ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް، އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރުމުގެ މަރުހަލާ ފެށުމަށް އެ މައްސަލަ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަރުހަލާ ފަށަން އެ ކޮމިޓީން ފާސްކުރީ މިއަދު އޮތް ބައްދަލުވުމުގަ އެވެ. ގިނަ ވަގުތު އަޑު ކަނޑާލައިގެން 10 ވަރަކަށް މިނެޓަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ފިޔަވައި އެހެން ހުރިހާ މެންބަރުން އެގޮތަށް ފާސްކުރަން ވޯޓު ދެއްވި އެވެ.
މައިކު ކަނޑާލައިގެން ގިނަ ވަގުތު ކުރިއަށް ގެންދިޔުމުން، އިބްރާހިމް ރަޝީދު ވަކިކުރާ ސީދާ ސަބަބު ސާފެއް ނުވެ އެވެ. ނަމަވެސް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު އަދަދު ނޫހަށް ވިދާޅުވީ އޭނާ ވަކި ކުރަން ފާސްކުރީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެ ކޮމިޓީއަށް ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން ކަމަށެވެ.
އެ ސިޓީގައި އިބްރާހިމް ރަޝީދުއާ ގުޅޭ ގިނަ ޝަކުވާތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ތަފުސީލެއް އަދި ނޭނގެ އެވެ.













