މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އޭނާ މަގާމުން ވަކި ކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
ފަޒީންގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރީ އަށް މިނެޓަށް މިރޭ ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ފޮނުވަން ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުﷲ ޝަރީފް އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު އަލީ އިބްރާހިމް އެވެ.
ނަމަވެސް މަޖިލީހުގެ ތަޅުމުން ފަޒީންއާ މެދު ވަކި ގޮތެއް ނިންމުމުގެ ކުރިން ޖަވާބުދާރީވުމުގެ އިތުރު ފުރުސަތެއް އޭނާއަށް ދޭން މިރޭގެ ކޮމިޓީގައި ފާސްކުރި އެވެ.
ފަޒީންގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ ތަހުގީގު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ގެންދިޔައީ ސިއްރު ކޮށްގެން ކަމަށް ވާތީ އެ ތަހުގީގުގެ މާބޮޑު މައުލޫމާތެއް ނޭނގެ އެވެ.

ލަފާ ކުރެވޭ ގޮތުގައި ފަޒީން މަގާމުން ވަކި ކުރުމާމެދު ހޯމަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ގޮތެއް ނިންމާނެ އެވެ.













