ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަ ކުރަން ބާއްވާ ރަސްމީ ޖަލްސާގެ ޝަރަފުވެރި މެހެމާނަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ މިނިވަން ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ވަޑައިގަންނަވާނީ ޖުލައި 25، ގަ އެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ޖުލައި 26، ގައި މޯދީ ރާއްޖެއިން ފުރާވަޑައިގަންނަވާނެ އެވެ.
މޯދީއަކީ މި ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ އެންމެ ފުރަތަމަ ހެޑް އޮފް ސްޓޭޓް އެވެ. އަދި މިއީ ދިވެހިރާއްޖެއަށް މޯދީ ކުރައްވާ ތިން ވަނަ ޒިޔާރަތެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ބާއްވާ މަޝްވަރާތަކުގައި މޯދީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އޭގެ އިތުރުން، މެރިޓައިމް ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އޮކްޓޯބަރު، 2024، ގައި ދެ ގައުމުން ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދެވިފާ މިންވަރާ ގުޅޭ ގޮތުން މޯދީ އާއި ރައީސް މުހައްމަދު މުއިއްޒުއާ ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބުނެ އެވެ.


ރައީސް މުއިއްޒު ގެކޮޅު ކުރިމަތީ އިންޑިއާގެ ރަސްމީ ދިދަ ހަރުކޮށްފައި: މޯދީއަކީ މި ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ހެޑް އޮފް ސްޓޭޓް -- ފޮޓޯ: އަތޫފް އާތިފް / އަދަދު
ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާއިރު ދެ ގައުމުގެ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައެއް ޕްރޮޖެކްޓުތައް އިފުތިތާހު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ.
އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާއިރު އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ނަމުގައި ކުރެއްވެވި ކެމްޕެއިނަކަށް ފަހު އެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ޗައިނާއާއެކު ވަރަށް ގުޅުން ބަދަހި ކުރެއްވި އެވެ.
ޖެނުއަރީ 13، 2024، ގައި ޗައިނާއަށް ކުރެއްވި ދަތުރަކަށްފަހު ހުޅުލޭގައި ހުންނަވައި، އިންޑިއާގެ ނަން ވިދާޅުވުނުވެ ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ބުލީ ކުރާ ގައުމެއް ކަމަށެވެ.
"ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ކަލޭމެންނަށް އަހަރުމެން ބުލީ ކުރުމުގެ ހައްގެއް ނުލިބޭ،" އެ ދުވަހު ރައީސް ވިދާޅުވި އެވެ.
އިންޑިއާއިން ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވައި، ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުނު ކަމަށް ވެސް ރައީސް މުއިއްޒު އެ ދުވަހު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުންނެއް އެއްވެސްވަރަކަށް ނުފޫޒެއް ނުފޯރުވާ. ކުރީގައި، ދާދިފަހަކާ ޖެހެންދެން ފެނުނީ، މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ، އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައިވެސް އިށީނދެވެނީ، ވަކި ބައެއްގެ ހުއްދަ ހޯދައިގެންކަން،" ރައީސް ވިދާޅުވެފައިވެ އެވެ.
ރާއްޖެއިން ފަހުން އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން ރައީސް މުއިއްޒުއަށް މަޖުބޫރުވެވަޑައިގަތީ ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުންނެވެ. އޭގެ ފަހުން އިންޑިއާއިން ވަނީ ރާއްޖެއިން ދައްކަންޖެހޭ ލޯނެއް ރޯލްއޯވާކޮށްދީ، 800 މިލިއަން ޑޮލަރުގެ އަގު ހުރި ކަރަންސީ ސްވޮޕެއް ހަމަޖައްސައިދީފަ އެވެ.
ގުޅުން ނޯމަލައިޒް ކުރުމުގެ މުގާބިލުގައި ރާއްޖެއިން އެއްބަސްވީ އުތުރުތިލަފަޅުގައި އިންޑިއާއިން އަޅާ އަސްކަރީ ބަނދަރުގެ މަސައްކަތް އަވަސް ކުރުމަށާއި ލ. އަތޮޅުގައި ޓްރާންސްޝިޕްމަންޓު ބަނދަރެއް އެޅުމުގެ މަސައްކަތް އިންޑިއާއަށް ދިނުމަށާއި މެރިޓައިމް ދާއިރާއިން ގުޅުން ބަދަހި ކުރުމަށެވެ.
އިންޑިއާ-މޯލްޑިވްސް ވިޝަން ޑޮކިއުމެންޓުގެ ނަމުގައި ތައްޔާރު ކުރި، ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށްގެންދާނެ ގޮތުގެ އެއްބަސްވުމެއްގައި ވެސް ރާއްޖެއިން ސޮއި ކުރި އެވެ.












