މިއުނިކް (ފެބްރުއަރީ 16) - ޖަރުމަނު ލީގުގެ އެއް ވަަނައިގައި އޮތް ބަޔާން މިއުނިކާއި ދެ ވަނައިގައި އޮތް ބަޔާ ލެވަކޫސަން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާ އެކު، ބަޔާން ލީގުގެ އެއް ވަނައިގައި އޮތީ 22 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން، ލެވަކޫސަން ދެ ވަނައިގައި އޮތީ 22 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ.
ލެވަކޫސަން ދަނޑުގައި ކުޅުނު ނަމަވެސް ރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ، ލެވަކޫސަން އިންނެވެ. ބަޔާނަށް މި މެޗުގައި، ލެވަކޫސަންގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވުނީ ވެސް މެޗުގެ 73 ވަނަ މިނިޓްގަ އެވެ.
ޖަރުމަނު ލީގުގައި މި ފަހަރު އެންމެ ގިނަ ގޯލު ޖެހި ބަޔާންގެ އިނގިރޭސި ފޯވާޑް، ހެރީ ކޭން އަށް މެޗުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ލަނޑު ޖަހަން އެންމެ ރަނގަޅު ހަމަލާ ފޮނުވާލީ ލެވަކޫސަންގެ ޖެރެމީ ފްރިމްޕޮން އާއި ނޭތަން ޓެލާ އެވެ. ދެ ކުޅުންތެރިންގެ ހަމަލާތައް ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި މެޗުގެ އިތުރު ވަގުުތުގައި، ލެވަކޫސަންގެ އަމީން އަދްލީ ޖެހި ބޯޅަ ބަޔާންގެ ކީޕަރު، މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ.












