ވާނުވާ ބަންދުގެ ރޮދި ކެނޑިފައިވާ ހައްލު

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ލުއި ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެކަން ކަށަވަރުކޮށްދީފައި ވެއެވެ. މި ބާވަތުގެ ބަންދަށް (ވާނުވާ ބަންދަށް) ހައްލެއް ގެނައުމަށް ޕީޖީގެ އޮފީހުންނާއި ކޯޓުތަކުންނާއި ފުލުހުންކުރާ މަސައްކަތް ކުރިއަށްދާ ގޮތުގެ "ރަނިން ކޮމެންޓަރީ" ސީދާ ރައީސް ޑރ. މުއިއްޒުގެ އެކްސް ހިސާބުން ދުވަހުން ދުވަހަށް ދެއްވަމުން، އަދާހަމަކުރައްވަމުން ގެންދަވައެވެ. ރައީސް އާއި ރައީސްގެ ފަރާތުން އަޑުއުފުލާ މީހުން މިކަން ފާހަގަ ކުރަނީ ރައީސް ހޯދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. އަޅުގަނޑުގެ ހިތުން މިއީ ޖިނާއީ އަދުލުގެ ނިޒާމަށް ލިބުނު ކާމިޔާބެއް ކަމަށް ލޭބަލްކުރުން ބުއްދިވެރިއެއް ނޫނެވެ. އަޅުގަނޑުގެ ނަޒަރުގައި މިއީ ފަހަތަށް އެޅި ކަތި ފިޔަވަޅެކެވެ. ހަދާނެ ގޮތެއް ނޭނގި ރޮދިކޮށިގެން އެޅި ފިޔަވަޅެކެވެ.

ވާނުވާ ބަންދުގައި ތިބޭ މީހުންގެ މައްސަލަ ޝަރިއަތުން ނުނިމި އެމީހުން ބަންދުގައި ތިބޭ މުއްދަތު އިންތިހާއަށް ދިގުވުމުގެ ބޮޑު މައްސަލައަށް ރައީސް ޑރ. މުއިއްޒު ގެންނެވި ހައްލު ކަމަށް ނޫސްތަކުގައި އިސްތިހާރުކޮށްފައިވާ ކަންކަމަށް ބަލާއިރު، އެއީ ގައުމެއްގެ ނިސްބަތުން ލިބުނު ކާމިޔާބީއެއް ކަމަށް ނުފެނުނެވެ. މިކަން ވަޒަންކުރުމަށް، ކާމިޔާބީ އަކީ ކޮބައިތޯ އެންމެ ފުރަތަމައަށް ބަލައިލަމާ ހިނގާށެވެ.

އަޅުގަނޑުގެ ނަޒަރުގައި، ކާމިޔާބީ އަކީ އެކަމެއް ކުރަން އޮންނަ މަގުން އެކަމެއް ކުރުމުން ލިބޭ ރަން މެޑެއްޔަށް ކިޔާ ނަމެކެވެ. މިސާލަކަށް، ފުޓުބޯޅަ ދަނޑަށް އަރައި ފުޓުބޯޅައިގެ ހުރިހާ ގަވާއިދަކާ ހިލާފަށް ކުޅެގެން މޮޅުވި ނަމަވެސް އެއަކީ އަދި ކާމިޔާބީއެއް ނޫނެވެ.

އިދިކޮޅު ޓީމު ބަނދެފައި ނޫނީ ފައިގައި ދަތިއަޅުވައިގެން ބިމަށް ވައްޓާލާފައި ރޭސް ނިންމިއަސް އެއީ ކާމިޔާބީއެއް ނޫނެވެ. އެއީ ކުޅެން ނޭނގޭ އެކަމުގެ ހުނަރު ނެތް ބަޔަކު ގަދަބަދަވިކަމުން އެކަން ކުރާ ގޮތެވެ. އެއާ ހިލާފަށް، ކާމިޔާބީ އަކީ އެކަން ކުރަން އޮންނަ ހަމައަކުން، އެކަން ކުރަން އޮންނަ ގަވާއިދަކުން އެކަންކޮށްގެން ލިބޭ މޮޅެވެ. ލިބޭ ރީތި ނަމެވެ.

ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ގެނައުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއްކަމަށް ވެއެވެ. ޝަރިއަތުން ގޮތެއް ނުނިމި، ކުށުގެ ތުހުމަތުގައި އެކަށީގެންނުވާ ދިގު މުއްދަތެއް ވަންދެން މީހަކު ހުރުމަކީ އަނިޔާއެކެވެ. ބޭއިންސާފެކެވެ. ޚާއްސަކޮށް ދިގު މުއްދަތެއް ވަންދެން ބަންދުގައި މީހަކު ހުރުމަށްފަހު ޝަރިއަތް ނިމޭއިރު، އެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވެ މައްސަލަ ނިމިއްޖެނަމަ، ފަހުން އެކަން ރަނގަޅު ނުކުރެވޭނެއެވެ. ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހަތަރު ސަތޭކަ ވަރަކަށް މީހުން، ޝަރިއަތް ނިމެންދެން ބަންދުކޮށްފައި މި ރާއްޖޭގެ ޖަލުތަކުގައި އެބަތިއްބެވެ. ބައެއް މީހުންގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން ކުރެވޭ ޝަރިއަތް ނުނިމި ބަންދުގައި ތިބޭތާ 6 އަހަރު، 7 އަހަރު އަދި އެއަށް ވުރެވެސް ދުވަސްވެފައި އެބަތިއްބެވެ. އެހެންވެ މިއީ ހައްލެއް ހޯދަންޖެހޭ ބޮޑު މައްސަލައެކެވެ.

ޑރ. މުއިއްޒު ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން، މި މައްސަލަ ހައްލުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އާއި ބަންޑާރަ ނާއިބު އާއި ރައްޔިތުންގެ މަޖިލީހުގައި އޮންނަ "ހުސްނީ މުބާރިކުގެ ކޮމިޓީ" އާއި މިނޫންވެސް ކުދި ބޮޑު އެންމެނެް އެމަނިކުފާނުގެ ދަރުބާރަށް ގެންދަވައިގެން މި މައްސަލަ ހައްލުކުރާނެ ގޮތަކާމެދު ވިސްނައި ބޮލުން އެތައް ތެލެއް ވަނީ ހާނާފައެވެ.

މިގޮތުން ހޭނި ތެލުގެ އަލީގައި، މި މައްސަލަ ހައްލުކުރުމަށް ޑރ. މުއިއްޒުގެ ރައީސްކަމުގެ ފުރަތަމަ 18 މަސް ދުވަސް ހޭދަކުރީ "ފުރިހަމަ ކަފާލާތުގެ ގާނޫނެއް" ގެނެސްގެން މި މައްސަލަ ހައްލުކުރުމަށެވެ. އެގޮތަށް ރައީސް ވައުދުވެވަޑައިގެންފައި ވެއެވެ. އެގޮތަށް ވައުދުވެވަޑައިގެންފައިވަނީ 2024 ވަނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއަށް ފަހު އެކަމާބެހޭ ހަބަރެއް ނުވެ ދުވަސްގަނޑަކު އޮތުމަށްފަހު، ކުއްލިއަކަށް ފެނުނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންނަށް ފާރަލެވޭނެ އިންތިޒާމެއްގެ ދަށުން އެމީހުން ބަންދުން ދޫކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ބަޔަކު މީހުން އައިސް ހުށަހެޅި ތަނެވެ. އަދި އެއަށްފަހު އެ ވަފުދަށް ނިސްބަތްވާ ފަރާތްތަކުން މީސްމީޑިއާގައި މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެދި އަޑުގަދަކޮށްލިއެވެ. އެއާއެކު އިލެކްޓްރޯނިކް އުޅައެއްގެ އެހީގައި ފާރަލެވޭނެ ގޮތަކަށް، ވާނުވާ ބަންދުގައި ތިބި މީހުން ދޫކުރެވޭނެ ގޮތެއް ހޯދުމަށް ނިންމި އެވެ.

ރައީސްގެ އިރުޝާދު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބުމާއެކު، މީގެ ހަތަރުފަސް ދުވަސްކުރިން ޕީޖީ އޮފީހުން ނެރުނު އިއުލާނުގައި ބުނެފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ފައިގައި އިލެކްޓްރޯނިކް އުޅައެއް އެޅުވުމަށް ފަހު، ކޯޓުން ކަނޑައަޅާ ޝަރުތުތަކާ އެކު ބަންދަށް ލުއި ދެވިދާނެ ކަމަށާއި، އެގޮތަށް ބަންދު މުރާޖައާކޮށް، އެކަން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ޕީޖީ އޮފީހުން ބުނެފައިވަނީ ބަންދަށް ލުއި ދިނުމުގެ ކުރިން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަންނާނެ ކަމަށާއި، އެގޮތުން "އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ" ދަށުން ބަންދުގައިވާ މީހުން މުޖުތަމައަށް ދޫކޮށްލުމުގެ ކުރިން، ފުލުހުންނާއި ކަރެކްޝަންސުން ނުރައްކަލުގެ އަންދާޒާއެއް ހަދާނެ ކަމަށެވެ. ޕީޖީ އޮފީހުން ބުނީ، އެ އަންދާޒާ ރިޕޯޓު ލިބުމުން ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ ނަމަ ދެން ހުށަހަޅާނީ ކޯޓަށް ކަމަށެވެ.

ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހުން ޝަރިއަތް ނިމެންދެން ބަންދުގައި ބައިތިއްބަނީ ހަމައެކަނި އެމީހުންގެ ފުށުން މުޖުތަމައުއަށް ނުރައްކާ އޮތުމަކުން ނޫނެވެ. އޭގެ އިތުރުން، ހެކިފޮރުވައި، ހެކިންނަށް ނުފޫޒު ފޯރުވައި، ހެކިންނަށް ދުއްތުރާކުރުން ހުއްޓުވުމަށާއި ކޯޓަށް އަންނަން ބުނާދުވަހަށް ނައިސްފާނޭތީ އާއި ފިލައިގެން ހިނގައިދާނެތީ ވެސް ކުށުގެ ތުހުމަތުކުރެވޭ މީހުން ޝަރިއަތް ނިމެންދެން ބަންދުކުރުމަށް ގާނޫނު ލާޒިމުކުރެއެވެ.

ވާނުވާ ބަންދުގައި މިހާރު އެންމެ ގިނައިން ތިބީ، މީހުން މެރުމާއި ޓެރަރިޒަމް އާއި ގޭންގު މާރާމާރީ އާއި ރާއްޖެއަށް ޑްރަގް އެތެރެކުރުމާއި ކުޑަކުދީންނަށް ޖިންސީ އަނިޔާކުރިކަމުގެ ހެކިހުރެގެން ބަންދުކޮށްފައި ތިބި މީސްމީހުންނެވެ. އެމީހުންގެ މައްޗަށް ކުށްކުރިކަމުގެ ހެއްކެއް ނެތްނަމަ ކޯޓުން އެއިން އެއްވެސް މީހަކު ބަންދަށް ނުލާނެއެވެ. މިފަދަ މީހުންގެ ފައިގައި އިލެކްޓްރޯނިކް އުޅައެއް އަޅުވާފައި ދޫކޮށްލިޔަސް ބޮޑުވަރަކަށް އެނގޭނީ އެމީހާ ހުރިތަނެވެ. ކުރިކަމެއް ނުވަތަ ކުރަން އުޅޭކަމެއް ނޭނގޭނެއެވެ. އަދި ކުށެއް ކުރަން އުޅުނަސް އެކަމެއް ފުލުހުންނަށް ދުރާލާ ނުހުއްޓުވޭނެއެވެ. ކުޑަކުދިންނާ ބެހޭ މީހަކު، އުޅާ އަޅުވާފައި ދޫކޮށްލިޔަސް އެމީހާ އެކަން ނުކޮށް ހުރެދާނެ ކަމަށް ބުއްދިއަށް ގަބޫލުނުކުރެވެއެވެ.

މީހުން މެރުމުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ކުށުގެ މައްސަލަތަކާއި ޑްރަގު ރާއްޖެއަށް އެތެރެކުރުމުގެ މައްސަލަތައް ޝަރިއަތަށް ސާބިތުނުވެ ކުށްވެރިން ދޫވެގެންދާ އެންމެ ބޮޑު ސަބަބަކީ އެފަދަ މައްސަލަތަކުގައި އެމީހުންނާ ދެކޮޅަށް ހެކިބަސްދޭން ތިބި މީހުންގެ މައުލޫމާތު ފުލުސް އޮފީހުންނާއި ޕްރިސިކިއުޓަރ ޖެނެރަލްގެ އޮފީހުންނާއި ކޯޓުތަކުން ވަގަށް ހޯދައިގެން އެފަދަ ހެކީންނަށް ބިރު ދެއްކުމެވެ. އެކަން އެންމެ ބޮޑަށް އެނގޭނެ މީހަކީ ޕްރޮސިކިއުޓަރ ޖެނެރަލް އެވެ. މިކަންކަން ވަޒަންކުރާނެ ގޮތެއް ޕްރޮސިކިއުޓަރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ނެތެވެ.

މުޖުތަމައުގެ ތެރެއަށް މިފަދަ ނުރައްކާތެރި މީސް މީހުން ދޫކޮށްލުމުގައި އެމީހުންގެ ފުށުން މުޖުތަމައުއަށް ނުރައްކަލެއް އޮތްކަން ނުވަތަ ނެތްކަން ބަލާނެ މިންގަނޑެއް ބަޔާންކޮށްފައި ނެތެވެ. އަދި އެ ފަދަ މިންގަނޑެއް ކަނޑައެޅުމަކީ ވެސް ކުރެވޭނެ ކަމެއް ނޫނެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކުށްކުރިކަމުގެ ހެކިހުރެފައި މުޖުތަމައަށް ނުރައްކާ އޮތްކަމަށް މައްސަލަ ބަލާ ގާޒީއަށް ފެނިގެން ޝަރިއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ފުށުން މުޖުތަމައުއަށް އޮތް ނުރައްކާ ކުއްލިއަކަށް ކެނޑިގެން ހިނގައްޖެކަމަށް ހަމަ އެ ގާޒީ އަނެއްކާ ކަނޑައަޅާނީ ކޮން ހަމަޔަކުން ހެއްޔެވެ. އެފަދަ ނުރައްކަލެއް ނެތް ކަމަށް ސިޔާސީ މަގްސަދަކަށްޓަކައި ސިޔާސީ ޕްރޮސިކިއުޓަރ ޖެނެރަލްއަކު ވިދާޅުވުމުން އެވަރުން ފުދުނީ ހެއްޔެވެ. ގާޒީ ނިންމުމެއް ނިންމަން ޖެހޭނީ ހެއްކާއި ގަރީނާއަށް ބަލާފައެވެ. އެވަގުތަކު ހިތަށް އަރާ ގޮތަކަށް ނޫނެވެ. ފުލުހުން ނުވަތަ ޕްރޮސިކިއުޓަރު ބުނާ ބުނުމަކުން ނުފުދޭނެއެވެ. މިއީ ރައީސް ހިންގަވާ ގައުމީ ނުވަތަ ސިޔާސީ ކެމްޕޭނެއް ކަމަށް ވާތީ އެކެމްޕެއިނުގައި ޕްރޮސިކިއުޓަރ ޖެނެރަލް އެކޭ އެއްފަދައިން ހިތާ ރޫހުން ގާޒީ ބައިވެރިވުމުގެ ގޮތުން ނަމަވެސް މިބާވަތުގެ ކަމެއް ގާޒީއަށް ކުރެވިދާނެކަމަށް ގާނޫނާއި ގަވައިދަކު ނުބުނެއެވެ.

މައްސަލައަކީ ޝަރިއަތް ނިމެންދެން މީހަކު ބަންދުކުރުމެއް ނޫނެވެ. މައްސަލައަކީ ހުކުމެއް ނުކޮށް އިންތިހާއަށް ދިގުމުއްދަތަކަށް ބަންދުގައި ތިބެންޖެހުމެވެ. އެހެންކަމުން ފަރުވާއެއް ހޯދަންޖެހެނީ އެ މައްސަލައަށެވެ. މައްސަލައިގެ އަސްލަކީ މިއީކަން އެނގި ތިބެ އެކަމަށް ފަރުވާއެއް ނުހޯދައި ދެންކުރާ ކޮންމެ ކަމެއް ވާނީ ބޭކާރު ކަމަކަށެވެ. އެކަމަކުން ހެޔޮ ނަތީޖާއެއް ނުނިކުންނާނެއެވެ. އޭގެއިން އުފެދޭނީ އިތުރު ނުބައިތަކެކެވެ.

ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ އަދި ރަނގަޅު ހައްލެއް ހޯދޭނީ އެ މައްސަލައިގެ އަސްލު ސަބަބު ހޯދައި، އެ ސަބަބަށް ފަރުވާއެއް ދީގެންނެވެ. މުޅި ދައުލަތުގެ ކަޅި އަމާޒުކުރަންވީ ޝަރިއަތްތައް އަވަސްކުރުމަށެވެ. އެކަން ނުކޮށް، ޝަރިއަތްތައް ދިގުދެމިގެންދާނެ ގޮތަކަށް، ރަށުތެރެއަށް ނުރައްކާތެރި މީސްމީހުން ދޫކޮށްފައި ބައިތިއްބަން އެއްވެސް ފަރާތަކުން ހިތްވަރުދީ، އެއީ ކުރެވުނު މޮޅުކަމެއް ކަމަށް ދައްކަން އުޅެގެން ނުވާނެއެވެ. އެގޮތުން ދޫކޮށްލާ މީހެއްގެ ފުށުން މުޖުތަމައުގެ އެހެން މީހަކަށް އަނިޔާއެއް ފޯރައިފިނަމަ އެކަމުގެ ޒިއްމާ ޝަހުސީ ގޮތުން އުފުލަންޖެހޭނީ ޑރ. މުއިއްޒުއާއި އައްބާސް ޝަރީފުއެވެ.

އަސްލު މައްސަލައަކީ ޝަރިއަތްތައް މާބޮޑަށް ލަސްވުންކަން އެނގި ތިބެ، އެކަމަށް ހައްލެއް ގެންނަން މިސަރުކާރުން އެއްވެސް ކަމެއް ނުކޮށް ތިބުމެވެ. ޝަރިއަތްތައް އަވަސްކުރާނެ ގޮތެއް ނޭނގޭ މީހުން ޒިއްމާދާރު މަގާމުތަކާ ހަވާލުވެ އެކަން ނުކުރެވި ތިއްބާ، ބަޔަކު އަޑުގަދަކުރަން ފެށީމަ، ކަންބޮޑުވެ ދެލޯ މުދުނަށް އެރުމުން، ދެން ކުރެވޭނީ މިބާވަތުގެ މޮޔަކަންތަކެވެ. ޝަރިއަތް އަވަސްކުރާން ހަދާނެ ގޮތެއް ނޭނގޭނަމަ ޒިއްމާދާރު މަގާމުތަކުން އެއްކައިރިއަށް ޖެހިލާށެވެ. އަދި އެކަން ކުރެވޭނެ ވިސްނުން ހުރި މީހުންނަށް ފުރުސަތުދޭށެވެ.

ވާނުވާ ބަންދުގައި ތިބީ ހަތަރު ސަތޭކައެއްހާ މީހުންނެވެ. އެ ހަތަރު ސަތޭކަ މައްސަލަ ހަތަރު މަސް ދުވަހުން ނިންމޭނެއެވެ. އެކަމަކު ޖިނާއީ އަދުލުގެ ނިޒާމު ހިންގަން އެތިބަ މީހުންނަކަށް އެކަން ކުރާނެ ގޮތެއް ނޭނގެއެވެ. ނޭނގި ތިބެ ހާވާ ހަޑި އަހަރެމެން މިތިބީ ބަލާށެވެ.

ފެށިއިރު ބުނިހެން ވާނުވާ ބަންދުގެ މައްސަލަ ކާމިޔާބު ކަމާއެކު ހައްލުކޮށްފިކަމަށް ރައީސް މުއިއްޒު އިއުލާންކުރި ނަމަވެސް، މި މައްސަލަ ހައްލެއް ނުވެއެވެ. މިގޮތަށް މި މައްސަލަ ހައްލެއް ނުވެސް ވާނެއެވެ. ހައްލުނުވާނެ ސަބަބަކީ ޝަރިއަތްތައް ހަލުއި ކުރުމަކީ އަސްލު ސަބަބު ކަމަށްވާއިރު، ޝަރިއަތްތައް އަވަސްވާނެ އެއްވެސް ކަމެއް މި ސަރުކާރުން ކޮށްފައި ނެތުމެވެ. މިކުރިކަމަކުން އިއުތިރާފުވެވުނީ ޝަރިއަތްތައް އަވަސް ކުރަން މި ސަރުކާރަށް ދެންކުރެވޭނެ އިތުރު އެއްވެސް ކަމެއް އެއްވެސް ވިސްނުމެއް ނެތީކަމަށެވެ. މިގޮތަށް މިކަންކުރުމުން ކަންކަން ގޯހުން ގޯހަށް ގޮސް މައްސަލަތަކުގެ ޝަރިއަތްތައް އިތުރަށް ދިގުލައިގެންދާނީ އެވެ. ނުރައްކާތެރި މީހުން މަގުމައްޗަށް ދޫކޮށްލުމުން އެ މީސްމީހުން ހެކިންނަށް ބިރު ދެެއްކުން އިތުރުވުމުގެ ސަބަބުން ޖިނާއީ ބޮޑު އެއްވެސް މައްސަލައެއް ދެން ޝަރިއަތަށް ސާބިތުނުވާނީއެވެ. މިއީ ކުޑަ މުޖުތަމައެއް ކަމަށްވުމުން، ގަސްތު މަރެއްގެ މައްސަލައިގައި ހެކިބަސްދޭން ހުރި ހެކިވެރިޔާ ކޮފީއެއް ބޯލަން ހޮޓަލަކަށް ވަންނަ އިރު، ޖެހިގެން ހުރި މޭޒުގައި އިށީނދެ ފެގެއް ޖަހައިގެން ކޮފީއެއް ބޯލަން އިންނާނީ އެމީހަކާ ދެކޮޅަށް އޭނާ ހެކިބަސްދޭންޖެހޭ އަނިޔާވެރިޔާއެވެ. ކުޑަކުއްޖަކާ ބެހިގެން ބަންދުކޮށްފައި ހުރި މީހާ ގެއަށް ބަދަލުކުރާއިރު އެއްވެސް ސަލާމަތެއް ރައްކަލެއް ނެތި އެ ކުޑަކުއްޖާ ގޭގައި ހުންނާނެއެވެ.

ތިޔަ ހޯދީ ކާމިޔާބީ އެއް ކަމަށް ހީވާނަމަ، ހުޅުގަނޑު ފަޅައިގެންދާ ވަރަށް ހަވާއަރުވާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox