ޓޫރިސްޓު ރިސޯޓުތައް މަދު ރަށްތަކުގައި އިންވެސްޓުކުރަން ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ސަރުކާރުން އިއުލާންކުރި ސިޔާސަތުގެ ދަށުން ހަ އަތޮޅެއްގައި 31 ޓޫރިސްޓު ޕްރޮޖެކްޓު ހިންގާނެ ބަޔަކު ހޯދަން އިންވެސްޓަރުންނަށް މިއަދު ހުޅުވާލައިފި އެވެ.
ރިސޯޓުތައް މަދު އަތޮޅުތަކަކީ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ އަތޮޅެވެ. މި އަތޮޅުތަކުން ދިން ލުއިތަކުގެ ތެރޭގައި އޯޕަން ބިޑިންގެ އުސޫލުންނާއި ކްރޮސް ސަބްސިޑީގެ ދަށުން ދޫކުރާ ތަންތަނުގެ ހެކްޓަރަކަށް ނަގާ ރޭޓުތައް ކުޑަކުރުމާއި ކްލޯސް ބިޑިންގެ ދަށުން ދޫކުރާ ބައެއް ފަޅުތަކުން ލޮކޭޝަން ޕްރިމިއަމް އުނިކުރުން ހިމެނެ އެވެ.
ކްލޯޒް ބިޑިންގެ ދަށުން ދޫކުރާ ތަންތަނަށް ދިން ލުއިތަކަކީ:
- ތ އަތޮޅުގެ ރަށްރަށަށް އިން ލޮކޭޝަން ޕްރެމިއަމް އުނިކުރުން.
- ހއ، ހދ ،ށ، ތ އަދި އައްޑޫ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް ފަޅުތަކުން އުނިކުރުން.
- ލ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރެމިއަމް 150،000 އެމެރިކާ ޑޮލަރުން 100،000 އެމެރިކާ ޑޮލަރަށް ކުޑަކުރުން.
- ހއ، ހދ، ށ ތ އަދި ލ އަތޮޅުގެ ފަޅުތަކުގެ ޕްރީމިއަމް 30 ޕަސެންޓު ކުޑަކުރުން.
ކްރޮސް ސަބްސިޑީގެ ބޭނުމަށް ދޫކުރާ ތަންތަނަށް ދިން ލުއިތަކަކީ:
- ހއ، ހދ ، ށ، ތ، ލ އަދި އައްޑު އަތޮޅުގެ 20 – 40 ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރެމިއަމްތައް އުނިކުރުން.
- ހަ އަތޮޅުގެ 40 ހެކްޓަރަށްވުރެ ބޮޑެތި ރައްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް 2،000،000 އެމެރިކާ ޑޮލަރުން 1،000.000 އެމެރިކާ ޑޮލަރަށް ކުޑަކުރުން.
އޭގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނުގެ ދަށުން ސަރުކާރުން ވަނީ ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ދެވޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްގީކޮށް ހުޅުވުމުން، އެ ދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުން ވެސް ހިމެނެ އެވެ.
ހަމަ އެހެންމެ ރިސޯޓުތައް ހަދަން ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފް ކުރެވޭ އިންސައްތަ 15 ޕަސެންޓަށް ބޮޑުކޮށް ޑިއުޓީ މާފުކުރެވޭ ކެޓަގަރީތައް އިތުރުކުރުން ވެސް ވަނީ ނިންމާފަ އެވެ. ޑިއުޓީ މާފުކުރާ ލިސްޓަށް އިތުރުކުރަނީ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް އެވެ.
ސަަރުކާރުން ވަނީ އޯޕަން ބިޑިންއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގުފަހިކޮށްދޭނެ ކަމަށް ވެސް ބުނެފަ އެވެ.
އޯޕަން ބިޑިންގެ ދަށުން ހުޅުވާލަނީ ހއ. އަތޮޅުން ތިން ޕްރޮޖެކްޓް، ހދ. އަތޮޅުން ފަސް ޕްރޮޖެކްޓް، ށ. އަތޮޅުން ތިން ޕްރޮޖެކްޓް، ތ. އަތޮޅުން ދެ ޕްރޮޖެކްޓް، އަދި ލ. އަތޮޅުން އެއް ޕްރޮޖެކްޓެވެ. ކްލޯޒް ބިޑިންގެ ދަށުން ހުޅުވާލަނީ ހއ. އަތޮޅުން 2 ޕްރޮޖެކްޓް، ހދ. އަތޮޅުން ފަސް ޕްރޮޖެކްޓް، ތ. އަތޮޅުން ތިން ޕްރޮޖެކްޓު އަދި ލ. އަތޮޅުން ދެ ޕްރޮޖެކްޓެވެ.
މި ޕްރޮޖެކްޓުތަކުގެ ތެރެއިން ކޮންމެ ރަށެއްގައި ހިންގާ އެއް ޕްރޮޖެކްޓު ހާއްސަކޮށްފައި ވަނީ ހަލާލު ޓޫރިޒަމަށެވެ. މިއީ ސަރުކާރުން މި ފަހުން އިއުލާންކުރި ސިޔާސަތެއްގެ ދަށުން ކުރެވޭ ކަމެކެވެ.
ސަރުކާރުން ބުނާ ގޮތުގައި މި ލުއިތަކުގެ ސަބަބުން މި އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރެވޭނެ އެވެ. މިހެން ނަމަވެސް މިއީ ކުރީ ސަރުކާރުން ވެސް މިހެން ބުނެ، އެހެން އަތޮޅުތަކަށް ވުރެ ހެޔޮ އަގުތަކުގައި ރަށްތަކާއި ފަޅުތައް ދޫކުރަން ހުޅުވާލި އަތޮޅުތަކެވެ. އޭރު ވެސް އިންވެސްޓަރުންގެ މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ.










