ޖުޑީޝަރީގެ ކަންކަން އެއްވެސް ވަރަކަށް ނުބައްލަވާ ކަމަށް ވިދާޅުވުމަށް ފަހު އޭގެ ސިކުންތުކޮޅެއް ފަހުން ފަނޑިޔާރުން ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލަ ވީހާވެސް އަވަހަށް ނިންމުމަށް ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސްއާ އަމާޒު ކުރެއްވި ސުވާލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވަމުން ގެންދަވަނީ ކީއްވެގެންތޯ އެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ "އަޅުގަނޑު ނުފޫޒު ފޯރުވައިގެން ކުރާ ކަމެއް އެއްވެސް ތާކު، މިނިވަން މުއައްސަސާއެއްގައި ނުކުރާނެ،" ކަމަށެވެ. މިއަދާ ހަމައަށް އައިއިރު ޖުޑީޝަރީއަށް އައްޔަނުކުރި އެއްވެސް މީހެއް މެދުވެރިކޮށް އެއްވެސް ކަމެއް ނުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
ޖުޑީޝަރީގައި ކަންކަން ހިނގާ ގޮތް ނުބައްލަވާ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ. އެއަށް ފަހު ފޮލޯއަޕް ސުވާލެއްގެ ގޮތުން އަދަދުގެ ނޫސްވެރިޔާ ރައީސްގެ އަރިހުން އެއްސެވީ އެމަނިކުފާނު ޖޭއެސްސީއަށް އައްޔަނުކޮށްފައިވާ މެންބަރުންނާއި އެމަނިކުފާނުގެ ސިޔާސީ ޕާޓީގެ އިސްވެރިން ތިއްބަވާ ޖޭއެސްސީން މައްސަލަތަކެއް ބަލައި ސުޕްރީމް ކޯޓުގައި "ތަޅު އަޅުވާފައިވާއިރު" އެ ކަންކަން ނުބައްލަވަނީތޯ އެވެ.
"ތި ވިދާޅުވި ކަންކަމުގައި ޖޭއެސްސީގެ ރައީސަށް ދަންނަވާފައި އޮންނާނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ވީހާ ވެސް އަވަހަށް ތި މައްސަލަ ނިންމަ ދޭށޭ. އެހެން ވާހަކަ ދެއްކިއިރު އަޅުގަނޑަށް ހީވަނީ އެއީ ރޯދަ މަހުގެ ފަހު 10 އަކަށް ބަންދުވާން، ވެފައި އޮތީ. ދެން އެ ދިޔައީ ވަރަށް ބޮޑު ބަންދެއް. އަޅުގަނޑު މި ދޭތެރެއިން ދެ ފަހަރަކު އަހާލައިފިން ކޮންއިރަކުންތޯ ތި މައްސަލަ އަވަހަށް ނިންމާލެވޭނީ،" ޖޭއެސްސީގެ ދެ މެންބަރަކަށް މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކެވި ކަމަށް އިއުތިރާފުވެވަޑައިގެން ރައީސް ވިދާޅުވި އެވެ.

އެގޮތަށް ޖޭއެސްސީގެ އެ މެންބަރުންގެ އަރިހުން އެއްސެވުމުން ލިޔެފައިވާ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން، ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށް މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވި ކަމަށް ރައީސް މިއަދު ހާމަކުރެއްވި އެވެ.
"އަޅުގަނޑު ފޯނު ކޮށްލާފައި ދެތިން ފަހަރަކު މިހާރު އެ ވާހަކަ ވާނީ ދައްކާފައި ޖޭއެސްސީގެ ރައީސްއާ އަދި އަޅުގަނޑު އައްޔަނު ކުރި މެންބަރާ ވެސް އެނގޭތޯ. ކޮންމެ ބޭފުޅަކު ވެސް ދެއްވާ ޔަގީންކަމަކީ ޑިއު ޕްރޮސެސް ފޮލޯކޮށްގެން މި ނިންމަނީއޭ. އަޅުގަނޑު އެބަ ބަލަން ތި ވިދާޅުވި ކަންތައްތައް،" ރައީސް އަނެއްކާ ވެސް ވިދާޅުވި އެވެ.
ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި އެކި ނޫސްވެރިކަން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއްވެސް ވަރެއްގެ ނުފޫޒެއް ނުފޯރުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިއަދާ ހަމައަށް ވެސް ހުންނެވީ ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ޖުޑީޝަރީއަށް ނުފޫޒެއް ނުފޯރުވަން ވެވަޑައިގެންނެވި މަތީގައި ކަމަށް ރައީސް ވިދާޅުވި އެވެ.












