އާބާދީގެ ބޮޑު ބައެއް ތޮއްޖެހިފައިވާ ދިވެހިރާއްޖޭގެ ވެރި ރަށް ކުޑަކުޑަ މާލެއަކީ އުޅެން އުނދަގޫ، ހިނގަން އުނދަގޫ، ދުއްވަން އުނދަގޫ އިންތިހާއަށް ނުތަނަވަސްކަން ބޮޑު ރަށެކެވެ.
މި ރަށުގެ ބޮޑު މިނަކީ އެންމެ 1.9 އަކަކިލޯމީޓަރެވެ.
އެކަމަކު، ރާއްޖޭގެ އާބާދީގެ 41 ޕަސެންޓު މީހުން ދިރިއުޅެނީ މާލޭގަ އެވެ. އެއީ 211،908 މީހުންނެވެ. ރާއްޖޭގެ ގޭބީސީތަކުގެ 45 ޕަސެންޓު ގޭބީސީ ހުންނަނީ މާލޭގަ އެވެ. އެއީ 42،490 ގޭބީސީ އެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުން މި ރަށުގައި މަދުވެގެން 120,714 ވެހިކަލް ދުއްވަ އެވެ. އެއީ ގާތްގަނޑަކަށް ކޮންމެ ދެ މީހަކަށް ވެހިކަލެކެވެ.
މުޅި މާލޭގައި އިވެނީ އެ ވެހިކަލްތަކުގެ އަޑެވެ. ދުވާލާއި ރޭގަނޑު ހަތަރުދަމު މާލެއިން އިވެނީ އިންޖީނުގެ އަޑާއި ގަލާއި ތާރުގައި ވެހިކަލްތަކުގެ ރަބަރު ޓަޔަރުތައް ގޭނޭ އަޑެވެ.
މާލޭގެ ނުތަނަވަސްކަން އެނގެނީ މާލެއިން ފޭބީމަ އެވެ. އެހެން ރަށަކަށް ދިޔައީމަ އެވެ. އެހެން ގައުމަކަށް ދިޔައީމަ އެވެ. މި އުޅެވެނީ ކިހާ ހާލެއްގައިކަން އިހުސާސް ވަނީ އެހެން ރަށެއްގެ ގޮނޑުދޮށުގައި އިށީންދެ ރާޅުތަކުގެ އަޑު އަހައިލީމަ އެވެ. ހިތަށް ފިނިކަމެއް ލިބެނީ އަޑާއި ދުމުގެ ތަގައްޔަރު މާހައުލުން ބޭރުވީމަ އެވެ.
ކުޑަކުޑަ މާލެ ވެހިކަލުން ފުރިބާރުވެއްޖެ
މާލޭގައި ދުއްވާ ވެހިކަލްތައް އިތުރުވަމުން މި އަންނަނީ ހައިރާންވެ، އަންތަރީސްވާންޖެހޭ މިންވަރަކަށެވެ. ހާއްސަކޮށް ސައިކަލާއި ކާރު އިތުރުވެފައި ވަނީ ވަރަށް ބޮޑަށެވެ.
ހިސާބުތަކުން ދައްކާ ގޮތުގައި މުޅި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދުއްވީ 38,010 ސައިކަލެވެ. އެކަމަކު މިއަދު މާލޭގައި އެކަނި ވެސް 105،239 ސައިކަލު ދުއްވަ އެވެ. އެހެންކަމުން ގައިމު ވެސް އެއިރާ އަޅާބަލާއިރު 176 ޕަސެންޓު ސައިކަލު އިތުރުވެއްޖެ އެވެ.
މާލެ ސަރަހައްދުގައި ދުއްވާ ކާރާއި އެހެންނިހެން ވެހިކަލްތަކުގެ އަދަދު ވެސް މި ވެއެތުވެދިޔަ 10 އަހަރު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.
ވެހިކަލްތަކުގެ އަދަދު އެހާ ގިނައިރު މާލޭގައި ވެހިކަލް ދުއްވާނެ ޖާގައެއް އަދި މަގެއް ވެސް ނެތެވެ. ވެހިކަލް ޕާކު ކުރާނެ ތަނެއް ވެސް ނެތެވެ. އެނގިފައިވާ ގޮތުގައި މާލޭގައި ހުންނަނީ 244 މަގެވެ. ހުޅުމާލެއާއެކު މަގުތަކުގެ އަދަދު 266 އަށް އަރަ އެވެ.
ވެހިކަލްތައް އެހާ ގިނައިރު، އެ ވެހިކަލްތަކުގެ ހާލަތު ހުރި އިންތިހާ ދަށްކޮށެވެ. ރޯޑްވާދިނަންސް ނުހުންނަ 71،000 އަށް ވުރެ ގިނަ ވެހިކަލް މާލެ ސަރަހައްދުގައި ދުއްވާ ކަމަށްވެ އެވެ.
މާލޭގައި ދުއްވާ ވެހިކަލްތަކުގެ ތަފާސްހިސާބު
- ސައިކަލު - 105،239
- ބެޓެރި ސްކޫޓަރު - 1553
- އެމްބިއުލޭންސް - 38
- ބެކްހޯ ލޯޑާ (ފާޑެއްގެ ޑަމްޕު ޓްރަކެއް) - 22
- ބެޓެރީ ކާރު - 42
- ބެޓެރީ ފޯކްލިފްޓު - 3
- ބެޓެރީ ޕިކަޕް - 11
- ބޫމް ލިފްޓު - 1
- ބައުޒަރު - 40
- ބަގީ - 13
- ބަސް - 138
- ކާރު - 7578
- ކާމިކްސް (ސިމެންތި ގަށާ ވެހިކަލް) - 23
- ކޮމްޕެކްޓަރު - 4
- ކޮންކްރީޓް މިކްސާ ޓްރަކް - 28
- ކޮންކްރީޓް މޮބައިލް ޓްރަކް - 16
- ކޮންކްޓްރީޓް ޕަމްޕް ޓްރަކް - 2
- ކެރޭނު - 120
- ކެރޭނު ލޮރީ - 1
- ބަޑަލް ކެބް - 68
- ޑޯޒާ ކްރޯލާ - 2
- ޑަމްޕު ޓްރަކް - 57
- ޑަމްޕާ - 65
- އެކްސްކަވޭޓާ - 250
- ފޯކްލިފްޓް - 239
- ފިއުލް ޓޭންކް ޓްރަކް - 3
- ޖީ ކޮމްޕެކްޓާ ޓްރަކް - 1
- ގްރޭޑަރު - 3
- ޖީޕް - 353
- ލޭންޑް ކްރޫޒާ - 1
- ލޯޑަރު - 95
- ލޮރީ - 431
- މިނީ ޓްރަކް - 9
- މިނީ ބަސް - 16
- ޕިކަޕް - 1970
- ޕްރައިމް މޫވާ - 12
- ކުއޮޑް ބައިކް - 2
- ރީޗް ސްޓެކާ - 22
- ރޯޑް ސްވީޕަރު - 7
- ރޯލަރު - 12
- ސައިޑް ލޯޑަރު - 1
- ސްނޯކް ލިފްޓް - 1
- ޓީ ޓައިޕް ޓްރެކްޓަރު - 1
- ޓެލެސްކޯޕިކް ހޭންޑްލާ - 4
- ޓާމިނަލް ޓްރެކްޓަރު - 6
- ޓޯ ޓްރަކް - 1
- ޓްރެކްޓަރު - 48
- ޓްރެއިލާ ހެޑް - 7
- ޓްރަކް - 757
- ޓްރަކް ކްރޭން - 2
- ވޭން - 1372
- ވޯޓާ ޓްރަކް - 6
- ވީލް ޕޭވާ - 1
ޓްރެފިކް އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ އަދަދު ގިނަ
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2008 އިން 2018 އާ ދެމެދު 109 މީހަކު މަގުމަތީގެ އެކްސިޑެންޓުތަކުގައި މަރުވި އެވެ. މިއަހަރުގެ މިހާތަނަށް މަދުވެގެން ހަ މީހަކު މަރުވެއްޖެ އެވެ. އެހެންކަމުން 2008 އިން ފެށިގެން މިހާތަނަށް މަގުމަތީގެ އެކްސިޑެންޓުތަކުގައި 115 މީހަކު މަރުވެއްޖެ އެވެ.
މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ރާއްޖޭގައި ހަދާފައި ހުރި ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން އެކްސިޑެންޓު ވަނީ އުމުރުން 25 އަހަރުން ދަށުގެ ޒުވާނުންނެވެ.
އޭޝިއާ ޕެސިފިކް ޖާނަލް އޮފް ޕަބްލިކް ހެލްތުގައި 2015 ވަނަ އަހަރު ޝާއިއު ކުރި އެ ދިރާސާއިން ދައްކާ ގޮތުގައި އެންމެ ގިނައިން އެކްސިޑެންޓުވާން މެދުވެރިވާ ސަބަބަކީ ބާރު ސްޕީޑެވެ.
މިދިޔަ 16 އަހަރު ތެރޭގައި ރާއްޖޭގައި 34،554 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެ އެވެ. އެ އެކްސިޑެންޓުތަކުގައި މިހާތަނަށް 115 މީހަކު ވަނީ މަރުވެފަ އެވެ.
ބާރު ސްޕީޑާއި އެހެން ޓްރެފިކް ވަޔަލޭޝަންތައް ނުހުއްޓުވެނީ ޓްރެފިކް ގާނޫނާއި ގަވާއިދުތައް ރަނގަޅަށް ތަންފީޒު ނުކުރުމުންނެވެ. އަދި އެކްސިޑެންޓުތައް ރަނގަޅަށް ތަހުގީގު ނުކުރެވުމަކީ ވެސް ބޮޑު މައްސަލައެކެވެ.
މަގުމަތީގެ އެކްސިޑެންޓުތަކުގައި މަރުވި އެއްވެސް ދިވެއްސަކަށް މިހާތަނަށް އިންސާފު ލިބުނުކަން ފެންނާކަށް ނެތެވެ. އެއްވެސް މަރެއްގެ ޒިންމާވާންޖެހޭ ފަރާތެއް ކަނޑައެޅިފައި އޮތް ކަމެއް ނޭނގެ އެވެ.
އެކްސިޑެންޓުތަކުގައި މަރުވި ބައެއް މީހުންގެ މައްސަލައިގައި މީގެ ކުރިން ޖިނާއީ ދައުވާތަކެއް އުފުލާފައި އެބަހުއްޓެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ސާބިތުވި ކަމެއް ނޭނގެ އެވެ.
އަނެއް މައްސަލައަކީ ހޭލުންތެރިކަމެވެ. ބާރު ސްޕީޑުގައި ދުއްވުމާއި ޓްރެފިކުގެ އެހެން ވަޔަލޭޝަންތަކަކީ ތަހުޒީބު ކަމެއް ނޫނެވެ. ތޮއްޖެހިފައިވާ މަގުތަކުގައި ބާރު ސްޕީޑުގައި ދުއްވާ މީހާ އެ ދުއްވަނީ އޭނާ އަދި އެހެން އެތައް ބައެއްގެ ފުރާނައަށް ވެސް ނުރައްކާވާ ގޮތަށެވެ.
އެކަމުގެ ނުރައްކަލާއި ނާތަހުޒީބުކަން ނިކަން ރަނގަޅަށް އެންމެނަށް ވެސް ވިސްނެން ޖެހެ އެވެ. އެކަން ކުރެވޭނީ ގައުމީ ފެންވަރުގައި އަދި ދެމެހެއްޓެނިވި ގޮތަކަށް ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގައިގެނެވެ.
~~
މާލޭގައި ދުއްވާ ވެހިކަލްތައް މަދު ކުރަންޖެހެ އެވެ. މިހާރު މާލޭގައި ވެހިކަލް މި ދުއްވަނީ ވެހިކަލް ދުއްވަން އޮތް ޖާގައެއް ވުރެ އިތުރަށެވެ. މާލޭގެ ހަމަޖެހުމާއި އާންމުންގެ ރައްކަލަށް ވެހިކަލުގެ އަދަދު މަދު ކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ.












