ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރަށް ތުހުމަތުތަކެއް ކުރުމަށްފަހު ޖުޑީޝަލް ސާވިސް ކޮމިޝަނުން ބެލި މައްސަލަތަކުގައި، ފަނޑިޔާރުން ދިފާއުވުމަށް ހުށަހެޅި ހެކި ބަލައިނުގަތީ އެ ހެކިތައް ބަލައިގަތަސް މައްސަލައިގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް ކަނޑައެޅުމަށްފަހު ކަމަށް އަޒްމިރާލްދާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ މައްސަލަ ބެލި ޖޭއެސްސީގެ ތިން މެންބަރުންގެ ކުޑަ ކޮމިޓީއިން ވަނީ ފަނޑިޔާރުން މަގާމުން ވަކި ކުރަން ނިންމައިފަ އެވެ. ދިފާއީ ހެކި ބަލައިނުގަތުމަށް ނިންމުމުގެ އިތުރުން ވަކީލަކު ބޭނުންކޮށްގެން ދިފާއުވުމުގެ ފުރުސަތު ވެސް ފަނޑިޔާރުންނަށް ދީފައެއް ނުވެ އެވެ.
ފަނޑިޔާރުން ވަކި ކުރަން ނިންމި ކޮމިޓީގައި ހިމެނެނީ މެންބަރު މުހައްމަދު ނާސިހް އާއި ޔަޒްމީދް މުހައްމަދު އާއި އަލީ އަބްދުއްލަތީފެވެ. އޭގެ ތެރެއިން ނާސިހާއި ޔަޒްމީދަކީ ސީދާ ރައީސް މުހައްމަދު މުއިއްޒު އައްޔަންކޮށްފައިވާ ދެ ބޭފުޅުންނެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބުނީ ފަނޑިޔާރުންގެ މައްޗަށް ހިންގަނީ ޑިޔު ޕްރޮސެސްއެއް ނެތް ތަހުގީގެއް ކަމަށެވެ. ފަނޑިޔާރުންގެ މައްސަލަތައް ތަހުގީގު ކުރިއިރު، ފަނޑިޔާރުންގެ ފަރާތުން ހުށަހެޅުއްވި ހެކިތައް ބަލައި ނުގަންނަން ޖޭއެސްސީގެ ކޮމިޓީން ނިންމާފައިވާތީ އަޒްމިރާލްދާގެ ވަކީލުންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރި އެވެ.
"ކޮމިޓީގެ ނިންމުމަށް ވާސިލުވުމުގައި ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި އެންމެހާ ކިތާބީ ހެއްކާއި ޝަފަހީ ހެކި ބަލައިނުގަތުމަށް ވެސް ނިންމާފައިވާއިރު، އެ ނިންމުން ނިންމާފައި ވަނީ އެ ހެކިތަކުން ސާބިތުކުރަން ބޭނުންވާ ކަންކަން އެނގެން ނެތް ކަމަށާއި އަދި އެ ހެއްކަށް ރިއާޔަތް ކުރި ނަމަވެސް ތަހުގީގަށް ހޯދިފައިވާ ކަންކަން ނަފީ ނުކުރެވޭނެ ކަމަށް ބަޔާން ކުރުމަށްފަހު،" އަޒްމިރާލްދާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުންޏެވެ.

އަޒްމިރާލްދާގެ ފިރިކަލުން، ޑރ. އިސްމާއިލް ލަތީފް މައްސަލައެއްގައި ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ބަންދުން ދޫކޮށްލުމަށް އެ ކޯޓުގެ ފަނޑިޔާރުންނަށް އަޒްމިރާލްދާ އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަސައްކަތް ކުރެއްވި ކަމަށް ކުރާ ތުހުމަތުން ދިފާއުވުމަށް އަޒްމިރާލްދާގެ ފަރާތުން ގިނަ ހެކިތަކެއް ކޮމިޓީއަށް ހުށަހެޅި އެވެ.
އެގޮތުން ޑރ. ލަތީފް ޑިސެމްބަރު 4، ގައި ހައްޔަރުކުރިކަން އަޒްމިރާލްދާއަށް އެނގުނު ގޮތާއި ވަގުތާއި އޭގެ އަނެއް ދުވަހު، މުއްދަތުގެ މަޖިލިސް ފެށިގެން ގޮސް ނިމުނުއިރު، އަޒްމިރާލްދާގެ ފޯނުން އޭނާ ގުޅުއްވި މީހުންނާއި މެސެޖު ކުރި މީހުންގެ ތަފުސީލުތައް ހެކީގެ ގޮތުގައި ކޮމިޓީއަށް ހުށަހެޅި އެވެ.
ޑރ. ލަތީފް ހައްޔަރުކުރި މައްސަލައިގައި ކަންހިނގާދިޔަ ގޮތުގެ ޓައިމްލައިން
- ޑިސެމްބަރު 5، ހެނދުނު 7:47 - ޑރ. އިސްމާއިލް އޭގެ ކުރިންރޭ ހައްޔަރު ކުރިކަން ފަނޑިޔާރު އަޒްމިރާލްދާއަށް އެނގުން. އެކަމާ ގުޅިގެން އެ ދުވަހު އަޒްމިރާލްދާ ހުންނެވީ ސަލާމުގައި
- ޑިސެމްބަރު 5، ހެނދުނު 7:50 އިން 10:38 - ޑރ. އިސްމާއިލްގެ ގާނޫނީ ވަކީލުންނާ އެކު ޑރ. އަޒްމިރާލްދާ ފޯނުގައި
- ޑިސެމްބަރު 5، ހެނދުނު 10:38 - އޮންލައިންކޮށް ގެންދިޔަ މުއްދަތު މަޖިލީހުގައި ޑރ. އިސްމާއިލް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމުން
- ޑިސެމްބަރު 5، ހެނދުނު 10:55 - ޑރ. އިސްމާއިލް ބަންދުން ދޫކޮށްލަން ނިންމި އަމުރުގައި ކްރިމިނަލް ކޯޓުގެ ގާޒީ، އިބްރާހިމް ޒިހުނީ ސޮއި ކުރެއްވުން
- ޑިސެމްބަރު 5، ހެނދުނު 11:53 އިން 11:45 - ފަނޑިޔާރު މަހާޒު އަލީ ޒާހިރު ކްރިމިނަލް ކޯޓުގެ ގާޒީ، ސައްފަތު ހަބީބަށް ގުޅުއްވައި ޑރ. އިސްމާއިލް މުއްދަތު ޖަހަން ގެންދިޔަތޯ ސުވާލު ކުރެއްވުން
- ޑިސެމްބަރު 5، ހެނދުނު 11:53 - ގާޒީ ސައްފަތު ހަބީބު ގާޒީ އިބްރާހިމް ޒިހުނީއަށް ގުޅުއްވުމުން، ހެނދުނު ކުރިއަށް ގެންދިޔަ މަޖިލީހުގައި ޑރ، އިސްމާއިލް ދޫކޮށްލާފައިވާ ކަމަށް ޒިހުނީ ވިދާޅުވުން
- ޑިސެމްބަރު 5، ހެނދުނު 11:53 އިން މެންދުރު 12:00 - ގާޒީ ސައްފަތު ހަބީބު ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާ ދެވަނަ ފަހަރު ފޯނުން ވާހަކަދައްކަވައި ޑރ. އިސްމާއިލް ދޫކޮށްލާފައިވާ ކަމަށް ވިދާޅުވުން. ގާޒީ ސައްފަތު އެހެން ވިދާޅުވުމުން ޑރ. އިސްމާއިލް އަކީ ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުން ކަމަށް ފަނޑިޔާރު މަހާޒު ގާޒީ ސައްފަތު ގާތު ވިދާޅުވުން
- ޑިސެމްބަރު 5، (އެ ފޯނު ކޯލުގެ ފަހުން) - ޑރ. އިސްމާއިލް އަކީ ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުން ކަމަށް ގާޒީ ސައްފަތު ގާޒީ ޒިހުނީ އަރިހުގައި ވިދާޅުވުން. ޑރ. އިސްމާއިލްއަކީ ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުންކަން އޭގެކުރިން ގާޒީ ޒިހުނީއަށް އެނގައިފައި ނުވޭ
- ޑިސެމްބަރު 5، މެންދުރުފަހު 2:45 - ފަނޑިޔާރު އަޒްމިރާލްދާ ގާޒީންނަށް ނުފޫޒު ފޯރުވިކަމަށް "ޖަވިޔަނި" ކިޔާ މީޑިއާއެއްގައި ރިޕޯޓު ކުރުން
- ޑިސެމްބަރު 5، ހަވީރު 3:50 - "ޖަވިޔަނި" ނޫހުން ޖެހި ހަބަރު ދައުރުވާ ކަމަށް ވިދާޅުވެ ފަނޑިޔާރު އަލީ ރަޝީދު ފަނޑިޔާރު އަޒްމިރާލްދާއަށް މެސެޖު ކުރެއްވުން. އެ މެސެޖާ ގުޅިގެން ފަނޑިޔާރު އަޒްމިރާލްދާ ފަނޑިޔާރު އަލީ ރަޝީދުއަށް ގުޅުއްވައި ހަ މިނެޓު ފޯނުން ވާހަކަދެއްކެވި.
- ޑިސެމްބަރު 5، އިރުއޮއްސި 6:28 - ފަނޑިޔާރު މަހާޒް ފަނޑިޔާރު އަޒްމިރާލްދާއަށް މެސެޖު ކުރުން. ވިދާޅުވީ ހިތްވަރު ކުރުމަށާއި ދެކެވޭ އެއްވެސް ވާހަކައެއް ގަބޫލު ނުކުރައްވާ ކަމަށް. ޖަވާބުގައި ފަނޑިޔާރު އަޒްމިރަލްދާ މެސެޖު ކުރެއްވީ ހިނގައި ދިޔައީ ވަރަށް ލަދުވެތި ކަމެއް ކަމަށާއި ހުތުރު ތުހުމަތުތަކެއް ކަމަށް. އަދި ޑރ. އިސްމާއިލް ކުށެއް ނުކުރާ ކަމަށް ފުލުހުން ވެސް އެއްބަސްވާ ކަމަށް. އަދި ނުފޫޒު ފޯރުވުން ފަދަ ކަންކަން ކުރައްވަން ވަގުތު ނޯންނަ ކަމަށް.
މި ހުރިހާ ކަމެއް، ހެއްކާއެކު ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން މައްސަލަ ބެލި ކޮމިޓީއަށް ހުށަހެޅުއްވި އެވެ.
ނަމަވެސް އެ ހެކިތައް ބަލައި ނުގަނެ، ޖޭއެސްސީގެ ކޮމިޓީން ނިންމާފައި ވަނީ ފަނޑިޔާރު، އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް މަގާމުން ވަކި ކުރުމަށެވެ. އެގޮތަށް ނިންމުމަށްފަހު ކޮމިޓީން ތައްޔާރުކުރި ރިޕޯޓު މިހާރު ވަނީ ފަނޑިޔާރުންނާ ހިއްސާ ކޮށްފަ އެވެ. ރިޕޯޓާ ގުޅިގެން ފަނޑިޔާރުން ޖަވާބުދާރީ ވާންޖެހެނީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިންނެވެ.












