މާލެ އާއި ރަށްރަށުގައި ކުނި އުކާލުމުގެ ހިދުމަތް ދެމުން އަންނަ ވޭސްޓު މެނޭޖުމަންޓު ކޯޕަރޭޝަން (ވެމްކޯ) އަށް ފާއިތުވި އަހަރުގެ ތެރޭގައި ތަކެތި ކުއްޔަށް ނަގައިގެން 65 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީން އޭނާ ވަކިކުރި މައްސަލައިގައި އަޒާން މިހެން ވިދާޅުވީ, ކުންފުނިތަކުގެ ޕްރޮކިޔުމަންޓުތަކުގެ ތެރެއިން ހިންގާ ހިޔާނާތުގެ މައްސަލަތައް ދިރާސާކުރުމުގެ ތެރެއިން ފާހަގަވީ ކަމެއްގެ މިސާލު ދެއްވަމުންނެވެ. ނަމަވެސް މިއާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ވެމްކޯގެ އެންމެ ފަހުން ފެންނަން ހުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރާއި އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރުގައި ވެސް އެ ކުންފުންޏަށް ސާފު ފައިދާއެއް ނުލިބެ އެވެ.
މިދިޔަ އަހަރުގެ ދެ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ގެއްލުން 42 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުންފުނި މިހާރު ވެސް ހިންގަނީ ލިބޭ އާމްދަނީގެ އިތުރުން ސަރުކާރުން ދޭ ކެޕިޓަލް ކޮންޓްރިބިއުޝަނާއި ސަބްސިޑީ ބޭނުންކޮށްގެންނެވެ.











