ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މި އަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ހަމަ ޖައްސައިދިނުމަށް މިނިސްޓްރީތަކަށް ދަންނަވާފައި ވާނެ ކަމަށެވެ.
"ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމަށް ދޫކުރާ ލޯނު ސްކީމަށް މި އަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް [806 ދަރިވަރުން] ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް ވާނީ ދަންނަވާފައި،" ރައީސްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
މި އަހަރު ސްޓޫޑެންޓް ލޯނަށް ހުޅުވާލި 500 ފުރުސަތަށް 1،338 ދަރިވަރުން ކުރިމަތިލި އެވެ. އޭގެތެރެއިން ޝަރުތު ހަމަވީ 806 ދަރިވަރުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވަގުތީ ނަތީޖާގައި ޑިސްކޮލިފައިވި ދަރިވަރުން ޑިސްކޮލިފައިވި ސަބަބު އަންގާފައިވާ ކަމަށާއި އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ ވަގުތީ ނަތީޖާ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.
ސްޓޫޑެންޓް ލޯނަށް ހުށަހެޅި އެއްވެސް މީހެއްގެ ޝަކުވާއެއް އޮތް ނަމަ އޯގަސްޓް 3، ގެ މެންދުރު 1:00 ގެ ކުރިން loan.complaints@mohe.gov.mv އަށް ހުށަހަޅަން މިނިސްޓްރީން އެދެ އެވެ.
މިދިޔަ ދައުރުގައި ވެސް ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނެވެ.














