ރައީސް އޮފީހުގެ ހާއްސަ ބޭނުންތަކަށް ގެންނަން ބޭނުންވާ މަލުގެ އިންތިޒާމުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ މަލުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ޖުލައި 20، ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ކުންފުނީގެ ނަމާއި، ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަމާއި، އީ-މެއިލް އަދި ފޯނު ނަންބަރު ހިމެނޭ ގޮތަށް procurement@po.gov.mv އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ.
މަލުގެ އިންތިޒާމުގެ އަދަދާއި ގެންނަން ޖެހޭ ދުވަސްތައް:
- މަލުގެ އިންތިޒާމު ހުންނަންވާނީ ތިރިކޮށް، އޯވަލް ޝޭޕަށް.
- މަލުގެ އިންތިޒާމު ތައްޔާރު ކުރަންވާނީ ތިން ދުވަހަށް މޯޅިނުވެ ހުންނަގޮތަށް ތާޒާ ރީތި މަލުން.
- މަލުގެ އިންތިޒާމެއްގެ ދިގުމިނަކީ 18 އިންޗި. މިތަކެތި ގެންނަންވާނީ ކޮންމެ ހަފްތާއަކު ދެ ދުވަހު (ހޮނިހިރު ދުވަހާއި އަންގާރަ ދުވަހު) ހަވީރު 4:00 އަށް.
- ކޮންމެ ދުވަހަކުވެސް ގެންނާނީ، މަލުގެ ހަ އިންތިޒާމު.
- އެއްވެސް ސަބަބަކާހުރެ މާ ގެންނަން ޖެހޭ ދުވަހަށް ނުގެނެވިއްޖެނަމަ، ނުވަތަ ގެންނަން ޖެހޭ މަލުގެ އިންތިޒާމުގެ އަދަދު ބަދަލު ކުރަން ޖެހޭނަމަ އެކަން ރައީސް އޮފީހަށް އަންގަން ޖެހޭ.
ބީލަމުގައި ރަޖިސްޓްރީވުމަށްފަހު ޖުލައި 24، ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ރައީސް އޮފީހަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އެ އޮފީހުން އެދެ އެވެ.













