ދިރާގު މާލޭ އޯޕަން ސްވިމިން މުބާރާތުގެ ނަމުގައި ސްވިމިން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހުރިހާ އުމުރުފުރާތަކަށް ހުޅުވާލައިގެން މެއި 25، ގައި ރަސްފަންނުގައި ބާއްވަން ނިންމައިފި އެވެ.
ފެތުމުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުން ސްވިމް މޯލްޑިވްސްގެ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ގިނަ މީހުން ބައިވެރިވާ ކުޅިވަރުގެ އެކި ހަރަކާތްތަކަށް އެއްބާރުލުންދީ، ފުރުސަތުތައް ހޯދައިދިނުމަކީ ދިރާގުން ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، މޫދު ކުޅިވަރުތަކަށް ޝައުގުވެރިކަން އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އިސްކަންދޭ މުޖުތަމައުއެއް ބިނާކުރުން،" އޭނާ ވިދާޅުވި އެވެ.
ސްވިމް މޯލްޑިވްސްގެ ރައީސް ހުސައިން ޝަމީމް ވިދާޅުވީ އެ މުބާރާތުގެ ސަބަބުން ރާއްޖޭގައި ފެތުން ހަރަކާތް ކުރިއަރައި، ވަށައިގެންވާ ކަނޑު ރައްކާތެރިކުރުމަށް މީހުންގެ ހޭލުންތެރިކަން އިތުރުވާނެ ކަމަށެވެ.
ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، އެ ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މުބާރާތުގައި 350 އަށް ވުރެ ގިނަ ފަތުރުވެރިން ފެނިގެންދާނެ އެވެ.
ދިރާގުން އަންނަނީ ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އަދި ކުޅިވަރު ކުޅޭ އެތުލީޓުންނަށް އިތުރު ފުރުސަތުތައް ހޯދައިދެމުންނެވެ.










