ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމުން ކުދި ވިޔަފާރިތަކަށް ގެއްލުންވާނެ: ޓަވިޔަނި

ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމުން ކުދި ވިޔަފާރިތަކަށް ގެއްލުންވާނެ: ޓަވިޔަނި

ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމުން ޓެކްސީ ދުއްވާ މީހުންނާއި، ޓެކްސީ ސެންޓަރުތަކާއި، ކުއްޔަށް ކާރު ދޫކުރާ މީހުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށް، ކުދި ވިޔަފާރިތަކަށް ގެއްލުންވެ ދާއިރާގެ ހަމަހަމަ ވާދަވެރިކަން ނެތިގެންދާނެ ކަމަށް އަވަސް އެޕް ހިންގަމުންދާ ޓަވިޔަނިން ބުނެފި އެވެ.

ޓަވިޔަނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުން ޓެކްސީ ފްލީޓެއް ފެށުމުން ދާއިރާގައި ރަޖިސްޓްރީވެ އާމްދަނީ ލިބެމުން ގެންދާ 10،000 އަށްވުރެ ގިނަ މީހުންނަށް ނޭދެވޭ އަސަރުކޮށް އެ މީހުންގެ ހައްގުތަކަށް ގެއްލުން ލިބޭނެ ކަމަށެވެ.

"ޓެކްސީ ޑްރައިވަރުންނާއި މި ދާއިރާގެ އެންމެހާ ފަރާތްތަކުގެ ކަންބޮޑުވުންތައް އެއްފަރާތްކޮށް، ޓެކްސީ ފްލީޓެއް ފަށަން ސަރުކާރުން ނިންމި ނިންމުމަކީ މި ދާއިރާގައި މިނިވަންކަމާ އެކު މަސައްކަތް ކުރާ އެންމެހާ ފަރާތްތަކާއި އާއިލާގެ ހައްގަށް ސަރުކާރުން ވިސްނާލުމެއް ނެތި ކޮށްފައިވާ ކަމެއްކަން މި ކުންފުނިން ދެކެން،" އެ ކުންފުނިން ބުންޏެވެ.

ސަރުކާރުން ޓެކްސީ ފްލީޓެއްގައި ގާއިމުކުރަނީ އެކަމަށް އެކަށީގެންވާ މަޝްވަރާތަކާއި ދިރާސާތަކާ ނުލައި އެފަދަ ކަމެއް ކުރަން ނޫޅޭ ކަމަށް ކުރިން ބުނި ބުނުމާ މުޅިން ހިލާފަށް ކަމަށް ވެސް ޓަވިޔަނިން ފާހަގަކުރި އެވެ.

"މިފަދަ ބޮޑު ނިންމުމެއް ނިންމިއިރު ޓެކްސީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅުން، މިސާލަކަށް ޓެކްސީ ސެންޓަރުތަކުގެ ވެރިންނާ ވެސް މަޝްވަރާ ނުކުރުމަކީ ހިތާމަކުރާ ކަމެއްކަން ދަންނަވަން. މިނިސްޓްރީއަށް ހުށަހެޅި އާރްޓީއައިއަށް ޖަވާބު ދެމުން ވެސް މިފަދަ ފްލީޓެއް ހެދުމަށް އެއްވެސް ތައްޔާރީތަކެއް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ބުނެ ޖަވާބު ދީފައިވާކަން ފާހަގަކުރަން،" އެ ކުންފުނިން ބުންޏެވެ.

ޓަވިޔަނިން ބުނީ ޓެކްސީ ހިދުމަތް ދިނުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތަކާއި، ރަނގަޅު ކުރަން ޖެހޭ ކަންކަމާއި، އިސްލާހު ކުރަން ޖެހޭ ދާއިރާތައް ޓްރާންސްޕޯޓް މިނިސްޓްރީން މިހާތަނަށް ސާފުކޮށް އަންގާފައި ނުވާ ކަމަށެވެ. އެގޮތުން ޑްރައިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ އަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާކަން ވެސް އެ ކުންފުނިން ފާހަގަކުރި އެވެ.

މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ޓްރާންސްޕޯޓް މިނިސްޓްރީއާ ހިއްސާ ކުރި ނަމަވެސް، އެ މިނިސްޓްރީން ޒިންމާދާރު ގޮތެއްގައި އެއްބާރުލުން ދީފައި ނުވާތީ އެކަމާ ޓަވިޔަނިން ހިތާމަ ފާޅުކޮށްފައިވެ އެވެ.

ޓެކްސީ ޑްރައިވަރުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެ ކުންފުނިން އަޅާނެކަމުގެ ޔަގީންކަން ވެސް ޓަވިޔަނިން ވަނީ ދީފަ އެވެ.

އަވަސް އެޕުން މެދުނުކެނޑި 15 އަހަރު ހިދުމަތް ދެމުން އަންނައިރު، އެ ކުންފުނީގެ ދަށުން 1،500 އެއްހާ ޑްރައިވަރުން ދަފްތަރު ކުރެވި އަންނަނީ ދަތުރު ކުރަމުންނެވެ.

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox