ސަރުކާރުގެ މަސްކުންފުނި، މިފްކޯ ގެ ތިން މެނޭޖިން ޑިރެކްޓަރަކު މަގާމުން ވަކިކޮށްފި އެވެ.
މިފްކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިކަން ކަށަވަރުކޮށްދިން ނަމަވެސް ވަކިކުރީ ކޮން ބޭފުޅުންނެއްކަން އެ ކުންފުނިން ހާމައެއް ނުކުރެ އެވެ. އެ ތަފުސީލަށް އެދުމުން ކުންފުނީގެ މީޑިއާ ޓީމުން ޖަވާބެއް ނުދެ އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިފޯމު އެޖެންޑާގެ ދަށުން މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރިއަށް ގެންދާ އިސްލާހީ އެޖެންޑާގެ ދަށުން އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
މީގެއިތުރުންވެސް، ކުންފުނީގެ ހިންގުމަށް އަދި މަގާމުތަކާށް ވަގުތީ އަދި ދާއިމީ ބަދަލުތަކެއް ގެންނާނެ ކަމަށްވެސް މިފްކޯއިން މިއަދު ބުންޏެވެ.
މި އެޖެންޑާގެ މަސައްކަތް ކުރިއަށްދަނީ މިދިޔަ އަހަރުން ފެށިގެންނެވެ.

މިފްކޯ އަކީ ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ދަރަންޏާއެކު ގެއްލުމުގައި ހިންގަމުންދާ ކުންފުންޏެކެވެ.
އެގޮތުން މިފްކޯގެ ކުންފުނީގެ ޗީފް އެގްޒެކިއުޓިވް އޮފިސާ (ސީއީއޯ) އަށް ޔޫކްރޭންގެ ރައްޔިތެއް ކަމުގައިވާ ޑރ. ވިތާލީ ލުބިމޮފް އައްޔަންކުރީ މި އެޖެންޑާގެ ދަށުންނެވެ. އަދި، މީޑިއާތަކަށް ދެމުންދިޔަ ސްޕޮންސާތައް ކަނޑާލަން ނިންމީ ހަރަދުކުޑަރުމަށް ކަމަށް މިފްކޯ އިން ބުނެ އެވެ.













