ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ ދިރިއުޅޭ އައްޑޫ ސިޓީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމް އެއް ހުޅުވައިފި އެވެ.
އައްޑޫގައި ޑޮލަރު އޭޓީއެމް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ސައީދު، އެ ސިޓީގެ މޭޔަރު އިސްމާއިލް ނިޒާރު އަދި އެ ސިޓީގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ސިޓީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ދޭން ފެށިއިރު ސަރުކާރުން ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ބީއެމްއެލް އަދި އެމްއައިބީ އާއެކު ހާއްސަ މަޝްރޫއެއް ފަށާފަ އެވެ. މި މަޝްރޫއުގެ ދަށުން މި އަހަރު ތެރޭ ބީއެމްއެލް އިން ޖުމްލަ 103 އޭޓީއެމް އެއް ބަހައްޓާނެ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވަނީ ބީއެމްއެލް އަށް އައްޑޫއަކީ އަބަދުވެސް މުހިންމު ސަރަހައްދެއް ކަމަށެވެ. އަދި، ޑޮލަރު އޭޓީއެމް އާއެކު އެ ބޭންކުން އައްޑޫ ރައްޔިތުންނަށް ދޭ ހިދުމަތް އިތުރު ފިޔަވަޅަކަށް ގޮސްފައިވާ އޭނާ ވިދާޅުވި އެވެ.
"މި ހިދުމަތާއެކު ބޭންކުގެ ރަސްމީ މަސައްކަތު ގަޑިތަކުން ބޭރުގައިވެސް ޔޫއެސްޑީގެ މުއާމަލާތްތައް ކުރެވޭނެ. މިއީ އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ހިދުމަތެއް،" ޝަރީފު ވިދާޅުވި އެވެ.

މިހާރު ޖުމްލަ 90 ރަށުގައި ބީއެމްއެލްގެ 150 އޭޓީއެމްއަކުން ހިދުމަތް އަންނަނީ ދެމުންނެވެ. އެ އޭޓީއެމްތަކުގެ ބޭނުން އަހަރެއްގެ މައްޗަށް 15 މިލިއަން ފަހަރު ކަސްޓަމަރުން ބޭނުން ކުރެ އެވެ.
މިގޮތުން، އޭޓީއެމްގެ ހިދުމަތް ހުރިހާ ރަށަކަށް ފުޅާ ކުރުމުގެ މަސައްކަތް ނިމުމުން ބީއެމްއެލްގެ އޭޓީއެމްގެ އަދަދު 250 އަށްވުރެ އިތުރުވެގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.












