ޖެޓުތަކަށް ތެޔޮ ވިއްކުން ހިމެނޭހެން ވީއައިޕީ ޓާމިނަލްގެ ހުރިހާ ހިދުމަތެއް 25 އަހަރަށް ދޭން ހުށަހެޅުމެއް

އަޑު ފެތުރިފައިވާ ގޮތުން ވީއައިޕީ ޓާމިނަލް ހިންގުން ޖެޓެކްސް ކުންފުންޏާ ހަވާލު ކުރުމުގެ ޕްރޮޕޯސަލް ގެނައީ ޖަނާ މެދުވެރިކޮށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އަޑު ފެތުރިފައިވާ ގޮތުން ވީއައިޕީ ޓާމިނަލް ހިންގުން ޖެޓެކްސް ކުންފުންޏާ ހަވާލު ކުރުމުގެ ޕްރޮޕޯސަލް ގެނައީ ޖަނާ މެދުވެރިކޮށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ހިންގުމާއި ގްރަންޑު ހޭންޑްލިންގެ އެންމެހައި މަސައްކަތްތައް 25 އަހަރަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް އެދި އެމްއޭސީއެލް އަށް ހުށަހެޅުމެއް ހުށަހަޅައިފި އެެވެ.

އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ހިންގުމާއި އެއާޕޯޓަށް ޖައްސާ ޖެޓުތަކަށް ތެޔޮ ވިއްކުމާއި ގްރައުންޑް ހޭންޑްލިންގެ ހުރިހާ މަސައްކަތެއް ހޯދަން އެދި އެމްއޭސީއެލްއަށް ހުށަހަޅާފައި ވަނީ ޑުބާއީގެ ޖެޓެކްސް ކުންފުނިންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް މިހާރު ހިންގަމުން ދަނީ އެމްއޭސީއެލް އިންނެވެ.

އެ ހުށަހެޅުން އެންމެ ފުރަތަމަ އެމްއޭސީއެލްއަށް ފޮނުވީ މިދިޔަ އަހަރު ރައީސް އޮފީސް މެދުވެރިކޮށް ކަމަށް، އެ މައުލޫމާތު އެނގޭ މީހަކު އަދަދު ނޫހަށް ބުންޏެވެ.

ޖެޓެކްސްގެ ހުށަހެޅުމުގައި ވަނީ އެއާޕޯޓުގައި މުޅީން އާ ވީއައިޕީ ޓާމިނަލަކާއި ފްލައިޓުތައް ޕާކު ކުރުމަށް ބޭނުންވާ ރޭމްޕު އެޅުމަށް ބޭނުންވާ ބިން އެމްއޭސީއެލް އިން ފޯރުކޮށްދިނުމަށެވެ. އެ ޕްރޮޕޯޒަލްގައި ވާގޮތުން އެމްއޭސީއެލް އިން ޖެޓެކްސް ކުންފުންޏަށް:

ވީއައިޕީ ޓާމިނަލް އެޅުމަށް 10،000 އަކަމީޓަރުގެ ބިމެއް ދޭންޖެހޭ

ޖެޓެކްސްގެ ޖެނެރަލް އޭވިއޭޝަން ފްލައިޓުތައް ޕާކު ކުރުމަށް ބޭނުންވާ ރޭމްޕު އެޅުމަށް 10،000 އަކަމީޓަރުގެ ބިމެއް ދޭންޖެހޭ

ޑިމާންޑު ބޮޑުވާ ވަގުތުތަކުގައި ބޭނުންކުރެވޭ ގޮތަށް އިތުރު ޕާކިން ޖާގަ ހަމައްސައިދޭން ޖެހޭ

ޖެޓުތަކަށް އަޅާ ތެޔޮ ޖެޓެކްސްއަށް އެކްސްކްލޫސިވްކޮށް އެމްއޭސީއެލް އިން ވިއްކުން، ޖެޓުތަކަށް ތެޔޮ ވިއްކާނީ ޖެޓެކްސް ކުންފުނިން

އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް
އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް

އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް

އޭގެއިތުރުން އެއާޕޯޓުގެ ވީއައިޕީ ފަސިންޖަރުންގެ ހިދުމަތާއި ގްރައުންޑް ހޭންޑްލިންގެ ހިދުމަތުގެ އިތުރުން ފަސިންޖަރުންނަށް ކޮންސިއާޖް ހިދުމަތް ދިނުމުގެ ހުއްދަ އެމްއޭސީއެލް އިން ޖެޓެކްސް ކުންފުންޏަށް ދޭންޖެހެ އެވެ. އަދި ގްރައުންޑް ހޭންޑްލިންއަށް ބޭނުންވާ ހާއްސަ އާލާތްތަކާއި އުޅަނދު ރާއްޖެއަށް ގެނެވެންދެން އެމްއޭސީއެލްގެ ތަކެތި ބޭނުން ކުރުމުގެ ހުއްދަ ވެސް އެމްއޭސީއެލް އިން ޖެޓެކްސް ކުންފުންޏަށް ދޭން ޖެހެ އެވެ.

ޕްރޮޕޯޒަލްގައި ވާގޮތުން:

  • ކުރިއަށް އޮތް 25 އަހަރު ދުވަހުގެ ތެރޭގައި ޖެޓެކްސް ކުންފުނިން 25 މިލިއަން ޑޮލަރު އިންވެސްޓު ކުރާނެ
  • ގްރައުންޑް ހޭންޑްލިން އާއި ޕާކިން ރިވެނިއުއިން ލިބޭ އާމްދަނީން 55 ޕަސެންޓުގެ ފީއެއް ކޮންމެ އަހަރަކު ވެސް އެމްއޭސީއެލްއަށް ދޭނެ. އެގޮތަށް ދޭ ފީ 5 މިލިއަން ޑޮލަރަށްވުރެ ކުޑައެއް ނުވާނެ

އެ ޕްރޮޕޯޒަލްގައި ވާގޮތުން އަލަށް އަޅާ ވީއައިޕީ ޓާމިނަލް މާކެޓު ކުރުމާއި ހިންގުމާއި މެނޭޖު ކުރުމުގެ މަސައްކަތް ކުރާނީ ޖެޓެކްސް ކުންފުނިންނެވެ. އޭގެތެރޭގައި ވީއައިޕީ ފަސިންޖަރުންގެ ގްރައުންޑް ހޭންޑްލިން އާއި ފަސިންޖަރުންނަށް ދޭ ހިދުމަތްތަކުގެ އިތުރުން ކޮންސިއާޖު ހިދުމަތްތައް ހިމެނެ އެވެ.

އަލަށް އަޅާ ވީއައިޕީ ޓާމިނަލްގެ ޑިޒައިން މަސައްކަތްތަކާއި އެތަނުގެ ފަރުނީޗަރުތަކާއި އިކުއިޕްމެންޓުތައް ހިމެނޭހެން ވީއައިޕީ ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ބޭނުން ކުރާނެ މުވައްޒަފުން ތަމްރީނު ކުރުން ފަދަ ހުރިހާ ކަމަކަށް ހިނގާނެ ހަރަދުތައް ކޮށްދޭނީ ޖެޓެކްސް ކުންފުނިންނެވެ.

މި ސަރުކާރުން ޕްލޭންކުރި ޖެޓު ޓާމިނަލްގެ ކުރެހުމެއް.
މި ސަރުކާރުން ޕްލޭންކުރި ޖެޓު ޓާމިނަލްގެ ކުރެހުމެއް.

މި ސަރުކާރުން ޕްލޭންކުރި ޖެޓު ޓާމިނަލްގެ ކުރެހުމެއް.

ރާއްޖެއަށް އަންނަ ވީއައިޕީ ފަސިންޖަރުންގެ ގްރައުންޑް ހޭންޑްލިން މަސައްކަތްތައް ކުރުމަށް ބޭނުންވާ އިކުއިޕްމެންޓްތައް ޖެޓެކްސް ކުންފުނިން ރާއްޖެއަށް ގެންނާނެ އެވެ. އެ އިކުއިޕްމެންޓުތައް އޮޕަރޭޓު ކުރާނީ އެމްއޭސީއެލްގެ މުވައްޒަފުންނެވެ.

ނަމަވެސް ވީއައިޕީ ހިދުމަތް ދިނުމަށް ބޭނުންކުރާނެ ރޭމްޕް މުވައްޒަފުންގެ އަދަދާއި އެ މީހުންގެ ކިބައިގައި ހުންނާން ޖެހޭނެ ފެންވަރާއި ގާބިލުކަން ކަނޑައަޅާނީ ޖެޓެކްސް ކުންފުނިންނެވެ. އެ ކުންފުނިން އަންގާ އަދަދަކަށް އެމްއޭސީއެލް އިން މުވައްޒަފުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ޕްރޮޕޯޒަލްގައި ބުނެފައިވެ އެެވެ.

ޖެޓެކްސް ކުންފުނިން ހުޅުލޭގައި ދޭ ވީއައިޕީ ހިދުމަތްތަކަށް ބޭނުންކުރާ މުވައްޒަފުންގެ މުސާރައަށް އެމްއޭސީއެލް އިން ކުރާ ހަރަދު އަނބުރާ ދޭނެ ކަމަށް ވެސް ޕްރޮޕޯޒަލްގައި ބުނެފައިވެ އެވެ.

ޖެޓެކްސް ކުންފުނިން ހުށަހަޅާފައިވާ ޕްރޮޕޯޒަލްގައި ވާގޮތުން އެމްއޭސީއެލް އާއި އެ ކުންފުންޏާ ދެމެދު އެއްބަސްވުން ގާއިމު ކުރާތާ ހަތް އަހަރު ދުވަހުގެ ތެރޭގައި:

  • ޖުމުލަ އާމްދަނީގެ ގޮތުގައި 65 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާ ކޮށްފައިވޭ
  • އެމްއޭސީއެލްއަށް ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ 38 މިލިއަން ޑޮލަރު
  • ސާފު ފައިދާގެ ގޮތުގައި ޖެޓެކްސް އަށް ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ 4.1 މިލިއަން ޑޮލަރު

މިކަމާ ގުޅިގެން އެމްއޭސީއެލުން އަދި ރަސްމީކޮށް އެއްވެސް ބަހެއް ނުބުނެ އެވެ. މިކަމާ ގުޅިގެން އެމްއޭސީއެލްގެ ބަހެއް ހޯދުމަށް "އަދަދު" އިން ގުޅުމުން ޖަވާބެއް ދީފައެއް ނުވެ އެވެ.

އަޑު ފެތުރިފައިވާ ގޮތުން ވީއައިޕީ ޓާމިނަލް ހިންގުން ޖެޓެކްސް ކުންފުންޏާ ހަވާލު ކުރުމުގެ ޕްރޮޕޯސަލް ގެނައީ މަޝްހޫރު ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާ (ޖަނާ) މެދުވެރިކޮށެވެ. އެކަމާ ގުޅޭ ގޮތުން ޖަނާގެ ބަހެއް ހޯދަން މި ނޫހުން ގުޅުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.

އެއާޕޯޓުގެ ވީއައިޕީ ޓާމިނަލް ހިންގަން ޑުބާއީގެ ޖެޓެކްސް ކުންފުންޏާ ހަވާލު ކުރަން މަޝްވަރާ ކުރެވެމުންދާ ކަމަށް އަޑުތައް ފެތުރިފައިވާއިރު، މި ސަރުކާރުގެ ކުރީކޮޅުގައި ވެސް އެފަދަ ހުށަހެޅުމެއް އެމްއޭސީއެލްގެ ބޯޑަށް ހުށަހެޅި އެވެ.

އެއާޕޯޓުގެ އާޓަމިނަލް. -- ފޮޓޯ: އަދަދު
އެއާޕޯޓުގެ އާޓަމިނަލް. -- ފޮޓޯ: އަދަދު

އެއާޕޯޓުގެ އާޓަމިނަލް. -- ފޮޓޯ: އަދަދު

އެމްއޭސީއެލްގެ ބޯޑުގެ ބައެއް ބޭފުޅުން ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" އަށް ބުނީ އެ ހުށަހެޅުމާ ގުޅޭގޮތުން އޭރު ބޯޑުގައި މަޝްވަރާކުރުމަށްފަހު ބަލައިނުގަންނަން ނިންމީ ކަމަށެވެ.

"އަޅުގަނޑުމެން އޭރު މަޝްވަރާ ކުރިއިރު ވާހަކަ ދެކެވުނު، ވީއައިޕީ ޓާމިނަލް ބޭރުގެ ކުންފުންޏަކާ ހަވާލު ކުރުމުގެ ވާހަކަދެއްކުމުގެ ކުރިން، އެ ޓާމިނަލް އެމްއޭސީއެލްއިން ހިންގައިގެން ވާނެ ފައިދާ އާއި އެއީ ކުރެވޭނެ ކަމެއްތޯ ބަލަންޖެހެޔޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހާ ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހުށަހެޅުން ބަލައިނުގަންނަން އެމްއޭސީއެލްގެ ބޯޑުން އޭރު ފާސްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓަމިނަލަކީ ދުނިޔޭގެ ބޮޑެތި މަހުޖަނުން ވެސް އައިސް ބޭނުންކުރާ ތަނަކަށްވެފައި، އެމްއޭސީއެލް އިން އެތަން ހިންގައިގެން މާބޮޑު ފައިދާއެއް ހޯދޭނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

ވީއައިޕީ ޓާމިނަލް ހިންގަން ޖެޓެކްސް ކުންފުންޏާ ހަވާލުކުރުމާ ގުޅޭގޮތުން އަލުން މަޝްވަރާ ކުރެވެމުންދާ ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް އެފަދަ ހުށަހެޅުމެއް އެމްއޭސީއެލްގެ ބޯޑަށް އަދި ލިބިފައި ނުވާކަން މި ނޫހަށް ވަނީ ކަށަވަރުވެފަ އެވެ.

އެކަމުގެ މައުލޫމާތު އެނގޭ ސަރުކާރުގެ އޮފިޝަލެއް މި ނޫހަށް ވިދާޅުވީ އެމްއޭސީއެލްގެ ބޯޑަށް އަދި އެފަދަ ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ސަރުކާރު ތެރޭގައި އެފަދަ ހުށަހެޅުމަކަށް ލޮބީ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެ އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox