.
"ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ކަލޭމެންނަށް އަހަރުމެން ބުލީ ކުރުމުގެ ހައްގެއް ނުލިބޭ،" އެ ދުވަހު ރައީސް ވިދާޅުވި އެވެ.
އިންޑިއާއިން ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވައި، ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުނު ކަމަށް ވެސް ރައީސް މުއިއްޒު އެ ދުވަހު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުންނެއް އެއްވެސްވަރަކަށް ނުފޫޒެއް ނުފޯރުވާ. ކުރީގައި، ދާދިފަހަކާ ޖެހެންދެން ފެނުނީ، މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ، އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައިވެސް އިށީނދެވެނީ، ވަކި ބައެއްގެ ހުއްދަ ހޯދައިގެންކަން،" ރައީސް ވިދާޅުވެފައިވެ އެވެ.

ރާއްޖެއިން ފަހުން އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން ރައީސް މުއިއްޒުއަށް މަޖުބޫރުވެވަޑައިގަތީ ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުންނެވެ. އޭގެ ފަހުން އިންޑިއާއިން ވަނީ ރާއްޖެއިން ދައްކަންޖެހޭ ލޯނެއް ރޯލްއޯވާކޮށްދީ، 800 މިލިއަން ޑޮލަރުގެ އަގު ހުރި ކަރަންސީ ސްވޮޕެއް ހަމަޖައްސައިދީފަ އެވެ.
ގުޅުން ނޯމަލައިޒް ކުރުމުގެ މުގާބިލުގައި ރާއްޖެއިން އެއްބަސްވީ އުތުރުތިލަފަޅުގައި އިންޑިއާއިން އަޅާ އަސްކަރީ ބަނދަރުގެ މަސައްކަތް އަވަސް ކުރުމަށާއި ލ. އަތޮޅުގައި ޓްރާންސްޝިޕްމަންޓު ބަނދަރެއް އެޅުމުގެ މަސައްކަތް އިންޑިއާއަށް ދިނުމަށާއި މެރިޓައިމް ދާއިރާއިން ގުޅުން ބަދަހި ކުރުމަށެވެ.
އިންޑިއާ-މޯލްޑިވްސް ވިޝަން ޑޮކިއުމެންޓުގެ ނަމުގައި ތައްޔާރު ކުރި، ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށްގެންދާނެ ގޮތުގެ އެއްބަސްވުމެއްގައި ވެސް ރާއްޖެއިން ސޮއި ކުރި އެވެ.












