ދިރާގުން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓާ ސެންޓަރު ހުޅުމާލޭގައި ހުޅުވައިފި އެވެ.
އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓާ ސެންޓާ ރިލައިބިލިޓީއަށް ކަނޑައަޅައިފައިވާ އެންމެ މަތީ މިންގަނޑުގައި ހުރި އެ ޑޭޓާ ސެންޓަރު އިފްތިތާހުކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ.
"އަޕްޓައިމް އިންސްޓިޓިއުޓް އިން ދޭ މި ސެޓިފިކޭޝަން އަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު، އެންމެ އިތުބާރު ކުރެވޭ ޑޭޓާ ސެންޓަރުތަކަށް ދޭ ސެޓިފިކޭޝަން އަކަށް ވާތީ، އެކަމުން ދައްކުވައިދެނީ ދިރާގު ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ،" އެ ކުންފުނިން ބުންޏެވެ.
ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އެންމެ ރަނގަޅު ހިދުމަތްތައް ފޯރުކޮށްދޭނެ ވަސީލަތްތައް ހޯދައި ދިނުމަށް ކަމަށެވެ.
މިގޮތުން، ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ޑިޖިޓަލް އިކޮނޮމީ ވަރުގަދަ ކުރުމަށްޓަކައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންކަން އިހުސާން ފާހަަގަކުރެއްވި އެވެ.
ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ އެ ކުންފުނިން ދިރާގުން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓާ ސެންޓަރު ހުޅުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް، އަދި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"ޓިއާ-4 ގެ ޑޭޓާ ސެންޓަރެކޭ ބުނުމުން ދޭހަވަނީ، މި ޑޭޓާ ސެންޓަރަކީ، އިންފްރާސްޓްރަކްޗާ އަށް ބެލިއަސް، ރިލައިބިލިޓީއަށް ބެލިއަސް، ސެކިއުރިޓީ އަށް ބެލިކަމުގައި ވިއަސް، މިއީ އެންމެ މަތީ މިންގަނޑުތަކަށް ހެދިފައި ހުރި ޑޭޓާ ސެންޓަރެއްކަން،" އޭނާ ވިދާޅުވި އެވެ.
މި ސެޓިފިކޭޝަންއާ އެކު، ދިރާގުން ވަނީ ކްލައުޑް އައިއޭއޭއެސްގެ އިތުބާރު ހިފޭ މިންވަރު، ސެކިއުރިޓީ އަދި ރެޒިލިއެންސް މިންގަނޑުތައް ވަރުގަދަކޮށް، ވިޔަފާރި ކުރުމުގައި އަދި މުހިންމު އެޕްލިކޭޝަންތައް ބޭނުންކުރުމަށް ވިޔަފާރިވެރިން އިތުރަށް ބާރުވެރިކޮށްދީފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ދަނީ ރާއްޖޭއަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެންމެ ވަރުގަދަ ހިދުމަތްތައް ތައާރަފްކޮށް ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި އެންމެ ކުރީސަފުގައި ހަރަކާތްތެރިވަމުންނެވެ.











