ނިއު ދިއްލީ، އިންޑިއާ (މެއި 25) - އަންނަ މަހު އިންގްލެންޑްގައި އެ ގައުމާ ދެކޮޅަށް ކުޅެ ފައިވް ޓެސްޓް ސީރީސްގައި، އިންޑިއާ ޓީމުގެ ކެޕްޓަނަކަށް، ސުބްމަން ގިލް ހަމަޖައްސައިފި އެވެ.
އިންޑިއާގެ ޓެސްޓް ޓީމުގެ ކެޕްޓަންގެ މަގާމު ހުސްވީ ދާދި ފަހުން، އެ މަގާމުގައި ހުރި ރޯހިތު ޝަރްމާ ރިޓަޔާ ކުރުމުންނެވެ. ރޯހިތުގެ އިތުރުން، އޭގެ ކުރިން، ކެޕްޓަނަކަށް ހުރި ވިރާތު ކޯލީ ވެސް ވަނީ އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުން ރިޓަޔާކޮށްފަ އެވެ.
އިންޑިއާ އަށް 32 ޓެސްޓް މެޗުގައި ކުޅެދީފައިވާ ގިލް، 25، ވަނީ އެ މެޗުތަކުގައި، 1893 ލަނޑު ހަދައިފަ އެވެ. ގިލްގެ ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ރިޝަބް ޕާންޓް އެވެ. ކުރިން ބެލެވުނީ، ވައިސް ކެޕްޓަންކަން ދޭނީ ފާސްޓް ބޯލަރު، ޖަސްޕްރީތު ބުމްރާ އަށް ކަމަށެެވެ. އެކަމަކު، އަނިޔާ އިން އެނބުރި އައި ބުމްރާ އަށް ޓެސްޓް ސީރީސްގެ ހުރިހާ މެޗެއްގައި ނުކުޅެވޭނެ ކަމަށް ބެލެވޭތީ، އިންޑިއާ ޓީމުގެ ސިލެކްޓަރުން ނިންމީ، ވައިސް ކެޕްޓަން، ވިކެޓްކީޕަރު، ޕާންޓް އަށް ދިނުމަށެވެ.
އިންޑިއާގެ ޗީފް ސިލެކްޓަރު، އަޖީތު އަގަރްކަރު ބުނީ، ގިލް އަށް ކެޕްޓަންކަން ދޭން ނިންމީ، ހުރިހާ ފޯމެޓެއްގައި ވެސް އިންޑިއާގެ ކެޕްޓަންކަން ކުރުމުގެ ލީޑަޝިޕް އޭނަ ކިބައިން ފެންނާތީ ކަމަށެވެ. ގިލް ވަނީ މީގެ ކުރިން، ޓީ20 ފަސް މެޗެއްގައި އިންޑިއާގެ ކެޕްޓަންކަން ކޮށްފަ އެވެ.
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ގުޖުރާތު ޓައިޓަންސްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ގިލްގެ ކެޕްޓަންކަމުގައި، އިންޑިއާ އިން އިންގްލެންޑާ ކުޅޭ ޓެސްޓް ސީރީސް ފަށާނީ އަންނަ މަހު 20 ވަނަ ދުވަހު އެވެ.












