‏އޭއައި އިން ހަގީގަތް އޮޅުވައިލުން އިންސާނުންނަށް ވުރެ މަދު

‏އެންތްރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޮޑެއީ ‏-- ފޮޓޯ: ޓެކްކްރަންޗް

‏އެންތްރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޮޑެއީ ‏-- ފޮޓޯ: ޓެކްކްރަންޗް

އޭއައި މޮޑެލްތަކުން "ހެލޫސިނޭޓް" ކުރާ މިންވަރު އިންސާނުންނަށްވުރެ މަދު ކަމަށް, އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގައި މަސައްކަތްކުރާ ޓެކްނޮލޮޖީ ކުންފުންޏެއް ކަމުގައިވާ ‏‏އެންތްރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޮޑެއީ ވިދާޅުވެއްޖެ އެވެ. "ހެލޫސިނޭޝަން" އަކީ އޭއައި މޮޑެލްތަކުން ތެދު ނޫން ‏‏މައުލޫމާތު އުފައްދައި، އެއީ ތެދު މައުލޫމާތެއް ކަމަށް ދައްކާ ހާލަތެވެ.

ބުރާސްފަތި ‏‏ދުވަހު ސަން ފްރެންސިސްކޯގައި ބޭއްވި އެންތްރޮޕިކްގެ ފުރަތަމަ ޑިވެލޮޕަ އިވެންޓް "ކޯޑް ވިތް ކްލޯޑް" ގައި ‏‏ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ‏އަމޮޑެއީ ވިދާޅުވި ގޮތުގައި، "މިންކުރާ ގޮތަށް ބަލާއިރު، އޭއައި މޮޑެލްތަކުން ހެލޫސިނޭޓް ކުރަނީ، ‏‏އިންސާނުންނަށްވުރެ މަދުން" ކަމަށެވެ. އެ މޮޑެލްތަކުން ހެލޫސިނޭޓް ކުރާ ގޮތްތައް އިންސާނުންނަށްވުރެ ބޮޑަށް ‏‏ހައިރާންކުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ‏‎.‎

‏އެންތްރޮޕިކްގެ ސީއީއޯއަކީ އޭއައި މޮޑެލްތަކުން އޭޖީއައި (އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސް) އަށް ވާސިލްވުމުގެ ‏‏ފުރުސަތާމެދު އެންމެ އުއްމީދީ ލީޑަރުންގެ ތެރެއިން އެކެކެވެ. އޭޖީއައި އަކީ އިންސާނުންގެ ފެންވަރުގެ ނުވަތަ ‏‏އެއަށްވުރެ މަތީ ފެންވަރުގެ އިންޓެލިޖެންސް ހުންނަ އޭއައި ސިސްޓަމްތަކެވެ.

Advertisement

ފާއިތުވި އަހަރު އަމޮޑެއީ ލިޔުއްވި ‏‏މަޝްހޫރު ޕޭޕަރެއްގައި ވިދާޅުވެފައިވަނީ އޭޖީއައި 2026 ވަނަ އަހަރު ވުޖޫދަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ‏‏ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމޮޑެއީ ވިދާޅުވީ އެ ދިމާއަށް ހަލުވި ކުރިއެރުންތަކެއް ‏‏ފެންނަމުންދާ ކަމަށެވެ. ‏

‏އެހެން އޭއައި ލީޑަރުން ދެކޭ ގޮތުގައި ހެލޫސިނޭޝަންއަކީ އޭޖީއައި އަށް ވާސިލްވުމަށް އޮތް ބޮޑު ހުރަހެކެވެ.

މި ހަފުތާގެ ‏‏ކުރީކޮޅު، ގޫގުލް ޑީޕްމައިންޑްގެ ސީއީއޯ ޑެމިސް ހަސަބިސް ވިދާޅުވެފައި ވަނީ މިއަދުގެ އޭއައި މޮޑެލްތަކުގައި "ވަރަށް ‏‏ގިނަ ހުސްތަން" ހުރި ކަމަށާއި، ވަރަށް ގިނަ ސާފު ސުވާލުތަކަށް ނުބައިކޮށް ޖަވާބުދޭ ކަމަށެވެ. މިސާލަކަށް، މި ‏‏މަހުގެ ކުރީކޮޅު، އެންތްރޮޕިކް ތަމްސީލުކުރި ވަކީލަކު ކޯޓުގައި މައާފަށް އެދެންޖެހުނެވެ، ކޯޓަށް ހުށަހެޅި ލިޔުމެއްގައި ‏‏ހަވާލާތައް ހޯދުމަށް ކްލޯޑް ބޭނުންކުރުމުން، އެ އޭއައި ޗެޓްބޮޓުން ހެލޫސިނޭޓްކޮށް ނަންތަކާއި މަގާމުތައް ‏‏ނުބައިކޮށް ލިޔެފައިވެ އެވެ.

‏އަމޮޑެއީގެ މިވާހަކަތަކަށް ގޮތެއް ކަނޑައެޅުމަކީ މިދާއިރާގެ ބޭފުޅުން ދެކިލައްވާ ގޮތުގައި އުނދަގޫ ކަމެކެވެ. އެއީ ގިނަ ހެލޫސިނޭޝަން ބެންޗްމާކްތަކުން އޭއައި ‏‏މޮޑެލްތައް އަޅާކިޔަނީ އެހެން އޭއައި މޮޑެލްތަކާ އެކުގައި ކަމުން، އިންސާނުންނާ އަޅާކިޔާފައި ނުވާތީ އެވެ. ބައެއް ‏‏ޓެކްނިކްތަކުން ހެލޫސިނޭޝަން ރޭޓް ދަށްކުރުމަށް އެހީވާކަން ފާހަގަކުރެވެ އެވެ.

މިސާލަކަށް، އޭއައި މޮޑެލްތަކަށް ވެބް ‏‏ސާޗް އެކްސެސް ދިނުމެވެ. އަދި ބައެއް އޭއައި މޮޑެލްތަކުގައި، މިސާލަކަށް އޯޕެންއޭއައިގެ ޖީޕީޓީ-4.5 ގައި، ކުރީގެ ‏‏ޖީލުގެ ސިސްޓަމްތަކާ އަޅާބަލާއިރު ހެލޫސިނޭޝަން ރޭޓް ދަށްކަން ފާހަގަކުރެވެ އެވެ‏‎.‎

‏އެހެން ނަމަވެސް، ފުންކޮށް ވިސްނުމުގެ ގާބިލިއްޔަތު ހުރި އޭއައި މޮޑެލްތަކުގައި ހެލޫސިނޭޝަން އިތުރުވަމުންދާކަން ‏‏ދައްކުވައިދޭ ހެކިތަކެއްވެސް އެބަހުއްޓެވެ. އޯޕެންއޭއައިގެ‏‎ o3 ‎‏އަދި‏‎ o4-‎‏މިނީ މޮޑެލްތަކުގައި، ކުރީގެ ޖީލުގެ ވިސްނުމުގެ ‏‏މޮޑެލްތަކަށްވުރެ ހެލޫސިނޭޝަން ރޭޓް މަތިކަން ފާހަގަކުރެވިފައިވެއެވެ. އަދި އެ ކުންފުނިން މިކަން މިހެން ދިމާވާ ‏‏ސަބަބު ރަނގަޅަށް ނޭނގޭކަމަށް ބުނެފައިވެ އެވެ‏‎.‎

‏ނޫސްވެރިންގެ ބައްދަލުވުމުގެ ފަހުކޮޅު، އަމޮޑެއީ ފާހަގަކުރެއްވީ ޓީވީ ބްރޯޑްކާސްޓަރުން، ސިޔާސީ ވެރިން، އަދި ‏‏ހުރިހާ ބާވަތެއްގެ ވަޒީފާތަކުގައި ތިބޭ އިންސާނުންވެސް ގޯސްކޮށް ކަންކަން ކުރާކަމެވެ. އޭއައި އިންވެސް ގޯސްކޮށް ‏‏ކަންކަން ކުރުމަކީ އޭގެ އިންޓެލިޖެންސްއަށް ހުތުރުވާ ކަމެއް ނޫން ކަމަށް އަމޮޑެއީ ވިދާޅުވިއެވެ. އެހެންނަމަވެސް، ‏‏އޭއައި މޮޑެލްތަކުން ތެދު ނޫން ކަންކަން ހަގީގަތެއްގެ ގޮތުގައި ހުށަހަޅާއިރު ދައްކާ ޔަގީންކަން މައްސަލައަކަށް ‏‏ވެދާނެކަން އެންތްރޮޕިކްގެ ސީއީއޯ ގަބޫލުކުރެއްވި އެވެ‏‎.‎

އެންތްރޮޕިކްއިން ވަނީ އޭއައި މޮޑެލްތަކުން އިންސާނުންނަށް އޮޅުވާލުމުގެ މައްޗަށް ގިނަ ދިރާސާތަކެއް ‏‏ކޮށްފައެވެ. މި މައްސަލަ ފާހަގަކުރެވިފައިވަނީ ފަހުން ތައާރަފުކުރި ކްލޯޑް އޯޕަސް 4 ‏‏ގަ އެވެ.

އެޕޯލޯ ރިސާޗް، އެ އޭއައި މޮޑެލް ޓެސްޓްކުރުމަށް ކުރިން އެކްސެސް ލިބިފައިވާ ސޭފްޓީ ‏‏އިންސްޓިޓިއުޓަކުން ފާހަގަކޮށްފައިވަނީ ކްލޯޑް އޯޕަސް 4 ގެ ކުރީގެ ވާޝަނެއްގައި އިންސާނުންނާ ދެކޮޅަށް ‏‏ރޭވުމާއި އޮޅުވާލުމުގެ މައްސަލަ ބޮޑަށް ހުރިކަމެވެ. އެޕޯލޯއިން ހުށަހަޅާފައިވަނީ އެންތްރޮޕިކްއިން އެ ކުރީގެ މޮޑެލް ‏‏ނެރެގެން ނުވާނެ ކަމަށެވެ. އެންތްރޮޕިކްއިން ބުނެފައިވަނީ އެޕޯލޯއިން ފާހަގަކުރި މައްސަލަތައް ހައްލުކުރުމަށް ބައެއް ‏‏ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ‏‎.‎

‏އަމޮޑެއީގެ ވާހަކަތަކުން ދޭހަވަނީ އެންތްރޮޕިކްއިން އޭއައި މޮޑެލެއް އޭޖީއައި ނުވަތަ އިންސާނުންގެ ފެންވަރުގެ ‏‏އިންޓެލިޖެންސްއާ އެއްވަރު ކަމަށް ބެލުމުގައި، އެ މޮޑެލް ހެލޫސިނޭޓްކުރިޔަސް އެކަން ބަލައިގަންނާނެ ކަމަށެވެ.

އެންތްރޮޕިކް އުފައްދާފައި ވަނީ 2021 ވަނަ އަހަރުގަ އެވެ. އެ ކުންފުނީގެ މައިގަނޑު އުފެއްދުމަކީ "ކްލޯޑް" ނަމަކަށް ކިޔާ އޭއައި ޗެޓްބޮޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox