ރައީސް ޑރ. މުއިއްޒު އާއި ވައްކަން

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

މި ދަތުރަކީ އަހަރެމެން އެންމެންގެ ދަތުރެކެވެ. އަހަރެމެން، އެންމެހާ ދިވެހީން، ދަތުރުކުރަމުންދާ އޮޑީގެ ހުންގާނުގައި ހުރީ ކޮންމެ މީހަކު ކަމުގައިވީ ނަމަވެސް މިއީ ހަމަ އަހަރެމެން އެންމެންގެ ދަތުރެކެވެ. މިއޮޑި ދަނީ ނުބައި މިސްރާބަކަށް ކަމަށާއި، ދަތުރު އޮޅެމުންދާކަން އެނގޭއިރަށް އެ އޮޑީގައި ހުރި ހަމަ ކޮންމެ މީހަކުމެ - އެއީ އެ އޮޑީގެ ދިޔަ ހިއްކަން ހުރި ސޮރު ކަމަށް ވީނަމަވެސް - އެ ވާހަކަ ހުންގާނުގައި ހުރި ނެވި ކަލޯ ކައިރީގައި ބުނަންވާނެ އެވެ.

އެހެނީ އޮޑި ގަލަކަށް އަރައި، އިންދިރާސްވެ އެންމެން ކަނޑުވެއްޖެ ނަމަ، އެ ދަތުރު ކާމިޔާބުކަމާއެކު ނިންމައި ނުލެވޭނީ ހަމައެކަނި ނެވިކަލޯ އަކަށް ނޫނެވެ. އެ އޮޑީގައި ތިބި އެންމެނަށެވެ. ދަތުރު ނިޔާމަކަމާ އެކު ނިންމާލެވިއްޖެ ނަމަ ކާމިޔާބު ލިބޭނީ ދަތުރުގެ އެންމެހައި ބައިވެރިންނަށެވެ. ވީމާ އޮޑި ނިޔާމަކަމާއެކު އަމާން ބަނދަރަކަށް ދެވޭތޯ ބެލުމަކީ އޮޑީގައި ތިބި އެންމެންގެ މަސްއޫލިއްޔަތެކެވެ. އޮޑިއަށް ދަތުރު އޮޅިއްޖެކަން އެނގިހުރެ ނެވި ކަލޯ ރުޅިއަތުވެދާނެތީ އެ ވާހަކަ ނެވި ކަލޯ ކައިރީގައި ބުނަން ބިރުން ހުންނަ މީހާއަށް ވަކި މޮޅުތަކެއް ނެތެވެ. ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައިކަންތައްތައް މަނާކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް އިސްލާމް ދީނުގައި ކަނޑައަޅުއްވާފައި ވެއެވެ.

އޮޑީގައި ތިބި އެންމެންވެސް ގާނޫނާއި ގަވާއިދަށް ތަބައަވާންޖެހޭނެ އެވެ. އޮޑީގައި ހުރި ކޮއްތު، ދަރު، ބޯފެނަށް އެންމެންވެސް ސަމާލުވާން ޖެހޭނެ އެވެ. ދަތުރު ނުނިމެނީސް ގަދަ ވިލާގަނޑެއްގައި އޮޑީގެ ރިޔާތައް ކުނބުން ލުހި އޮޔާއިވައިގައި ބެހިދާނެ ހާލަތެއް އަންނައިރު، އޮޑީގައި ކޮއްތު، ދަރު، ބޯފެން ނެތިދާނެ ކަމަށްޓަކައެވެ. ކޮންމެ މީހަކުވެސް އޮޑީގައި ހުރި ކާބޯތަކެތި ބޭނުންކޮށް ހަދަންވާނީ އެ މީހަކަށް ކަނޑައެޅިފައިވާ މިންވަރަށެވެ. އެއިގެ ތެރެއިން އެއްބަޔަކު އޮޑީގައި ތިބި އެހެން މީހުނަށް ނުބަލައި އޮޑީގައި ހުރި ކާބޯތަކެތި ކައި ހުސްކޮށްފިނަމަ، އެވާނީ ހަމައެންމެނަށް އަންނަ ބޮޑުވެގެންވާ މުސީބާތަކަށެވެ. އެންމެންވެސް އާހިރުގައި ބަނޑަށް މަރުވާނީ އެވެ. އާއްމު މަސްލަހަތަށް އެންމެންވެސް ބަލަންޖެހެނީ އެހެން ވެގެންނެވެ.

ދިވެހި ފަޒާގައި އަދު ގުގުމަމުންދާ އަޑަކީ ރައީސުލްޖުމްހޫރިއްޔާ އަކީ ދޮގުހެދުމުގައި ހައްދެއް ނެތް މީހެއް ކަމަށް ބުނެ ފަތުރަމުންދާ އަޑެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ވައްކަމާއި ގުޅުވައިގެން މީހުން ދައްކަމުންދާ އަޑެވެ. މި ދެ ކަންތަކަކީވެސް ދީނުގައި ނަހީކުރައްވާފައިވާ ދެކަމެވެ. އެހެންކަމުން އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯ ބަލައި ކަމުގެ ހަގީގަތް ދެނެގަތުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ހައްގެކެވެ.

ތެދު ބުނުމުގެ މައްޗަށް ތަރުތީބުވާ ސިފަތަކަކީ ދީނާއި ބުއްދި އާއި އަބުރުވެރިކަމެވެ. ތެދު ބުނާ ތެދުވެރީންގެ ތައުރީފުތައް ކީރިތި ޤުރުއާނުގައި ގިނަގުނަވެގެންވެ އެވެ. އެހެންކަމުން ތެދު ބުނުމަށް ބުއްދި އަމުރުކުރެ އެވެ. ދޮގު ހަދާ މީހާގެ ގަދަރާއި އަބުރު އެއީ މީހުންގެ ތެރޭގައި އޮންނާނެ އެއްޗެއް ނޫނެވެ. އެމީހާގެ އީމާންކަން ނުހުންނާނެ ކަމަށް މާތްﷲ ކަނޑައަޅުއްވައި އަންގަވާފައިވެ އެވެ. އެއްގޮތަކުން ބަލާއިރު ދޮގު ހެދުމަކީ ހުރިހާ ނުބައި އަމަލެއްގެ ތަޅުދަނޑިއެވެ. ދޮގު ހަދަން ފަށައިފި މީހަކު ނުބައި ކަމެއް ކުރަން ފަސްނުޖެހޭނެ އެވެ. ވައްކަމަކީ އަދި މާ ސީރިއަސް ކުށެކެވެ. އެކަމުގެ ސީރިއަސްކަން ހުރި މިންވަރަކީ، މީހެއްގެ މާއްޗަށް ސާބިތުނުވާ ވައްކަމުގެ ކުށެއް އެމީހަކު ކުރިކަމަށް ބުނެ މީހުންގެ މެދުގައި ވާހަކަ ދެއްކުމަކީ ވެސް ކުށެކެވެ. އަމުދުން ގައުމުގެ ރައީސްކަމުގައި ހުންނަ މީހާއާ ބެހޭ ގޮތުން އެއްވެސް ހަގީގަތެއް ނެތް ވައްކަމެއްގެ ތުހުމަތު ފަތުރައި ހަދައިގެން ނުވާނެއެވެ. އެފަދަ ދޮގު ވާހަކަ ދެއްކުމުގެ ސަބަބުން އެ މަގާމުގެ ހައިބަތާއި ގަދަރުކުޑަވެ ރައީސްކަމަކީ ވަގުން ކުރާކަމެއް ކަމަށް މުޅި މުޖުތަމައު ގަބޫލުކޮށްފާނެ އެވެ.

ވީމާ ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރާ ކަމަށާއި، ވައްކަން ކުރުމުގައި ބައިވެރިވާ ކަމަށާއި، ސަރުކާރުގެ އެކި ކުންފުނިތަކުގެ ވެރިން ލައްވައި ވައްކަންކުރުވައި އެއިން ބައެއް ލިބިގަންނަ ކަމަށް ތުހުމަތުކޮށް މީސްމީހުން ވާހަކަ ދައްކާނަމަ، އެކަން އޮތީ އެގޮތަށް ނޫންކަން ރައްޔިތުންނަށް ހާމަކޮށް ރައްޔިތުންނަށް އެކަމުގެ ހަގީގަތް ސާފުކޮށްދޭން ޖެހޭނެ އެވެ. މިފަދަ ތުހުމަތުތައް ބޯމަތީގައި ހުރެ ހަގީގަތް ސާފުކޮށްނުދޭ ނަމަ، އެފަދަ ތުހުމަތުތަކުގެ ފުނިވަރު ބޮޑުވެ ރައީސުލްޖުމްހޫރިއްޔާއަކީ ވަގެއް ކަމަށާއި ރައީސްކަމުގެ މަގާމަށް އެމީހަކު ނުއެކަށޭނަކަމަށް ރައްޔިތުން ގަބޫލުކުރަން ފަށާނެއެވެ. އެހެންކަމުން މިކަމަށް އޮތް ހައްލަކީ ރައްޔިތުންނަށް ހަގީގަތް އޮޅުންފިލުވައިދީ ހާމަކޮށްދިނުމެވެ. ފޮރުވާނެ އެއްޗެއް ނެތްކަން އަމަލީ ގޮތުން ދެއްކުމެވެ.

ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުން ވައްކަން ކުރާ ކިތަންމެ ގޮތެއް އޮވެ އެވެ. ކިތަންމެ ޗާލު ޒަމާނީ ނަމެއް އެކަމަށް ކީނަމަވެސް ދައުލަތުގެ ފައިސާއިން ލޯލާރިއެއް ނެގި ނަމަވެސް ނުވަތަ ދައުލަތަށް ލިބެން އޮތް ލޯލާރިއެއް ދައުލަތަށް ވަނުމުގެ ބަދަލުގައި އަމިއްލަ ޖީބަށްލުމަކީ ވެސް ވައްކަމެވެ.

ދައުލަތަށް ގެއްލުންވާ ގޮތަށް ނުވަތަ ހަމަ އަގު ނުލިބޭ ގޮތަށް ބަޔަކަށް ކޮންޓްރެކްޓު ދިނުމަށްފަހު، ދައުލަތަށް ގެއްލުންވާ ގޮތަށް އިތުރަށް ކޮންޓްރެކްޓަރަށް ދިން ފައިސާއިން ބައެއް ކޮންޓްރެކްޓަރުގެ އަތުން ހޯދުމަކީ އޭގެ މިސާލެކެވެ. ކޮންމެ ނަމެއް ކީނަމަވެސް އެފަދަ ކަންކަން ކުރާމީހުން ދައުލަތުގެ ފައިސާ އެގޮތް މިގޮތުން ފޭރެނީއެވެ. ދައުލަތުގެ މުވައްޒަފުންގެ ޖީބަށް ފައިސާ ވަނުމުގެ ބަދަލުގައި އެފައިސާ ދައުލަތުގެ މާލިއްޔާއަށް ވަތް ނަމަ އެ ފައިސާއަކީ ރައްޔިތުން ބޭސްފަރުވާ ކުރުމަށާއި، އެހެނިހެން މުހުތާދުތައް ފުއްދުމަށް ހުންނާނެ ފައިސާއެވެ. ރަށްރަށުގެ ބޯފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަށް ތަރައްގީކުރުމަށް ހުންނާނެ ފައިސާއެވެ. ރަށްރަށުގެ ސްކޫލުތަކުގެ ކްލާސް ރޫމް އަޅައި ދަރިވަރުންނަށް ބޭނުންވާ ފަސޭހަތައް ހޯދޭނެ ފައިސާ އެވެ. މިފަދަ ހިދުމަތްތައް ރައްޔިތުންނަށް ދިނުމަށް މާލިއްޔާގައި ފައިސާ މަދުވާ މައިގަނޑު އެއް ސަބަބަކީ ދައުލަތުގެ މާލިއްޔާއަށް ވަންނަންޖެހޭ ފައިސާ އެކިގޮތްގޮތަށް ފޭރިގަނެ އެ ފައިސާ އަމިއްލަ ޖީބަށްލާތީ އެވެ.

ދައުލަތުގެ ފައިސާ ސީދާ ހިއްކަށް ނަގައި ޖީބަށް ލުމުގެ ބަދަލުގައި ދައުލަތުގެ ފައިސާއިން އިސްރާފުކުރުމަކީވެސް ދައުލަތުގެ ފައިސާއިން ވައްކަން ކުރުމެވެ. މިސާލަކަށް އޮފީހެއްގެ މީޑިއާ ސެކްޝަނުގައި ތިން މުވައްޒަފަކަށް އެތަނެއްގެ ހަބަރުލިޔެ ފޮޓޯނަގައި ޝާއިއުކުރުމުގެ މަސައްކަތް ކުރެވެން އޮތް ތަނެއްގައި އެ މަސައްކަތްކުރަން 31 މުވައްޒަފުން ބޭތިއްބުމަކީ ވެސް ދައުލަތުގެ ހަޒާނާގައި ހުރި ފައިސާއިން ވައްކަން ކުރުމެވެ. އޮފީހެއްގައި ތިބެންޖެހޭ ވަރަށްވުރެ އިތުރަށް އޮފީހަކަށް މުވައްޒަފުން ލުމަކީވެސް ދައުލަތުގެ ހަޒާނާއިން ކުރެވޭ ވައްކަމެކެވެ. އެފަދަ މުވައްޒަފުން މުސާރައިގެ ނަމުގައި މަސައްކަތެއް ނުކޮށް ފައިސާ ނެގުމަކީވެސް ވައްކަމުގައި ބައިވެރިވުމެވެ.

މިސާލެއް ޖަހާ ކަމަށްވަންޏާ، މިނިސްޓްރީއެއްގައި ތިބީ 59 ސިވިލް ސާރވިސްގެ މުވައްޒަފުންނެވެ. ސިވިލް ސާރވިސްގެ 59 މުވައްޒަފުން ތިބުމުން އެ މިނިސްޓްރީއެއްގެ މަސައްކަތް ބަރާބަރަށް ކުރެވެ އެވެ. ދެން އެ މިނިސްޓްރީއަށް ކުއްލިއަކަށް އެއެއްމިއެއް އަކުރެއްބަކުރެއް ނޭނގޭ 129 ސިޔާސީ މުވައްޒަފުން ވެއްދުމުން އެ ސިޔާސީ މުވައްޒަފުން ކުރާނެ މަސައްކަތެއް ނޯވެ އެވެ. ރައިސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރަން ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ އިތުރަށް ސިޔާސީ މުވައްޒަފުން އެ މިނިސްޓްރީއަށް ލުމަކީ ދައުލަތުގެ ފައިސާއިން ވައްކަން ކުރުމެވެ. އަދި ބޭނުންވާ ވަރަށްވުރެ އިތުރަށް ތިބި ސިޔާސީ މުވައްޒަފުންނަކީ ވައްކަމުގެ ބައިވެރިންނެވެ. އެކުށުގެ ބައިވެރިންނެވެ. މި އެންމެންގެ މުސާރަ ހަލާލެއް ނުވާނެ އެވެ. އެ މުސާރައިން ދަރިންނަށް ކާންބޯންދޭނަމަ ދަރިންނަށް އެ ކާންދެވެނީ އަނގުރު އަލިފާނެވެ. ނުވަތަ ޒައްގޫމެވެ.

ސަރުކާރު ކުންފުނިތަކުން ފައިސާ ނަގައިގެން އެ ކުންފުނިތަކުގެ ވެރިން ރައީސް މުއިއްޒުއަށް އުފުލަދޭ ކަމަށް މުއިއްޒު ވެރިކަމަށް އައީއްސުރެ ނޫސްތަކުގައި އެބަލިޔެ އެވެ. މިގޮތަށް ޔޯލަޔަށް ދާދި ފަހުން އިވުނު އެއް ވާހަކައަކީ އެމްޕީއެލްގެ ސީއީއޯ ބުނި ކަމަށް ބުނެ މީހަކު ބުނި ވާހަކައެކެވެ.

ވަޖީހު ބުނި ކަމަށްވަނީ "އަންގާވެސް ނުލާ ތިމަންނަ ކަނޑާލި ދުވަހުގެ ކުރީ ދުވަހުގައޭ އަދި ތިމަންނަ ފަސް ލައްކަ ރުފިޔާ މުއިއްޒު އަތަށް ގެންގޮސްދިނީ،"

މިޒާތުގެ ވާހަކަ ރަށުތެރޭގައި ޔޯލައަށް ދައްކަންޏާ އެއީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ ސަރުކާރުން އެކަމަށް އިންކާރުކޮށް ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމުން ނޫނީ މީހުންގެ ހިތުގައި އުފެދޭނީ ސަރުކާރާ ދޭތެރޭ ނަފުރަތެވެ.

ނޫސްތަކުގެ ހަބަރުތަކަށް ބަލާލާއިރު ވައްކަމުގެ ތުހުމަތުކުރެވޭ އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް އާއި އޭނަގެ ބޭބެ ވަގަށް އެޗްޑީސީއިން ބިންގަނެފައިވާކަމުގެ ތުހުމަތުކުރެވި ފަޒުލްގެ ގެއިން ނަގުދު ފައިސާތަކެއް ފެނިފައިވެ އެވެ. އެ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރެއެވެ. އެއަށްފަހު އިމިގްރޭޝަންގެ ކޮންޓްރޯލަރ ޝަމްއާންގެ މައްޗަށް ތުހުމަތުކުރެވި އޭނާ މުއްދަތެއް ނެތް ގޮތަށް ޖަލުގައި ބަންދުކުރެވިފައިވެ އެވެ.

މި ދެ މައްސަލަ ތަފާތު ގޮތަކަށް ބަލަމުންދަނީ ކީއްވެގެންތޯ ސުވާލު އުފައްދާ މީހުންގެ އެހާ ގިނައިވެފައިވީ ނަމަވެސް އެ ދެ މައްސަލައިގެ ތަފާތު ސަރުކާރުން އޮޅުންފިލުވައިދީފައި ނުވެއެވެ. އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެލުގެ ބޮޑު ވައްކަން ތަހުގީގުކުރަމުން ދަނިކޮށް ކުއްލިއަކަށް ފެނުނީ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސުހައިލް އަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓު، އެންޑް ޕަބްލިކް ވޯކްސްގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރިތަނެވެ. މޯލްޑިވްސް ގޭސްއިން ތިން މިލިއަން ރުފިޔާއަށްވާ ޑޮލަރު ގެއްލުނު މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ. މި ކަންކަން ހިނގަމުން މިދާ ގޮތުގެ ހަގީގަތް ރައްޔިތުންނަށް އެނގެންޖެހެ އެވެ. ނޫނީ ސަރުކާރާމެދު ހައްތަހާވެސް އުފެދޭނީ ނަފުރަތެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޕީއެންސީގެ މެންބަރުންނަށް ރައީސް މުއިއްޒުގެ ފަރާތުން މަހަކު ބައި ލައްކަ ރުފިޔާދޭ ކަމަށް ނޫސްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެ ފައިސާ ދޭ ކަމެއް އަދި އެ ފައިސާ ދޭނަމަ އެ ފައިސާ ހޯދާ ގޮތެއް ސަރުކާރުން ސާފުކޮށްދީފައި ނުވެއެވެ. މިއީ ވައްކަމުގެ އަމަލަކަށް ވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަސް ރިޝްވަތު ދިނުމުގެ ކުށަކަށްވެސް ވެދާނެ އެވެ.

ވޭތުވެ ދިޔަ ހަފުތާގައި ޑިފެންސް މިނިސްޓްރީއިން މައުލޫމާތު ހޯދަން އެދުމުން ހޯދަން އެދުން އެއީ ކުށެއް ކަމަށް ދައްކައި ބިރު ދައްކަން ޑިފެންސް މިނިސްޓަރު މަސައްކަތް ކުރީ ގާނޫނުއަސާސީގެ 29 ވަނަ މާއްދާއާ ހިލާފަށެވެ. އަސާސީ ހައްގެއް ރައްޔިތަކު ބޭނުން ކުރުން އެއީ ކުށެއް ކަމަށް ނުހެދޭނެ އެވެ. މީގެ ބަދަލުގައި ގޯހެއް ހަދާފައިނުވާނަމަ، އެކަން ހާމަކުރުމަކީ އެންމެ ތަހުޒީބީ ގޮތެވެ. ފޮރުވަން އުޅުނުވަރަކަށް ވާނީ ބޭޒާރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox