އިންޑިއާއިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރާއި އަސްކަރީ މަތިންދާބޯޓު ދުއްވަން އެ ގައުމުގެ ސިފައިން ނެތަސް، އެކަށީގެންވާ މީހުންނާއެކު އެ ތަކެތި ބަރާބަރަށް އޮޕަރޭޓު ކުރަމުންދާ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރާމް މިސްރީ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިކްރާމް ވިދާޅުވީ، އިންޑިއާއިން ހަދިޔާކުރި އުޅަނދުތައް މެނޭޖް ކުރެވޭނެ އެކަށީގެންވާނެ މީހުންނާއެކީ އެ ތަކެތި ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ކަމަށެވެ.
ދެ ހެލިކޮޕްޓަރާއި ޑޯނިއާގެ ބޭނުން ރާއްޖެއިން އެންމެ ރަނގަޅަށް ހިފޭނެ ގޮތަކަށް އެހީތެރިވެދިނުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިކްރާމް ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އަސްކަރީ އުޅަނދުތަކާއި އެ ތަކެތި އޮޕަރޭޓު ކުރަން އުޅުނު އިންޑިއާގެ ސިފައިންނަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނުގައި ދިޔައީ ވިސްނައިދެމުންނެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ރާއްޖޭގައި ހަރަކާތްތެރިވި އިންޑިއާގެ 76 ސިފައިން މެއި، 2024، ގައި ރާއްޖެއިން ފޮނުވާލި އެވެ. އެކަމަކު އޭގެ ބަދަލުގައި ހަމަ އެ އަދަދަށް އިންޑިއާގެ ސިފައިންގެ ބެލުމުގެ ދަށުން ހިންގާ ކުންފުންޏެއްގެ މުވައްޒަފުން ވަނީ ގެނެސްފަ އެވެ.

އިންޑިއާގެ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓު ނުއުދުއްސައި ވެސް ރާއްޖެއިން ވަރަށް ގިނަ ދުވަހު މަޑު ކުރި އެވެ. އެއިރު ރައީސް މުއިއްޒު މަސައްކަތް ކުރެއްވީ އިންޑިއާއާ ފެޔަށްޖެހި ޗައިނާއާ ގުޅުން ބަދަހި ކުރުމަށެވެ. ނަމަވެސް މާލީ ދަތިތަކާ ހެދި އަލުން އިންޑިއާއާ ގުޅުން ބަދަހި ކުރަން މަޖުބޫރުވީ އެވެ.














