ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ އިޖުރާއަތްތަކާ އެއްގޮތަށް ކަން ކަށަވަރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ބާ ކައުންސިލުން އެދެފި އެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރު ނުވާހާ ހިނދަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކި ކުރުމުގެ މައްސަލައެއް ޖޭއެސްސީއިން މަޖިލީހަށް ހުށަހަޅާފައިވާއިރު، ފަނޑިޔާރުން ސުލޫކީ މިންގަނޑާ ހިލާފުވެފައިވޭތޯ މަޖިލީހުން ކަށަވަރު ކުރަންޖެހޭނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ.
ބާ ކައުންސިލުން އެދިފައި ވަނީ:
- ޖޭއެސްސީ އިން އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ކަށަވަރު ކުރުން
- ޖޭއެސްސީ އިން ފާހަގަކޮށްފައިވާ ކަންކަމަކީ ތުހުމަތުވާ ފަނޑިޔާރުންގެ ހައްގުތައް ކަށަވަރުކޮށްދީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަން ކަށަވަރު ކުރުން
- ފަނޑިޔާރުން ވަކި ކުރަން ނިންމި ނިންމުމަށް ވާސިލުވެފައިވަބީ ބުރަދަން ހުރި ހެކީގެ މައްޗަށް ކަން ކަށަވަރު ކުރުން
- ޑިއު ޕްރޮސެސް ފުރިހަމަކޮށްފައިވާކަން ކަށަވަރު ކުރުން
- ދިފާއީ ވަކީލުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުން
- ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުން
- ފަނޑިޔާރުން ހާޒިރު ކުރާ ނަމަ ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއް ބޭއްވުން
- މައްސަލައިގައި މަޖިލީހުން ގޮތެއް ނިންމާއިރު އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުން

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ނިންމީ ފަނޑިޔާރުން ވަކި ކުރަން ހުށަހެޅި މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ރިޕޯޓު ދިރާސާ ކުރުމަށެވެ. އެ ރިޕޯޓު ތައްޔާރު ކުރި މެންބަރުން ހާޒިރު ކުރަން ވެސް މެންބަރަކު ހުށަހެޅި އެވެ. އެކަމަކު، އެ ހުށަހެޅުން ފާހެއް ނުވި އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ނިންމި އެވެ. އެކަމަކު، މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ޖޭއެސްސީއަށް ފޮނުވި ސިއްރު ސިޓީއަކަށް ބިނާކޮށެވެ. އެ ސިޓީ ފޮނުވާފައި ވަނީ އާންމުކޮށް އެފަދަ ސިޓީ ފޮނުވާ އުސޫލުތަކާ ހިލާފަށް ޖެމްސް ސިސްޓަމް މެދުވެރިނުކޮށެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމާއެކު، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ އެކަަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި ވަކީލުންނާއި ގާނޫނީ މާހިރުން ހިމެނެ އެވެ. އަދި އދ. ގެ ކަމާ ބެހޭ އެކްސްޕާޓު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި އދ. އިން ވަނީ ރައީސް އޮފީހަށް ސިޓީއެއް ވެސް ފޯރުވައިފަ އެވެ.











