ސަސްޕެންޑު ކޮށްފައި ތިބި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލަން ޖޭއެސްސީން އެކުލަވައިލި ކޮމިޓީން ބަންޑާރަނައިބު އަހުމަދު އުޝާމް އަމިއްލައަށް ވަކިވެވަޑައިގެންފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ތިއްބެވީ ބަންޑާރަނައިބު އަހުމަދު އުޝާމް އާއި ފަނޑިޔާރުން ސަސްޕެންޑުކުރުމުގެ ކުރިން ޖޭއެސްސީ އަށް އައްޔަން ކުރި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޔަޒްމީދު މުހައްމަދު އަދި ވަކީލުންގެ ތެރެއިން އައްޔަން ކުރެއްވި އަލީ އަބްދުއްލަތީފު އެވެ.
ނަމަވެސް އުޝާމް އެ ކޮމިޓީން އިއްޔެ އަމިއްލައަށް ވަކިވެވަޑައިގަތުމާއެކު، އޭނާގެ ބަދަލުގައި އެ ކޮމިޓީއަށް އައްޔަނު ކޮށްފައި ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް، މުހައްމަދު ނާސިހު އެވެ.
ފަނޑިޔާރުންގެ މައްސަލަ ބަލާ ޖޭއެސްސޫގެ ކޮމިޓީން މީގެ ކުރިން ބަލަމުންދިޔައީ ފަނޑިޔާރުކަމުން މިފަހުން އިސްތިއުފާދެއްވި ހުސްނުއްސުއޫދުގެ މައްސަލަ އެވެ.











