މިއަދު ހެނދުނު ބާއްވާނެ ކަމަށް އިއްޔެ އިއުލާނު ކުރި ރައްޔިތުންގެ މަޖިލިސް ޖަލްސާ ވަކި ސަބަބެއް ނުދައްކައި ކެންސަލްކޮށްފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މިއަދު ބާއްވަން އޮތް މަޖިލީހުގެ ޖަލްސާ އަންނަ ހޯމަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް ނިންމި ވަކި ސަބަބެއް ނޭނގޭ ކަމަށް މަޖިލީހުގެ މީޑިއާ އޮފިޝަލަކު ބުންޏެވެ.
މިއަދު ހެނދުނު މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން އިއްޔެ އޮތް މަޖިލިސް ޖަލްސާ ނިންމަވައިލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވި އެވެ.
މަޖިލީހުގެ ޖަލްސާ ނުބާއްވަން ނިންމިއިރު ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ބަންޑާރަ ނައިބުގެ އޮފީހުގެ ބިލުގެ އިތުރުން އިޒްރޭލު ޕާސްޕޯޓު ބޭން ކުރުން ފަދަ މުހިންމު މަސައްކަތްތަކެއް މަޖިލީހަށް ހުށަހެޅިފައި އޮއްވަ އެވެ.
އޭގެ އިތުރުން, ސަރުކާރު ހިންގާ ޕީއެންސީން ވަނީ މި އަހަރުގެ ފުރަތަމަ ދައުރު ކުރުކޮށްލައި ކުރިއަށް އޮތް ރޯދަ މަހު މަޖިލިސް ބަންދު ކުރަން ހުށަހަޅަައިފަ އެވެ. އެ ހުށަހެޅުމަށް ބަދަލެއް ނުގެނެސް ކޮމިޓީން ވެސް ވަނީ ފާސްކޮށްފަ އެވެ.













