އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އައްޔަނު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖެނުއަރީ މަހު ފޮނުވި ނަން އަނބުރާ ގެންގޮސް، އެހެން ބޭފުޅެއްގެ ނަން މިއަދު މަޖިލީހަށް ފޮނުވައިފި އެވެ.
އޭސީސީގެ ނައިބު ރައީސްކަމަށް އައްޔަނު ކުރަން ރައީސް މުއިއްޒު މިދިޔަ ޖެނުއަރީ 26، ގައި ރައީސް ފޮނުއްވީ އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން ގެ ނަމެވެ. ނަމަވެސް އޭނާގެ ނަން އަނބުރާ ގެންގޮސް މިއަދު އޮތް ޖަލްސާގައި ރިޔާސަތުން އިއްވި ސިޓީގައި އެ މަގާމަށް އައްޔަނު ކުރުމަށް ރައީސް ހުށަހަޅުއްވާފައި އޮތީ އޭސީސީގެ މެންބަރު، އަބްދުﷲ ނާޝިދު، ފަސާނާ، ރ. އަލިފުށިގެ ނަމެވެ.
އޭސީސީގެ ނައިބު ރައީސް ކަމަށް އައްޔަނު ކުރަން ރައީސް ފުރަތަމަ ފޮނުއްވި ނަން ބަދަލު ކުރެއްވި ސަބަބެއް މަޖިލީހަށް އިއްވި ސިޓީގައި ބަޔާން ކުރައްވައިފައެއް ނުވެ އެވެ.
އޭސީސީގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް، އަބްދުއްސަލާމް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް މަގާމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގައި ހިނގަމުން ދަނިކޮށެވެ.

އެ ގޮތުން ބިިންވެރިޔާ ސްކީމުގެ މައްސަލަ ތަހުގީގު ކުރުން ލަސް ކުރުމާއި އެހެން ލޯފާމެއްގައި މަސައްކަތް ކުރުން ފަދަ ގާނޫނާ ހިލާފު އެތައް އަމަލެއް ހިންގި ކަމުގެ ތުހުމަތު އޭނާއަށް ކޮށްފައިވެ އެވެ.
ނަމަވެސް އަބްދުއްސަލާމް އިސްތިއުފާ ދެއްވީ ކުރެވުނު ތުހުމަތުތައް ދޮގުކޮށް ރައީސް މުއިއްޒުއަށް ފޮނުއްވި ސިޓީއަކުންނެވެ.












