މެންބަރުން ކުރާ ސުވާލުތަކަށް ޖަވާބު ނުދެތި ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިސްވެެރިން ކޮމިޓީއަށް ހާޒިރު ކުރަނީ

މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ހޯމް މިނިސްޓްރީ އާއި ފުލުހުން ހާޒިރުކުރަން ކޮމިޓީން ފާސްކުރީ އިއްތިފާގުން  -- ފޮޓޯ: ރައްޔިތުން މަޖިލިސް

މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ހޯމް މިނިސްޓްރީ އާއި ފުލުހުން ހާޒިރުކުރަން ކޮމިޓީން ފާސްކުރީ އިއްތިފާގުން -- ފޮޓޯ: ރައްޔިތުން މަޖިލިސް

ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް ހޯމް ލޭންޑް މިނިސްޓްރީ އާއި ފުލުހުންގެ އިދާރާއިން ހޯދަން އެދިލެއްވި މައުލޫމާތުތައް ނުދީ ހިފެހެއްޓުމަކީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ތަބާ ނުވުމުގެ އަމަލެއް ކަމަށް ބަލައި، އެ މައްސަލައިގައި ޖަވާބުދަރީ ކުރުވުމަށް އެ މިނިސްޓްރީ އާއި ފުލުހުންގެ އިސްވެރިން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

އެގޮތަށް ނިންމީ މިއަދު އޮތް އިމްތިޔާޒާއި ސުލޫކު ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. ހޯމް މިނިސްޓްރީގެ އާއި ފުލުހުންގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަން ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ޝަމީޒް އެވެ.

މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން އެ މައްސަލަ ބެލީ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް މަޖިލީހަށް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީގައި ކަންބޮޑުވުން ފާޅު ކޮށްފައި ވަނީ ހޯމް މިނިސްޓްރީއާއި ފުލުހުންގެ އިދާރާއިން ހޯދަން އެދުނު މައުލޫމާތުތަކެއް ދީފައި ނުވާތީ އެވެ.

މުހައްމަދު އިބްރާހިމް ހޯމް މިނިސްޓްރީއަށް ދެ ސިޓީއެއް ފޮނުއްވާފައިވެ އެވެ. އޭގެ ތެރެއިން އެއް ސިޓީގައި އެދިވަޑައިގެންފައި އޮތީ ދާއިމީ އެޑްރެހަކީ އައިޑީ ކާޑުގައި ހިމަނަންޖެހޭ މައުލޫމާތެއް ކަމަށް އޮތް އޮތުން ބަދަލު ގެނެސްފި ނަމަ ކުރިމަތިވެދާނެ މައްސަލައަކީ ކޮބައިތޯ އާއި ދާއިމީ އެޑްރެސް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ފަސޭހައިން އަދާހަމަ ކުރެވޭ ގޮތަށް ހެދިދާނެ ތޯ އެވެ. އެ ސިޓީ ފޮނުއްވާފައި އޮތީ މިދިޔަ އަހަރުގެ އޮގަސްޓު 5، ގަ އެވެ.

ދެވަނަ ސިޓީގައި ފާހަގަ ކުރައްވާފައި އޮތީ އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނެރުން ލަސްވުމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އެ ގަވާއިދުގައި ހިމެނުން މުހިންމުކަމަށް މުހައްމަދު އިބްރާހިމް ދެކެވަޑައިގަންނަވާ ނުކުތާތަކެވެ. އެ ސިޓީ ފޮނުއްވާފައި އޮތީ މިދިޔަ އަހަރުގެ އޮކްޓޫބަރު 23، ގަ އެވެ.

ފުލުހުންގެ އިދާރާއަށް މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި އޮތީ ވޭތުވެދިޔަ ހަތަރު އަހަރު ފަތުރުވެރިންނަށް ދިމާވެފައިވާ އެކްސިޑެންޓުތަކާއި މަރުގެ ތަފާސް ހިސާބު ހިއްސާކޮށްދިނުމަށެވެ. އެ ސިޓީ ފޮނުއްވާފައި އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު 9، ގަ އެވެ.

މި މަހުގެ 6، ގައި މަޖިލީހުގެ ރައީސްއަށް އެޑްރެސް ކުރައްވައި މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ވިދާޅުވެފައި އޮތީ އެ ތިން ސިޓީއަށް ވެސް ޖަވާބެއް ލިބިވަޑައިގެންފައި ނުވާ ކަމަށާއި އެއީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ތަބާ ނުވުން ކަމަށް ސިފަ ކުރެއްވޭ ކަމަށެވެ.

މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސަރުކާރުގެ އޮފީހަކަށް ނުވަތަ ދައުލަތުގެ މުއްސަސާއަކަށް ޒިޔާރަތްކޮށްފި ނަމަ އެ ތަންތަނުން އެ މެންބަރަކު އެ އެދޭ ކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަން ދޭންވާނެ ކަމަށެވެ. އަދި އެ މެންބަރަކު އެދޭ މައުލޫމާތު ފަސޭހަ ކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން ވާނެ ކަމަށް ވެސް އެ ގާނޫނުގައި ބަޔާން ކޮށްފައި އޮވެ އެވެ.

އެ ވާހަކަތަކަށް ރިއާއަތްކޮށް މިއަދުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން ޝަރީފް ވިދާޅުވީ މަޖިލިސް މެންބަރެއްގެ އިމްތިޔާޒަށް އެއްވެސް ފަރާތަކުން އަރައިގަތުމަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ އިމްތިޔާޒަށް އަރައިގަތުން ކަމަށެވެ. އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެންބަރަކު ހޯއްދަވަން އެދިވަޑައިގެންނެވި މައުލޫމާތެއް ނުލިބި އެހައި ދިގުލައިގެން ދިޔައިރު، އާންމު ރައްޔިތުން އެފަދަ ތަންތަނުން މައުލޫމާތު ހޯދަން އުޅެންޖެހޭނެ ހާލަތު ވަޒަން ނުކުރެވޭ ކަމަށެވެ. އެހެންކަމުން އެކަން ހިނގައިފައިވާ ގޮތް ބަލައި އެކަމުގައި އޮތީ ކޮންބައެއްގެ އިހުމާލުތޯ ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސެއިންގެ ވާހަކައަށް ތާއީދު ކުރައްވައި ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރަން ހުށަހެޅުއްވި މަޑަވެލި ދާއިރާގެ މެންބަރު، ޝަމީޒް ވެސް ވިދާޅުވީ މެންބަރަކު ހޯދަން އެދުނު މައުލޫމާތު ނުދީ ލަސްވުމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. މައުލޫމާތެއް ހޯދަން އެދި ސިޓީއެއް ލުމުން ކޮންމެ ވެސް އެއް ޖަވާބެއް އެ ވުޒާރާއަކުން ނުވަތަ މުއައްސަސާއަކުން ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީގައި ވާހަކަދެއްކެވި ހުރިހާ މެންބަރުން ވެސް ވާހަކަދެއްކެވީ އެއްކޮޅަށެވެ. ހޯމް މިނިސްޓްރީ އާއި ފުލުހުންގެ މުއައްސަސާއިން އަމަލު ކޮށްފައިވާ ގޮތް ދިފާއުކޮށް އެއްވެސް ބޭފުޅަކު ވާހަކައެއް ނުދައްކަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox