ފަނޑިޔާރުން ވަކި ކުރުމުގެ ބިލު ފާސް ނުކުރަން ގޮވާލައި ގާނޫނީ ވަކީލުންގެ ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅައިފި

Feb 25, 2025, 9:57 AM
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން: ވަކީލުން އެދުނީ ކޯޓުތަކުގެ ގާނޫނަށް ގެންނަން އުޅޭ އިސްލާހު ފާސް ނުކުރަން -- ފޮޓޯ: އަދަދު ފައިލް

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން: ވަކީލުން އެދުނީ ކޯޓުތަކުގެ ގާނޫނަށް ގެންނަން އުޅޭ އިސްލާހު ފާސް ނުކުރަން -- ފޮޓޯ: އަދަދު ފައިލް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށާއި އެ ބިލު ފާސްކޮށްފި ނަމަ އާންމު ހަމަޖެހުމާއި ސުލްހައަށް ހުރަސްއެޅިދާނެ ކަމަށް ބުނެ އެ ބިލު ފާސް ނުކުރަން ގޮވާލައި ގާނޫނީ ވަކީލުންގެ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މިއަދު ހުށަހެޅި ޕެޓިޝަނުގައި 71 ގާނޫނީ ވަކީލުން ވަނީ ސޮއިކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރަން ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވީ، ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މަޖިލީހުން ވަކިވާނެ ކަމަށް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހެޅި މައްސަލަ ކޯޓުން ބަލަމުންދަނިކޮށެވެ.

ގާނޫނީ ވަކީލުން މިއަދު ހުށަހެޅި ޕެޓިޝަނުގައި ބުނެފައި ވަނީ ފަނޑިޔާރުންނަކީ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރު ނުވާހާ ހިނދަކު ފަނޑިޔާރުން މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް އަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި އެއީ ކަނޑައެޅޭ ވަކި މުއްދަތަކަށް އައްޔަން ކުރެވޭ ބައެއް ނޫން ކަމަށް ވެސް އެ ޕެޓިޝަނުގައި ބުނެފައިވެ އެވެ.

"[އެކަމަކު] ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުނ،ް ގާނޫނުއަސާސީގެ އިސްވެ ބުނެވުނު މާއްދާތަކުން ފަނޑިޔާރުންނަށް ކަށަވަރުކޮށްދީފައިވާ ހިމާޔަތަށް އަސަރުކުރޭ. ފަނޑިޔާރުންގެ މަސައްކަތާ އެއްވެސް ގޮތަކުން ބެހި ނުފޫޒު ފޯރުވުމަކީ ގާނޫނުއަސާސީގެ 141 ނ. އިން މަނާކުރާ ކަމެއް،" އެ ޕެޓިޝަނުގައި ބުނެފައިވެ އެވެ.

ޕެޓިޝަނުގައި ބުނެފައި ވަނީ، ފަނޑިޔާރުން ވަކި ކުރާ ބިލު ފާސްވެއްޖެ ނަމަ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމަށް ގާބިލު ނޫން ކަމުގެ ހާލަތެއް އުފައްދަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލާޒިމުވާ ކަމަށެވެ. އަދި ގާބިލު ނޫން ފަނޑިޔާރުން ކަނޑައެޅުމުގައި ފަނޑިޔާރުން ދިފާއުވާން މިހާރު ލިބޭ މުއްދަތުތަކަށް ބަލަންނުޖެހޭނެ ކަމަށް ބިލުގައި ބުނެފައިވާ ކަމަށް ވެސް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

"[ނަމަވެސް] އަދުލުއިންސާފުގެ ހަމަތަކާއި އެއްގޮތަށް ކަންކުރެވުމަކީ ފަނޑިޔާރުންނަށް ވެސް އޮންނާންވާނޭ ހައްގެއް،" ވަކީލުންގެ ޕެޓިޝަނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، މަޖިލީހާ ގުޅޭ މައްސަލައެއް ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށްފި ނަމަ އާންމު ހަމަޖެހުމާއި ސުލްހައަށް ހުރަސްއެޅިދާނެ ކަމަށް ވެސް ވަކީލުންގެ ޕެޓިޝަނުގައި ބުނެފައިވެ އެވެ.

"މި ދަނޑިވަޅުގައ،ި ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނެސްގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މަސައްކަތްކުރުމަކީ، ރައްޔިތުންގެ މަޖިލީހުން އެ މައްސަލައަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް ތުހުމަތުކުރުމަށް ޖާގަ ލިބޭ، އެކަމުގެ ސަބަބުން އާންމު ހަމަޖެހުމާއި ސުލްހަވެރިކަމަށް ހުރަސްއެޅިގެން ހިނގައިދިޔުމުގެ ފުރުސަތު އޮތްކަން ވެސް ފާހަގަކުރަން،" އެ ޕެޓިޝަނުގައިވެ އެވެ.

އިއްޔެ ހުށަހެޅި ބިލުގައި ބުނެފއި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.

ވަކި ކުރާ ފަނޑިޔާރުންގެ ނަންތައް ފޮނުވާތާ ހަތް ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން ވަކި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަންޖެހެ އެވެ. ފަނޑިޔާރުން ވަކި ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ.

އެ ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ބިލެއް ހުށަހެޅިއިރު، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކޮށްފައިވާ މެންބަރު ވަނީ މިއަދު ބަދަލުކޮށްފަ އެވެ. އެ މަގާމުގައި ހުންނެވި ގާނޫނީ ވަކީލު މުހައްމަދު ސަމީރު ވަކިކޮށް އެ މަގާމަށް އައްޔަން ކުރީ ޔަޒްމީދު މުހައްމަދެވެ.

ނޮވެމްބަރު 20، 2024، ގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން، މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ފުރިހަމަ ބާރު ސިޔާސީ ޕާޓީތަކަށް ލިބެ އެވެ. ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ. އަދި އެހެން ޕާޓީއަކަށް ބަދަލުވި ނަމަވެސް ގޮނޑި ގެއްލޭނެ އެވެ.

އެ އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިންނެވެ. އެ މައްސަލަ ބަލައިގަނެ ކޯޓުގައި ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ނިންމައިފަ އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން އަލީ ހުސެއިންގެ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ ގޮނޑި ގެއްލުވައިލުމުގެ ބާރު ޕާޓީތަކަށް ލިބޭ ގޮތަށް ގެނައި އިސްލާޙު އަސާސީއާ ހިލާފުވުމުގެ އިތުރުން އެއީ ރިޔާސީ ނިޒާމުގެ ސިފައެއް ވެސް ނޫން ކަމަށެވެ.

"ގާނޫނުއަސާސީގައި އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދީފައިވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކަށާއި ރައްޔިތުންގެ ކިބައިން ފެށިގެން އަދި ދެމިގެންދާ އެއްޗެއްގެ ގޮތުގައި ދައުލަތުގެ އެންމެހައި ބާރުތައް އޮތުމުގެ މައްޗަށް. ރައްޔިތުން މި ބާރު ތަމްސީލުކުރާނީ އެ މީހުން އިންތިހާބުކުރާ މެންބަރުން މެދުވެރިކޮށް،" މަހްފޫޒް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox