ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި މީހުންގެ ލިސްޓު ބާތިލުކޮށް، މި ސަރުކާރުން އިއުލާނު ކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މާދަމާ ހަމަވާނެ އެވެ.
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ފުރުތަމަ ދިނީ މިދިޔަ މަހުގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު އެޕްރިލް 15، ގެ ނިޔަލަށް މާޗު 19، ގައި ވަނީ އިތުރުކޮށްފަ އެވެ.
މި ސަރުކާރުން ފްލެޓު ލިސްޓު އިއުލާނު ކޮށްފައި ވަނީ މިދިޔަ ސަރުކާރުން އިއުލާނު ކުރި 4000 މީހުންގެ ފްލެޓު ލިސްޓުން 3119 މީހުން ބާކީ ކުރުމަށްފަހު އެވެ. އެ ގޮތުން އިވެލުއޭޝަން ނިމުނުއިރު:
- ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅި 3119 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ކަނޑައެޅި 2695 މީހުންނާއި އިވެލުއޭޝަން ނިމުނުއިރު ފްލެޓު ލިބޭ ވަރަށް ޕޮއިންޓު ނުލިބުނު 424 މީހުން
- ތިން ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 3,721 މީހުންގެ ތެރެއިން ވެރިފިކޭޝަނަށް ފަހު 75 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓު ލިބިގެން ފްލެޓު ލިބެނީ 1,423 މީހުންނަށް
- ދެ ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 1,218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73 ޕޮއިންޓަށް ވުރެ މަތިން ލިބިފައި ވަނީ 397 މީހުންނަށް
އިވެލުއޭޓު ކުރަން ކަމަށް ބުނެ ގިނަ ދުވަސްތަކެއް ހޭދަ ކުރުމަށްފަހު އިއުލާނު ކުރި ފްލެޓް ލިސްޓާ މެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެގޮތުން ފްލެޓަށް އިއުލާނު ކުރިއިރު، އާންމު ކުރި އުސޫލުގައި ނުހިމެނޭ ނުކުތާއަކަށް ބަލައިގެން ގިނަ ބަޔަކު ޑިސްކޮލިފައި ކޮށްފައިވުމުން ޝަކުވާތައް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ފްލެޓު ލިސްޓުގެ ކަންކަން ކޮށްފައި ވަނީ އެންމެ އިންސާފުވެރިކޮށް ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ބުނީ ފްލެޓްތައް ދިނުމަށް ކަނޑައަޅާނީ ލިބޭ ޝަކުވާއަށް ބަލައި މިނިސްޓްރީގެ ނިންމުމަށް ޗެލެންޖު ކުރަން ބޭނުންވާ އެންމެންނަށް އެ ފުރުސަތު ވެސް ދިނުމަށްފަހު ކަމަށެވެ.
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެހީތެރިކަން ބައެއް ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާތަކުން އަދި މާާލެ ސިޓީ ކައުންސިލުން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.












