ދިވެހި ސަރުކާރުން ފަސް ގައުމަކަށް ސަފީރުން ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތަރު ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައީސް މިއަދު ނަން ފޮނުއްވި ހަތަރު ބޭފުޅުންނަކީ މިހާރު ވެސް ސަފީރުކަމުގައި ތިއްބެވި ބޭފުޅުންނެވެ. މި ބޭފުޅުންގެ ނަންތައް މަޖިލީހުގެ ރިޔާސަތުން މިހާރު ވަނީ ހާރިޖީ ކޮމިޓީއަށް ފޮނުއްވާފަ އެވެ.
ނޮން ރެސިޑެންޓް ސަފީރުކަމަށް ފޮނުވި ނަންތައް
- ބުރްނާއީ އަށް ކަނޑައަޅާ ނޮން ރެސިޑެންޝަލް ސަފީރަކަށް - މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މަރިޔަމް ޝަބީނާ އަހުމަދު، މ. ރުށްފުށި، މާލެ
- ނެދަލޭންޑްސް އަދި ލަގްޒަމްބާގް އަށް ކަނޑައަޅާ ނޮން ރެސިޑެންޝަލް ސަފީރަކަށް - ބެލްޖިއަމްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަގީލާ އަލީ، މ. ގީލާ ވިލާ، މާލެ
- ފްރާންސަށް ކަނޑައަޅާ ނޮން ރެސިޑެންޝަލް ސަފީރަކަށް - ޔޫކޭއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އިރުތިޝާމް އާދަމް، ހ. އޯކިޑް، މާލެ
- އޮސްޓްރޭލިއާއަށް ކަނޑައަޅާ ނޮން ރެސިޑެންޝަލް ސަފީރަކަށް - ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުހައްމަދު ލުވެއިޒު، މ. ދިލާސާގެ، މާލެ
މި ގައުމުތަކަށް ނޮން ރެސިޑެންޓް ސަފީރުން ކަނޑައެޅުމަށް މަޖިލީހުން ގޮތެއް ނިންމާނީ ހާރިޖީ ކޮމިޓީން ނިންމާ ގޮތެއްގެ މަތިންނެވެ.
މި ހުރިހާ ބޭފުޅުން ވެސް ސަފީރުކަމަށް އައްޔަންކުރެއްވީ މި ވެރިކަމުގެ ފުރަތަމަ މަސްދުވަހުގެ ތެރޭގަ އެވެ. އެބޭފުޅުން މިހާރު ވަނީ ސަފީރުކަން ކުރައްވާ ގައުމުތަކުގެ ވެރިންނަށް މަގާމުގެ ފަތްކޮޅު ވެސް އަރުވާފަ އެވެ.













