ސިންގަޕޫރުން ރާއްޖެ ކައިރިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި

Jun 5, 2025, 1:22 PM
ސިންގަޕޫރުގެ ކުޅުންތެރިއަކު ފޮނުވާލާ ބޯޅައެއް މަތަކުރަން ރާއްޖޭގެ ކުޅުންތެރިއަކު މަސައްކަތް ކުރަނީ.--- ފޮޓޯ: އެފްއޭއެމް

ސިންގަޕޫރުގެ ކުޅުންތެރިއަކު ފޮނުވާލާ ބޯޅައެއް މަތަކުރަން ރާއްޖޭގެ ކުޅުންތެރިއަކު މަސައްކަތް ކުރަނީ.--- ފޮޓޯ: އެފްއޭއެމް

ފީފާ ކަލަންޑަރު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިއަދު ސިންގަޕޫރުން 3-1 އިން ރާއްޖެ ވަނީ ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު، ސިންގަޕޫރުން މި ވަނީ ރާއްޖެއާ ދެކޮޅަށް ސީނިއާ ފުޓްބޯޅައިގައި ކުޅުނު އަށް މެޗުން ވެސް މޮޅުވެފަ އެވެ.

އެންމެ ފަހުން، 2022 ވަނަ އަހަރު ސިންގަޕޫރުން ރާއްޖޭގެ މައްޗަށް ކުރިހޯދީ ވެސް 3-1 އިންނެވެ. އޭގެ ކުރިން، 2018 ވަނަ އަހަރު، އެކުވެރިކަމުގެ މެޗެއްގައި، ސިންގަޕޫރުން ރާއްޖެ ބަލިކުރީ 3-2 އިންނެވެ. ފީފާ އިން އެންމެ ފަހުން އާންމުކުރި ރޭންކިންގައި، ސިންގަޕޫރު އޮތީ ދުނިޔޭގެ 161 ވަނައިގަ އެވެ. ރާއްޖެ އޮތީ 164 ވަނައިގަ އެވެ.

ސިންގަޕޫރުގެ ބިޝަން ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ރާއްޖޭގެ ހައިޝަމް ހަސަން ހިމެނި ނަމަވެސް، ވޯމްއަޕްގައި އަނިޔާވުމާ ގުޅިގެން، އޭނާގެ ބަދަލުގައި، ފުރަތަމަ އެގާރައިގައި ހިމެނީ، އައިހަމް އަހުމަދު (އައިހިު) އެވެ. ގައުމީ ޓީމުގައި ހިމެނުނު ފުރަތަމަ ފަހަރު ވެސް އައިހު އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ އެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި ސިންގަޕޫރުން ލީޑުނެގީ އެ ޓީމުގެ ޑިފެންޑަރު، އަމީރުލް އަދްލީ ޖެހި ގޯލުންނެވެ. މިއީ، ސިންގަޕޫރު ޓީމަށް އަދްލީ ޖަހައިދިން ފުރަތަމަ ގޯލެވެ. މިއީ އޭރިއާތެރެއަށް ހުރަސްވި ކޯނަރަކުން އަދްލީ ބޮލުން ޖެހި ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިންގަޕޫރުން އިތުރު ދެ ގޯލު ޖެހި އެވެ. ސިންގަޕޫރުގެ ދެ ވަނަ ގޯލު 20 ވަނަ މިނިޓްގައި އެ ޓީމުގެ ފޯވާޑް، އިހުސާން ފާންޑީ ޖެހިއިރު، އޭގެ 12 މިނިޓް ފަހުން، އެ ޓީމުގެ ތިން ވަނަ ލަނޑު ވެސް ޖެހީ އިހުސާން އެވެ. އިހުސާން، ފުރަތަމަ ގޯލު ޖެހީ އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ބޮލުންނެވެ. އަދި، އޭނާ ތިން ވަނަ ގޯލު ޖެހީ، ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް، ރާއްޖޭގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) އަށް ލިބުމުގެ ކުރިން ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.

މި މެޗުގައި، ރާއްޖޭގެ ކީޕަރު، ހުސެން ވަނީ ސިންގަޕޫރުގެ ރަނގަޅު ހަމަލާތަކެއް ވެސް ހުއްޓުވައިފަ އެވެ.

ރާއްޖޭން ފުރަތަމަ ހާފުގައި ކުރި އެޓޭކެއްގައި، އޭރިއާ އަރިމަތިން ބޯޅަހިފައިގެން ގޮސް، އަހުމަދު އައިހަމް (ފަތޯ) ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

ސިންގަޕޫރުގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދާން ރާއްޖެ ޓީމުގެ ފަތޯ މަސައްކަތް ކުރަނީ.--- ފޮޓޯ: އެފްއޭއެމް

ރާއްޖޭން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކުރި އެވެ. އަދި، ލިބޭ ބޯޅަތަަކުގައި ރަނގަޅަށް މަސައްކަތްކޮށް އެޓޭކްތައް ގިނަ ކުރެވޭތޯ ބެލި އެވެ. އަދި، މެޗުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުގައި، ރާއްޖޭން މެޗުގައި ޖެހި ހަމައެކަނި ލަނޑު ޕެނަލްޓީ އަކުން ކާމިޔާބުކުރީ، ބަދަލަކަށް ކުޅެން އެރި އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

ސިންގަޕޫރުގެ ކޯޗު، ޖަޕާނުގެ ސުޓޯމޫ އޮގޫރާ އަށް މި މޮޅާ އެކު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ އެވެ. މިއީ، ޑިސެމްބަރު މަހު، ޓިމޯ ލެސްޓޭ އާއި ކެމްބޯޑިއާ އަތުން މޮޅުވި ފަހުން، ދެން، ސިންގަޕޫރުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. އެ މެޗުތަކުގެ ތެރެއިން، ސިންގަޕޫރު، މި އަހަރު ހަތަރު މެޗުން ބަލިވެފައިވާއިރު، މާޗް މަހު، އަމިއްލަ ދަނޑުގައި 1-0 އިން ނޭޕާލް އަތުން ބަލިވި މެޗު ވެސް ހިމެނެ އެވެ.

ރާއްޖޭން މީގެ ކުރިން، 1991 ވަނަ އަހަރު އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓްގެ ކޮލިފައިންގައި ސިންގަޕޫރާ 1-1 އިން އެއްވަރުކުރިއިރު، ޓީމުގައި މިހާރުުގެ ކޯޗު، އަލީ ސުޒޭން ހިމެނެ އެވެ. އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓަކީ، ސީނިއާ ފުޓްބޯޅަ އަށް ވުރެ، 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށް، ސީނިއާ ތިން ކުޅުންތެރިންނަށް ފުރުސަތު ދޭ ގޮތަށް ރޭވިފައި އޮންނަ ކަމެކެވެ. ސީނިއާ ފުޓްބޯޅައިގައި، ރާއްޖެ އަށް ސިންގަޕޫރު ކައިރީގައި ނަތީޖާއެއް ނެރުމުގެ އިންތިޒާރު ދިގުލައިދިޔައީ އެވެ.

ރާއްޖެއާ ދެކޮޅަށް ސިންގަޕޫރުން މި މެޗު ކުޅެފައިވަނީ، އޭޝިއަން ކަޕް ކޮލިފައިންގައި ފަސް ދުވަސް ފަހުން، ބަންގްލަދޭޝާ ދެކޮޅަށް ނުކުންނަން އޮތް މެޗަށް ތައްޔާރުވުމުގެ ގޮތުންނެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ފަސް ދުވަސް ފަހުން، ރާއްޖޭން ޓިމޯ ލެސްޓޭއާ ކުޅޭނެ އެވެ. އެ މެޗު އޮތީ އޮސްޓްރޭލިއާގެ ޑާވިންގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox