ޓްރެއިނިން މަތިންދާ ބޯޓެއްގެ ބުރަފަތީގައި ޖެހި ފިލިޕީންސްގައި ޕައިލެޓުކަން ކިޔަވާ ރާއްޖޭގެ ދަރިވަރެއް ކަމަށްވާ ހދ. ހަނިމާދޫ، އަބްދުލް މާނިއު ވަރަށް ބޮޑަށް ޒަހަމުވި ހާދިސާގައި އެ ދަރިވަރުގެ ހާލު ބެލީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ހަލީލް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާދިސާގެ ރިޕޯޓު ލިބުނު ވަގުތުން ފެށިގެން ރައީސް މުއިއްޒުގެ ލަފަޔާ އެއްގޮތަށް ސަރުކާރުން ދަނީ އެ ދަރިވަރުގެ ހާލު ވަރަށް ކައިރިން ބަލަމުން ކަމަށެވެ.
މާނިއުގެ ބައްޕަ އާމިރުއާ ފޯނުން ގުޅައި ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކާލެވުނުކަން ފާހަގަކުރައްވާ ހަލީލް ވިދާޅުވީ އޭނާގެ މަންމަ އާއި ބޭބެއަށް މިހާރު ފިލިޕިންސަށް މިހާރު ދެވިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ވެސް ރަނގަޅުވަމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ.
"ފޮރިން މިނިސްޓްރީ، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ގުޅުއްވާ ދަރިފުޅުގެ ހާލު އޮޅުންފިލުއްވި ކަމަށާއި, ސަރުކާރުން މިހާ ގާތުން މިކަން ބަލަމުން ގެންދާތީ އުފާކުރައްވާކަމަށް ވިދާޅުވި،" މިނިސްޓަރު ވިދާޅުވި އެވެ.
ފިލިޕީންސްގައި ކިޔަވާ އެހެން ދަރިވަރަކު އަދަދު އަށް ބުނީ އެ ހާދިސާ ހިނގީ މާނިއު އުދުއްސި ސެސްނާ-125 މަރުކާގެ ބޯޓު ލޭންޑުކޮށްފައި ބޯޓު ނިވައިނުލައި އޭނާ ފޭބި ވަގުތު އަނބުރައިގަނެގެން ގޮސް ބުރަފަތީގައި ޖެހުމުން ކަމަށެވެ.

އޭނާ ބުނީ އެންމެ ބޮޑު އަނިޔާއެއްވީ މާނިއުގެ މޫނަށް ކަމަށެވެ. ނަމަވެސް މާނިއުއަށް ވާހަކަދައްކާ ހެދޭ ކަމަށް އޭނާ ބުންޏެވެ.
މާނިއު ފިލިޕީންސްގައި ތައުލީމު ހާސިލު ކުރަމުން ދާތާ އެއް އަހަރާއި ތިން މަސްދުވަސްވަރު ވެއްޖެ ކަމަށް މި ނޫހަށް މައުލޫމާތު ދިން ދަރިވަރު ބުންޏެވެ.












