ރިސޯޓް ލީގު 2025 ގެ ދ. ޒޯނުގައި ސަން ޝިޔާމް އިރުވެލި ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި ޓީމަކަށް ސެއިންޓް ރެޖިސް ވޮއްމުލި ވެއްޖެ އެވެ.
މި ޒޯނުގެ ލީގު ބުރުގެ މެޗުތައް އިއްޔެ ނިމުނުއިރު، ވޮއްމުލި އަށް ފައިނަލުގެ ޖާގަ ކަށަވަރުވީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދާ ލީގު ބުރުގެ އެއް ވަނަ ހޯދައިގެންނެވެ. ލީގު ބުރުގެ ދެ ވަނަ އަދި ތިން ވަނަ އަށްދިޔަ ވެލާވަރާއި، ނިޔާމަ އަށް ވެސް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ވޮއްމުލި އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
އިއްޔެ ހަވީރު އިރުވެލީގެ މައްޗަށް ވޮއްމުލިން ކުރިހޯދީ 8-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ވޮއްމުލީގެ ޝަފީއު ހަސަން އާއި ނިޒޮން، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހިއިރު، އިބްރާހީމް ނަސާތު، ހަސަން ހުސާމް އަބްދު الله އިބްރާހީމް އަލީ އަދި ޔާސިރު އަހުމަދު، މީގެއިން، ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހައިފަ އެވެ. މި މެޗުގައި އިރުވެލީގެ ގޯލަކީ، ވޮއްމުލީގެ ކީޕަރު އަލީ ޖުނައިދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މީގެ އިތުރުން އިއްޔެ ހަވީރު އަންގްސާނާ ވެލާވަރުން ކަންޑިންމަ މޯލްޑިވްސްގެ މައްޗަށް ކުރިހޯދީ 4-0 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ އަށްވަނަ މިނިޓްގައި ވެލާވަރަށް ލީޑު ނަގައިދިނީ މުހައްމަދު ޝާހް ޖެހި ގޯލުންނެވެ. އަދި އޭގެ މިނިޓްއެއް ފަހުން ނާމީ ޖަމްޝީދު ވަނީ ވެލާވަރުގެ ލީޑު ފުޅާކޮށްދީފަ އެވެ.
ވެލާވަރުގެ ތިންވަނަ ގޯލު މެޗުގެ 15 ވަނަ މިނިޓްގައި އެ ޓީމަށް ޖަހައިދިނީ އަލީ ޝާނިއު އެވެ. އަދި ފަހު ގޯލު ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޖަހައިދިނީ ޝާހް އެވެ.
ރިސޯޓް ލީގު 2025 ގެ ދ. ޒޯނުގައި ޖުމްލަ ފަސް ޓީމުން ވަނީ ވާދަކޮށްފަ އެވެ.













