ދިވެހިރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ފްރީ އިކޮނޮމިކް ޒޯނެއް އަދި ފްރީ މޫވްމަންޓް ޒޯނެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.
ފްރީ އިކޮނޮމިކް ޒޯނުގެ ސަބަބުން ދެ ގައުމުގެ މެދުގައި އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ މުދަލަށް ވަރަށް ބޮޑެތި ޓެކްސް ލުއިތަކެއް ލިބޭނެ އެވެ. ފްރީ މޫވްމަންޓް ޒޯނުގެ ސަބަބުން، ބޯޑާ ކޮންޓްރޯލަށް ލުއިތަކެއް ލިބި، އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރަން އިންތިހާ ލުއި ލިބޭނެ އެވެ.
އެ ދެ އެގްރިމެންޓުގައި ސޮއި ކުރެވިއްޖެ ނަމަ ވާނީ ސައުތު އޭޝިޔާގައި ހަދާ އެފަދަ ފުރަތަމަ އެގްރިމަންޓަށެވެ. އެގްރިމެންޓާ ހަމައަށް ވާސިލްވެވިއްޖެ ނަމަ ވިސާއަކާއި ނުލައި މަސައްކަތް ކުރުމުގެ ހައްގާއި ވިޔަފާރި ކުރުމުގެ ހައްގާއި ޕްރޮޕަޓީ ގަތުމުގެ ހައްގު ލިބޭނެ އެވެ.
އެ އެއްބަސްވުމުގެ ބާރު، ކަސްޓަމްސް އާއި ތައުލީމާއި ސިއްހީ ދާއިރާ އާއި ބޭންކިންގެ ދާއިރާއަށް ވެސް ހިނގާނެ ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
އެ ދެ އެއްބަސްވުން ގާއިމް ކުރުމަށްޓަކައި ދެ ގައުމުގެ އޮފިޝަލުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ލަންކާ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ލިބޭނެ ހައްގުތައް:
- އެގްރިމެންޓުގެ ދަށުން ވިސާއެއް ބޭނުމެއް ނުވާނެ. އަދި ވިޔަފާރި ކުރުމުގެ ހައްގު ލިބިގެންދާނެ.
- ޕްރޮޕަޓީ ގަތުމާއި ކުއްޔަށް ދިނުމާއި ރިއަލް އެސްޓޭޓް ވިޔަފާރި ކުރުމުގެ ހައްގު ލިބޭނެ
- ސްޓޭޓް ތައުލީމާއި ސިއްހީ ހިދުމަތްތަކާއި އެހެނިހެން ޕަބްލިކް ހިދުމަތްތައް ލިބޭނެ
- ޑަބަލް ޓެކްސޭޝަން އުވި، ޓެކްސްތައް އެލައިން ކުރެވޭނެ
- ދަރިވަރުންނާއި އެކެޑެމިކް މީހުންނާއި ރިސާޗް ދަރިވަރުންނަށް ވިސާއަކާ ނުލައި ދަތުރު ކުރުމުގެ ހައްގު ލިބޭނެ
އެ ދެ އެއްބަސްވުމާ ގުޅޭ ގޮތުން މިހާތަނަށް ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ލަންކާ ސަރުކާރުން ވެސް އަދި ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ. އަދި އެއްބަސްވުން ގާއިމް ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވިފައި ވަނީ ކިހާ ހިސާބަކަށް ކަމަށް ވެސް ނޭނގެ އެވެ.
އެ އެއްބަސްވުން ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ރާއްޖެ ވަޑައިގަތުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ. ލަންކާގެ ރައީސް ވަޑައިގަންނަވަނީ ޖުލައި މަހުގެ ފަހު ހަފުތާގައި ކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.













