ހެއްދެވި ފަރާތަށް އޮޅުވައި ނުލެވޭނެ ކަމަށް ވިދާޅުވުމަށް ފަހު ވެސް ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އެއްބަސްވެވަޑައިނުގެންނެވި އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކޮށް ދުސްތޫރީ މައްސަލަތައް ބެލުން އޮތީ ހުއްޓުވައިފަ އެވެ. ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަނީ ރައީސް މުއިއްޒު ކަމަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓު ހުއްޓުވާފައި އޮތީ ސަރުކާރުން ކޯޓަށް ނުފޫޒު ފޯރުވަން ކަމަށް އދ. އިން ވެސް ވަނީ ބުނެފަ އެވެ. އެ މައްސަލައިގެ ކަންބޮޑުވުން، އދ. ގެ ކަމާ ބެހޭ އެކްސްޕާޓު ވެސް ވަނީ ސަރުކާރާ ހިއްސާ ކުރައްވައިފަ އެވެ. އަދި ސުޕްރީމް ކޯޓަށް ނުފޫޒު ފޯރެވޭ ގޮތަށް ސީދާ ރައީސް އަންގަވައިގެން މަޖިލީހުން ބިލެއް ވެސް ފާސް ކުރި އެވެ.
އެކަމަކު، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު އެއްވެސް ވަރަކަށް ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާ ކަމަށެވެ. އަދި އެ މޭރުމުން ވާހަކަ ދައްކަވަމުން، "ހެއްދެވި ފަރާތަށް އޮޅުވައިނުލެވޭނެ" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ތި ވިދާޅުވި ގޮތަށް ދެންނެވި ހުވާ ކުރި ދުވަހު މިއަދުން ފެށިގެން މިހިނދުން ފެށިގެން، ޖުޑީޝަރީއަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނަމޭ. އެއީ ހަގީގަތެއް. އެއީ މިއަދާ ހަމައަށް ވެސް އޮތީ އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އޮންނާނީ. ދެން ތި ބޭފުޅުންގެ އަމިއްލަ ޖަޖްމެންޓަކަށް ވެދާނެ، ތި ވިދާޅުވި ގޮތަށް އަޅުގަނޑު ހުރިހާ ތަނެއް ކޮންޓްރޯލް ކުރަނީއޭ،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ ޖުޑީޝަރީގެ ތެރެއިން ހިނގާ ކަންކަމަށް ޖުޑީޝަރީން ޖަވާބު ދެއްވާނީ. އަޅުގަނޑު އޭގައި ޒިންމާ ނަގައި އަދި ޒިންމާ ނަގަން ޖެހޭނެ ކަމެއް ވެސް ނޯންނާނެ. ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އަޅުގަނޑެއް ނުކުރާނަން އެކަހަލަ އެއްވެސް ކަމެއް."
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ބަލާ ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އޮންނަނީ ރައީސް މުއިއްޒުގެ ކޮންޓްރޯލެވެ. އަދި ފަނޑިޔާރުންގެ މައްސަލަ ބެލި ކުޑަ ކޮމިޓީގައި ތިބޭ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންނަކީ ސީދާ ރައީސް އައްޔަން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.











