އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް އެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ހާއްސަކޮށްގެން އެމްއެމްއޭ އިން ފެށި "ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝޭޓިވް" އިފްތިތާހުކޮށްފި އެވެ.
އެ އިނީޝިއޭޓިވް އިފްތިތާހުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޝަހީމް ވަނީ އެމްއެމްއޭ އިން ކުރަން ރާވާފައިވާ މަސައްކަތްތަކަށް ތައުރީފުކުރައްވައި، މިނިސްޓްރީގެ އެހީތެރިކަން އެ އޮތޯރިޓީއަށް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
"ރާއްޖޭގެ އިސްލާމީ މާލީ ނިޒާމު ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ބަޔަކީ މަރުކަޒީ ބޭންކު. އެގޮތުން މެލޭޝިއާ ފަދަ ގައުމުތަކުގައި މި ނިޒާމަށް ކުރިއަރައިގެން ދިޔައީ އެ ތަންތަނުގެ މަރުކަޒީ ބޭންކުތަކުން އިސްނަގައި ކުރި މަސައްކަތްތަކުން،" މިނިސްޓަރު ވިދާޅުވި އެވެ.
އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވިދާޅުވީ އިސްލާމީ މާލީ ނިޒާމާ ބެހޭ ގޮތުން މީހުން ހޭލުންތެރި ކުރުމަށާއި އެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް އެމްއެމްއޭ އިން އިސްނަގައިގެން މުހިންމު މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އިސްލާމީ މާލީ ނިޒާމުގައި މުހިއްމު ހަބަކަށް ހެދުން،" ގަވަރުނަރު ވިދާޅުވި އެވެ.
ތަމްވީލް އިނިޝިއޭޓިވްގައި އެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ހާއްސަކޮށް ވަނީ ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑެއް ވެސް އިއުލާންކޮށްފަ އެވެ.
އެމްއެމްއޭ އިން ފަސް މިލިއަން ރުފިޔާއާ އެކު ފެށި އެ ފަންޑުގެ ދަށުން އިސްލާމީ މާލީ ނިޒާމާ ގުޅޭ އެކިއެކި ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތަކަށް ސްޕޮންސާ ލިބިގެންދާނެ އެވެ. އަދި މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ޔުނިވާސިޓީއިން ވަނީ އެ ދާއިރާއިން މީހުން ބިނާކުރުމުގައި އެ ޔުނިވާސިޓީގެ އެހީތެރިކަން އެމްއެމްއޭއަށް ލިބޭނެކަން ހާމަކޮށްފަ އެވެ.
އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މި ރޯދަމަހު ޓީވީން ތަމްވީލްގެ ނަމުގައި ޕްރޮގްރާމެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ތަމްވީލް ކުއިޒް މުބާރާތެއް ވެސް ޓީވީއެމްގައި ގެނެސްދޭނެ އެވެ.
ކޮންމެ ދުވަހަކު ހުށަހެޅޭ އިސްލާމީ މާލީ ނިޒާމާ ގުޅޭ ސުވާލަކަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ގުރުއަތުން ހޮވޭ މީހަކަށް ބީއެމްއެލް އިސްލާމިކްގެ ފަރާތުން 1,000ރ. ގިފްޓްކާޑެއް އަދި އެންމެ ގިނަ ޖަވާބު ދިމާކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ދެ މީހެއްގެ އުމްރާ ދަތުރެއް ވެސް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވްގެ ޓީވީ ޕްރޮގްރާމާއި ކުއިޒަކީ ރާއްޖޭގެ އިސްލާމީ މާލީ އިދާރާތަކާއި ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.












