ރާއްޖެއިން ބައިވެރިވާ ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުންގެ މަގާމަށް އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވި ބޭފުޅުންގެ ނަންތަކަށް މިއަދު ރުހުން ދީފި އެވެ.
މިއަދު އޮތް މަޖިލިސް ޖަލްސާގައި ބައިނަލްއަގުވާމީ ހަތަރު ޖަމިއްޔާއަކަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުންގެ މަގާމަށް އައްޔަނުކުރަން ރައީސް ފޮނުއްވާފައިވާ ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނެވެ.
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބަކަށް ހަމަޖެއްސުމަށް ރައީސް ފޮނުއްވީ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. އިރުތިޝާމް އާދަމްގެ ނަމަވެ. އޭނާ އެ މަގާމަށް އައްޔަނުުކުރަން ފެންނަ ކަމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ އިއްތިފާގުންނެވެ.
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީއަށް ރާޢްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު ހުސެއިން ޝަރީފްގެ ނަމެވެ. އޭނާ އެ މަގާމަށް އައްޔަނުުކުރަން ފެންނަ ކަމަށް ވެސް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ އިއްތިފާގުންނެވެ.
ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ ޔޫއެންއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ސަލްމާ ރަޝީދުގެ ނަމެވެ. އޭނާ އެ މަގާމަށް އައްޔަނުުކުރަން ފެންނަ ކަމަށް ފާސްކުރީ 72 މެންބަރުންގެ ތާއީދާއެކު އެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ ސައުދީއަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަހުމަދު ސަރީރުގެ ނަމެވެ. އޭނާ އެ މަގާމަށް އައްޔަނުުކުރަން ފެންނަ ކަމަށް ފާސްކުރީ 74 މެންބަރުންގެ ތާއީދާއެކު އެވެ.












