ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) ގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރެއިން ޖަނާހު އައްޔަންކޮށްފި އެވެ.
މީގެ ކުރިން އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި ނޫރައިން އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކަށަވަރުކޮށްދީފަ އެވެ. މީގެކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އިސްތިއުފާދެއްވީ މިދިޔަ އަހަރު ކުރީކޮޅު އެވެ.
މި ސަރުކާރުން އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް ނޫރެއިން އައްޔަންކުރީ ޑިސެމްބަރު 27، 2023، ގަ އެވެ. އެ މަގާމުން އޭނާ އިސްތިއުފާދެއްވީ މެއި 21، 2024، ގަ އެވެ. އެމްއެމްޕީއާރުސީގެ މަގާމުން އިސްތިއުފާދެއްވައި، އެ ކުންފުނީގެ ހިންގުމުގައި ހުރި ބޮޑެތި ގޯސްތަކެއް ބަޔާންކޮށް ރައީސް މުހައްމަދު މުއިއްޒު އަށް އޭނާ ސިޓީއެއް އޭރު ފޮނުއްވި އެވެ.
ނޫރެއިން އަކީ ރައީސް މުއިއްޒު މިނިސްޓަރުންގެ ފެންވަރުގައި އައްޔަނުކުރައްވާފައިވާ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްްމަންޓު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނެވެ.

އޭނާ އަކީ 10 އަހަރުގެ މެނޭޖުމަންޓު ތަޖުރިބާ ހުރި ޗާޓާޑް އެކައުންޓަންޓަކެވެ. އަދި, އޭނާއަކީ ޖަނާހުގެ ހޮޓެލްސް އެންޑް ރިސޯޓް އިންވަސްޓްމަންޓު ގްރޫޕްގެ ވައިސް ޗެއާ އެވެ.













