ރާއްޖެއަށް އެތެރެވާން އިޒްރޭލުގެ ޕާސްޕޯޓު ބޭނުން ނުކުރެވޭނެކަން އިމިގްރޭޝަނުން ރަސްމީކޮށް އިއުލާނުކޮށްފި

Apr 16, 2025, 3:01 AM
ރާއްޖެ އެތެރެވި ބަޔަކު އިމިގްރޭޝަން ކިޔުގައި މަޑުކޮށްލައިގެން: ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓު ވަނީ މަނާކޮށްފައި -- ފޮޓޯ: އިމިގްރޭޝަން

ރާއްޖެ އެތެރެވި ބަޔަކު އިމިގްރޭޝަން ކިޔުގައި މަޑުކޮށްލައިގެން: ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓު ވަނީ މަނާކޮށްފައި -- ފޮޓޯ: އިމިގްރޭޝަން

އިޒްރޭލުގެ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް ނުވަދެވޭނެކަން ޑިޕާޓްމަންޓް އޮފ އިމިގްރޭޝަނުން ރަސްމީކޮށް އިއްޔެ އިއުލާނުކޮށްފި އެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާވީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު އިއްޔެ މަޖިލީހުން ފާސްކޮށް އަދި އެ ބިލު ހަމަ އިއްޔެ ތަސްދީގު ކުރުމުންނެވެ.

"އިމިގްރޭޝަން ގާނޫނަށް ގެނައި ތިން ވަނަ އިސްލާހުގެ ދަށުން، އިޒްރޭލުގެ ޕާސްޕޯޓެއްގައި ދިވެހިރާއްޖެއަށް އެތެރެވުމަކީ މަނާކަމެއް،" އެ ޑިޕާޓްމަންޓުގެ ވެބްސައިޓުގައި ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަވްތާ މީކާއީލް އަހުމަދު ނަސީމް މިދިޔަ އަހަރު ހުށަހެޅުއްވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށް އަދި އިޒްރޭލުގެ ޕާސްޕޯޓާއެކު ޑުއަލް ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ ނާދެވޭ ގޮތް ހެދުމަށެވެ.

ނަމަވެސް އެ ބިލު އިއްޔެ ފާސް ކުރީ ބޮޑެތި ބަދަލުތަކެއް ގެނެސް އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ އިޒްރޭލުގެ ޕާސްޕޯޓެއް ގެންގުޅޭ މީހަކަށް ވެސް ރާއްޖެ އެތެރެވެވޭނެ ގޮތަށެވެ. އަދި ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ އިޒްރޭލުގެ ކޮންމެ މީހަކަށް ވެސް ރާއްޖެ އާދެވޭނެ ކަމަށް ބިލުގައި ބުނެފައި އޮވެ އެވެ.

އެ ބިލު މަޖިލީހުން ފާސް ކުރީ ޖުމުލަ 83 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެ ބިލަށް ވޯޓު ދިނެވެ.

މީގެ 77 އަހަރު ކުރިން އިޒްރޭލުގެ ނަމުގައި ފަލަސްތީނުގެ ބިމުގައި ގައުމެއް އުފެއްދީއްސުރެ، ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދަނީ ހަމަލާ ދެމުންނެވެ. މިއަދު ފާސް ކުރި ބިލުގެ ބޭނުމަށް، އެ ހަމަލާތައް ހުއްޓާލި ކަމަށް ކަނޑައަޅާނެ ބަޔަކު ބިލުގައި ފާހަގަކޮށްފައެއް ނުވެ އެވެ.

ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމުން އެ ގައުމުގެ އެންމެނަށް ރާއްޖެ އާދެވޭ ގޮތަށް ބިލު ބަދަލު ކުރުމުން ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ އަހުމަދު އަޒާން ވަނީ އެކަމަށް ރޭ ފާޑުވިދާޅުވެފަ އެވެ. ބިލުގައި އޮތް އެ އިބާރާތް ބަދަލު ކުރަން ވެސް އަޒާން ގޮވައިލެއްވި އެވެ.

"މި އިސްލާހު މިހާރު އިބާރާތްކުރެވިފައި އޮތުމުގައި، ލާއިންސާނީ އަމަލުތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ފަރާތްތައް، ހާއްސަ ގޮތެއްގައި އިޒްރޭލުގެ އަސްކަރިއްޔާ އާއި އެ ގައުމުގެ ސަރުކާރު ނުވަތަ އެ ނިރުބަވެރި ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތައް، މިހާރު ފަލަސްތީނުގެ ރައްޔިތުންނާ މެދު އެ ހިންގާ ލާއިންސަނީ އަމަލުތައް މެދުކަނޑާލުމަށްފަހު ނުވަތަ ހުއްޓާލުމަށްފަހު ދެން ރާއްޖެ އަށް އައުމުގެ ފުރުސަތު ފަހިވާނެ ކަމަށް ފެންނާތީ އެކަން ނުކުރެވޭނެ ގޮތަކަށް އިބާރާތް ބަދަލުކުރަން ފެނޭ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox