ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ވަކިކުރާން މަޖިލީހަށް ވައްދާފައިވާ ބިލާމެދު ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކާއި އުފައްދަވާފައިވާ ސުވާލުތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ޖުޑީޝަރީ ކޮމިޓީން ފާސްކުރި ނަމަވެސް އެގޮތަށް އަމަލު ނުކުރާނެ ކަމަށް މަޖިލީހުގެ ރިޔާސަތުން އަންގައިފި އެވެ.
ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލާމެދު ފިލްޒާ ސުވާލު އުފައްދަވާ ޖުޑީޝަރީ ކޮމިޓީއަށް ލިޔުމެއް ފޮނުއްވެވީ ރޭގެ ވަގުތެއްގަ އެވެ. އޭރު ކޮމިޓީން އޮތީ ބިލަށް ބަދަލެއް ނުގެނެސް ފާސްކޮށްފަ އެވެ.
މި ލިޔުމާ ގުޅިގެން ރޭ ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމުގައި ފިލްޒާގެ ސުވާލުތަކާމެދު ތަޅުމުން ގޮތެއް ނިންމަން ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ.
އެ ހުށަހެޅުން ފާސްވީ ޕީއެންސީގެ ހަ މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ދެ މެންބަރުން އެ ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވިއިރު ކޮމިޓީން ބިލު ފާސްކުރަންވެސް ވޯޓު ނުދެއްވި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމު ރޭ ވެސް ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. އޭނާ ނިސްބަތްވަނީ ވެރިކަންކުރާ ޕީއެންސީ އަށެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރަމުން މި މައްސަލަ ފާހަގަކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެވެ. ތަކުރާރުކޮށް އޭނާ އެ މައްސަލަ ފެންމަތި ކުރުމުން ވެސް ރިޔާސަތުން އެކަމަށް ފުރިހަމަ ޖަވާބެއް ދީފައި ނުވެ އެވެ.

"މަޖިލިސް ގަވާއިދު ބުނާ ގޮތުން ކައުންސެލް ޖެނެރަލް ކޮމެންޓު ކުރައްވަން ޖެހޭނީ ކޮމިޓީއަށް. އެއީ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ޖެހޭ ކަމެއް ނޫން،" ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.
ކޮމިޓީން ނިންމާފައި އޮތީ ތަޅުމުން ވަކި ގޮތެއް ނިންމަން ކަމަށް މައުރޫފް ވިދާޅުވުމުން ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު ވަނީ މައުރޫފް ވާހަކަ އޮޅުވާލަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ކޮމިޓީން ފުރަތަމަ ފާސްކުރީ ބިލު ކަމަށާއި އެއަށްފަހު ފިލްޒާގެ ކަންބޮޑުވުންތައް ލިބުނު ކަމަށާއި އެއާއެކު ވެސް ނިންމީ ތަޅުމުން ބިލާ މެދު ގޮތެއް ނިންމުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ފިލްޒާގެ ކަންބޮޑުވުންތައް
ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވި ލިޔުމުގައި ފިލްޒާ ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ އެއްވެސް މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ނުދަނީސް ގާނޫނު ބަދަލުކޮށްގެން ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަކީ އިންސާފުވެރި ކަމެއް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށެނީ އެ ބޭފުޅުއްގެ ސުލޫކީ މައްސަލައެެއް ޖޭއެސްސީއަށް ހުށަހެޅިގެން ނުވަތަ އެފަދަ ޝަކުވާއެއް ނުވަތަ ތުހުމަތެއް ޖޭއެސްސީއަށް ހިސާބަށް އައުމުން ކަމުގައި އެ ކޮމިޝަނުގައި ގާނޫނުގައި ބަޔާންކޮށްފައި އޮތުމެވެ.
އޭގެއިތުރުން، އަލަށް ގެނެވޭ އިސްލާހުގެ ދަށުން ގާބިލުކަން ނެތް ކަމަށް ކަނޑައަޅާ ޖޭއެސްސީން ވަކިކުރަނ ނިންމާ ފަނޑިޔާރުންނަށް ފަނޑިޔާރުކަމުގެ ޤާބިލުކަން ނެތްކަމަށް ޖުޑިޝަލް ދައުލަތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދޭން ޖެހޭނެ ކަމަށް ބިލުގައި އޮތް އޮތުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށްވެސް ފިލްޒާ ވިދާޅުވެފައިވެ އެވެ. އެއީ ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކެއް ކަން ގާނޫނުގައި ބުނެފައިވާކަންވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ.
މިހާރު މަޖިލީހުގައި އޮތް ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.












