ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންކުރައްވާ ލޯންޗުތަކަށް އަޅަން މުލިއާގެއިން އަގުބޮޑުކޮށް ޕެޓްރޯލް ގަންނަކަން އެނގިއްޖެ އެވެ.
އަދަދު ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި މުލިއާގެއިން އަގުބޮޑުކޮށް ޕެޓްރޯލް ގަންނަނީ ސަރުކާރުގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް އިންނެވެ.
މި ނޫހަށް ފެނުނު ބައެއް އިންވޮއިސްތަކުގައިވާ ގޮތުގައި މުލިއާގެއަށް އެފްއެސްއެމް އިން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 20.88ރ. އަށެވެ.
މިދިޔަ މަހުގެ 23 ގައި އަގުހެޔޮކޮށް އެފްއެސްއެމް އިން އާންމުންނަށް ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދަނީ 13:50ރ. އަށެވެ. އޭގެ ކުރިން ލީޓަރެއް ވިއްކީ 13.98ރ. އެވެ. އަގުގެ ތަފާތާއެކު ކޮންމެ 100 ލީޓަރަކުން 738 ރުފިޔާ ދައުލަތުން އިތުރަށް ހަރަދުކުރާނެ އެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އާ ސުވާލުކުރުމުން މިކަން ދޮގުކުރައްވާފައިވެ އެވެ. ވިދާޅުވީ އަގުބޮޑުކޮށް މުލިއާގެއިން ލޯންޗުތަކަށް ތެޔޮ ނާޅާނެ ކަމަށެވެ.

ރައީސް އޮފީހުން އަގުބޮޑުކޮށް ޕެޓްރޯލް ގަންނަމުންދާއިރު، ރައީސް އާރަށަށް ކުރައްވާ ދަތުރުތަކުގައި ލޯންޗުތަކަށް ތެޔޮ އަޅަން ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެއީ 116 ދަތުރަށް ހަރަދުވީ ވަރެވެ.
ތެޔޮ އަޅަން ހަރަދުކުރި ފައިސާ މި ދަތުރުތަކަށް ބަހާލުމުން، ކޮންމެ ދަތުރަކަށް 5،500 ވަރަކަށް ރުފިޔާ ތެލަށް އެކަނި ހަރަދުވެ އެވެ.














