ވަގު ފޯމު ފުރިކަމުގެ ތުހުމަތުން ދިފާއުވުމުގެ ބަދަލުގައި އިހުސާން ދެއްކެވީ ކުރީ ސަރުކާރުގެ ވާހަކަ

މިނިސްޓަރު އިހުސާން މަޖިލީހުގައި ޖަވާބުދާރީ ވަނީ: އޭނާ ވިދާޅުވީ ޑީއެންއާރުން މައުލޫމާތު ނަގައިގެން ޕާޓީތަކަށް މީހުން ވެއްދުމަކީ އަބަދުވެސް ހިނގާ ކަމެއް ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިނިސްޓަރު އިހުސާން މަޖިލީހުގައި ޖަވާބުދާރީ ވަނީ: އޭނާ ވިދާޅުވީ ޑީއެންއާރުން މައުލޫމާތު ނަގައިގެން ޕާޓީތަކަށް މީހުން ވެއްދުމަކީ އަބަދުވެސް ހިނގާ ކަމެއް ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕީއެންސީއަށް ވަގު ފޯމުތަކެއް ފުރުމުގައި ހޯމް މިނިސްޓަރު، އަލީ އިހުސާން ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލައިން ދިފާއުވުމުގެ ބަދަލުގައި ވަގު ފޯމު ފުރައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލައަކީ އަބަދުވެސް ހިނގަމުން އަންްނަ ކަމެއް ކަމަށް ވިދާޅުވެ މައިގަނޑު ވާހަކައަކަށް މިދިޔަ ސަރުކާރުގެ ވާހަކަ އިހުސާން ދައްކަވައިފި އެވެ.

ވަގު ފޯމުތައް ފުރުމުގައި އިހުސާން ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ސޮއި ކުރައްވައި މަޖިލީހަށް ހުށަހެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ވަގު ފޯމު ފުރުމަކީ މީގެ ކުރިން ފެށިގެން ވެސް ހިނގަމުން އަންނަ ކަމެއް ކަމަށެވެ.

އެގޮތުން މިދިޔަ ފަސް އަހަރު ތެރޭގައި އެމްޑީޕީއަށް ވެސް ވަގު ފޯމު ފުރައިގެން މީހުން ވައްދާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ. އޭގެއިތުރުން އެންސްޕާ އާއި އާސަންދައިގެ އިތުރުން އިލެކްޝަންސްގެ ޑޭޓާބޭސްއިން މައުލޫމާތު ނަގައިގެން ރިޔާސީ އިންތިހާބު ތެރޭގައި ބޭނުން ކުރި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

"ދަންނަވަން މިއުޅޭ ވާހަކައަކީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރައްޔިތުންގެ ޒާތީ މައުލޫމާތު ޑީއެންއާރުގެ ތެރެއިން އެކި ގޮތްގޮތުން ނަގައި ވިއްކަމުން މިގޮތަށް ހިންގާފައިވާ ކަމެއް މިކަމަކީ، މި އިއްޒަތްތެރި މަޖިލީހުގެ ގިނަ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އިންތިހާބުތަކުގެ ތެރޭގައި ހުރިހާ ބޭފުޅުން ވެސް އެބަ ބޭނުން ކުރޭ މި މައުލޫމާތުތައް، އެހެންވީމަ މި މައުލޫމާތުތައް އެކި ގޮތްގޮތަށް ބޭނުން ކުރަމުން އަބަދު 2014 ވަނަ އަހަރުން އައިސްފައިވާކަން ތަފަސްހިސާބުތަކުން އެބަ ދައްކާ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ޑީއެންއާރުގެ މައުލޫމާތު ނަގައިގެން އެ ބޭނުން ކުރާކަން ފާހަގަވެފައިވާ ކަމަށާއި އެކަން ނުވާނެ ގޮތެއް ހޯއްދަވާނެ ކަމަށް 2019 ވަނަ އަހަރު އޭރުގެ ޓެކްނޮލޮޖީ މިނިސްޓަރު، މުހައްމަދު މަލީހު ޖަމާލު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެއްވި ނަމަ މިއަދު ޑީއެންއާރުގެ މައުލޫމާތު ލީކުވެގެން އެ ވާހަކަދައްކަން ނުޖެހުނީސް ކަމަށް އިހުސާން ވިދާޅުވި އެވެ.

"17 މާޗު 2019 ގައި މިހާރު ނޫހުގައި ރިޕޯޓު ކޮށްފައިވާ އޭރުގެ ކޮމިއުނިކޭޝަންސް އަދި ޓެކްނޮލޮޖީ މިނިސްޓަރު، މަލީހު، ޑީއެންއާރުން މައުލޫމާތު ނަގައިގެން މީހުން އެ ވިއްކާ މައްސަލަ ބައްލަވާ ކަމަށާއި އެކަން ނުވާނެ ގޮތެއް ހައްދަވާނެ ކަމަށް އޭރުގައި ނޫހުގައި އޮތް، އެކަން އެގޮތަށް ނުވާނެ ގޮތެއް ހެއްދެވި ނަމަ މި ވާހަކަ ދައްކާކަށް ނުޖެހޭނެއެއް ނޫންތޯ؟" އިހުސާން ވިދާޅުވި އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވަމުން އިހުސާން ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު އެމްޑީޕީއަށް ފޯމެއް ފުރަން އިންނަ މަންޒަރު ފެންނަ ފޮޓޯއަކާއި އެ ނޫން ވެސް ބައެއް ފޮޓޯތައް މަޖިލީހަށް ދައްކަވައިފަ އެވެ.

އިހުސާން ވިދާޅުވީ ޕީއެންސީއަށް މީހުން ވައްދަން ކޮންމެ މީހަކު 15 ވަރަކަށް ފޯމު ފުރަން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގައި މަސައްކަތް ކުރާ ސިޔާސީ މުވައްޒަފުންނަށް އޭނާ އެންގެވި ކަމަށެވެ. އަދި އެ އެންގެވުމާ އެއްގޮތަށް ސިޔާސީ މުވައްޒަފުން ފޯމު ވެސް އެއްކުރި ކަމަށް އިހުސާން ވިދާޅުވި އެވެ.

ނަމަވެސް، ސިޔާސީ ޕާޓީތަކަށް ފޯމު ފުރުން ފަދަ ކަންކަމަކީ ޑީއެންއާރު ފަދަ މުއައްސަސާތަކުގެ ތެރޭގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ގަބޫލު ކުރައްވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް، އަޅުގަނޑު ގަބޫލު ކުރަން ގާނޫނީ ކުށަކަށްވިޔަސް ސިޔާސީ މުވައްޒަފުން ސިޔާސީ މަސައްކަތް ދައުލަތުގެ އިދާރާއެއްގެ ތެރޭގައި ކޮށްގެންވުމަކީ އެހާ ރަނގަޅު ކަމެއް ނޫން، ހާއްސަކޮށް ޑީއެންއާރު ފަދަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއެއްގެ އޮފީހެއްގެ ތެރޭގައި މިފަދަ ކަންތައްތައް ކުރުމަކީ ކުރެވިގެން ދިޔުމަކީ ރައްޔިތުންގެ އިތުބާރު އެކަމަށް ގެއްލިދާފަދަ ސުވާލު އުފެދިދާނެ ފަދަ ކަމެއް،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސަބަބާ ހުރެ މީގެ ފަހުން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އެއްވެސް މުއައްސަސާއެއްގައި އެފަދަ މަސައްކަތެއް ނުކުރުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ވަގު ފޯމުތައް ފުރުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމަށް މެލޭޝިއާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ބެސްޓިނެޓާ ހަވާލު ކުރީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އެމްޑީޕީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox