ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ވަކިކުރާން މަޖިލީހަށް ވައްދާފައިވާ ބިލު ފާސްކޮށް، ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ފަނޑިޔާރުން ވަކިކުރެވިދާނެތޯ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ސުވާލު އުފައްދަވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ބިލް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެ ބިލަށް ބަދަލެއް ނުގެނެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކުރީ މިއަދު ހަވީރު އެވެ.
އެ ބިލާމެދު ފިލްޒާގެ ކަންބޮޑުވުންތަކެއް ހިއްސާކުރެއްވީ ކޮމިޓީން ބިލު ފާސްކުރި ފަހުންނެވެ. އެކަމާ ގުޅިގެން ޖުޑީޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މަޖިލީހުގައި މިހާރު ކުރިއަށް އެބަދެ އެވެ.
ޖުޑީޝަރީއަށް ފޮނުއްވި ލިޔުމުގައި ފިލްޒާ ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ އެއްވެސް މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ނުދަނީސް ގާނޫނު ބަދަލުކޮށްގެން ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަކީ އިންސާފުވެރި ކަމެއް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައި އޮތީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށެނީ އެ ބޭފުޅުއްގެ ސުލޫކީ މައްސަލައެެއް ޖޭއެސްސީއަށް ހުށަހެޅިގެން ނުވަތަ އެފަދަ ޝަކުވާއެއް ނުވަތަ ތުހުމަތެއް ޖޭއެސްސީއަށް ހިސާބަށް އައުމުން ކަމުގައި އެ ކޮމިޝަނުގައި ގާނޫނުގައި ބަޔާންކޮށްފައި އޮތުމެވެ.

މަޖިލީހުގައި މިހާރު އޮތް ބިލްގައިވާ ގޮތުން ގާބިލުކަން ނެތް ކަމަށް ކަނޑައަޅައި ޖޭއެސްސީން ވަކިކުރަން ނިންމާ ފަނޑިޔާރުންނަށް ފަނޑިޔާރުކަމުގެ ގާބިލުކަން ނެތްކަމަށް ދައުލަތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދޭން ޖެހޭނެ ކަމަށް ބިލުގައި އޮތް އޮތުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށްވެސް ފިލްޒާ ވިދާޅުވެފައިވެ އެވެ. އެއީ ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކެއް ކަން ގާނޫނުގައި ބުނެފައިވާކަންވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ.
ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.












