މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް މިރޭ އުފައްދަވައިފި އެވެ.
ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެ ރިޔާސީ ކޮމިޝަންގައި ހިމެނެނީ ޑރ. މުހައްމަދު މުނައްވަރު، ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދު އަދި ޑރ. މުހައްމަދު ހަބީބު އެވެ. މިއީ ރައީސް މުއިއްޒު އުފެއްދެވި ފުރަތަމަ ރިޔާސީ ކޮމިޝަނެވެ.
އެ ކޮމިޝަންގެ ރައީސަކަށް މުނައްވަރު ހަމަޖައްސަވާފައިވާކަން ރައީސްގެ ގަރާރުގައި ބަޔާންކުރައްވާފައިވެ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މިރޭ އުފެއްދެވި ރިޔާސީ ކޮމިޝަނުން ޔުމްނުގެ މައްސަލަ ބަލައި އެ މައްސަލައާ ގުޅިގެން މިނިވަން ތަހުގީގެއް ހިންގާނެ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތަކީ ކޮބައިތޯ ބަލައި ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުމުގެ އިތުރުން އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެ ކޮމިޝަނުން އަޅާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ރައީސް އުފައްދަވާފައި މިވަނީ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މުޒާހަރާ ކުރަމުންދާ ޒުވާނުން އެކަމަށް ޑިމާްންޑު ކޮށްފައި ވަނިކޮށެވެ.

ޒުވާނުންގެ ފަރާތުން ޖުމުލަ 10 ޑިމާންޑެއް ސަރުކާރަށް ކޮށްފައިވެ އެވެ.
އެ ޑިމާންޑުތަކަކީ؛
- ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން
- މިކަމުގެ ތުހުމަތު ކުރެވޭ އެންމެ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން
- ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން
- ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން
- ތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން
- ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން
- ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދިނުން
- ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުން
- ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން
މި ޑިމާންޑުތަކުގެ ތެރެއިން ޔުމްނުގެ މައްސަލަ ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވައިލުމުގެ އިތުރުން ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ސުޖާއު ވަނީ މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވައިފަ އެވެ.
ނަމަވެސް ޒުވާނުން ޑިމާންޑު ކުރި ގޮތަށް އިސްތިއުފާ ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވަނީ ވިދާޅުވެފަ އެވެ.
ރައީސް މިރޭ އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މަސްއޫލިއްތުތައް އަދާ ކުރުމުގެ ގޮތުން ބާރުތަކެއް ވެސް ދެއްވާފައިވެ އެވެ. އެއީ:
- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން
- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެއިން ބޭރުގެ ހަބީރުންގެ އެހީތެރިކަން ހޯދުން
- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން
- ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން
- ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން
- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި އެނޫން ވެސް މައުލޫމާތު ހޯދުން
އެ ކޮމިޝަން ދެމި އޮންނާނީ ކޮމިޝަނާ ރައީސް މަތިކުރެއްވި މަސައްކަތް ފުރިހަމަވެއްޖެ ކަމަށް އެމަނިކުފާނު ކަނޑައެޅުމާ ހަމައަށް ކަމަށް ރައީސްގެ ގަރާރުގައި ބަޔާން ކޮށްފައިވެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ޒުވާނުން މަގުމައްޗަށް މުޒާހަރާއަށް ނުުކުތީ އެކަމަށް ސަރުކާރުގެ އިސްވެރިންތަކެއް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށެވެ.
އެގޮތުން ތުހުމަތުތައް އަމާޒުވި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުން އިޒްދިޔާން މުހައްމަދު މައުމޫން ވަކިކޮށް، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެކީގެ މަގާމުން ދައުދު އަހުމަދު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކުރި އެވެ.
ނަމަވެސް މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ ތުހުމަތު އަމާޒުވި އެންމެން ހައްޔަރު ކުރުމަށެވެ.












